ޓޯކޮށްގެން ގެންދާ އުޅަނދުތަކުގެ މައުލޫމާތު އާންމުކުރަން ފަށައިފި

ފުލުހުން ވެހިކަލެއް ޓޯކޮށްގެން ގެންދަނީ - ފޮޓޯ: ޕޮލިސް

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން ޓޯ ކޮށްގެންް ގެންގޮސްފައިވާ އުޅަނދުތަކުގެ މައުލޫމާތު ފުލުހުންގެ ވެބްސައިޓުގައި އާންމު ކުރަން ފަށައިފި އެވެ.

ޓޯކޮށްގެން ގެންނަ އެއްގަމު އުޅަނދުގެ މަޢުލޫމާތު ޓޯކުރާތާ ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޢާއްމުކޮށް ފެންނަން ހުންނާނެ ގޮތަށް ހަދަން ޖެހޭނެ ކަމަށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގައި ބަޔާންކޮށްފައި ވާއިރު، ޓޯކުކުރާ އުޅަނދުގެ މައުލޫމާތު ފެންނާނެ ގޮތަށް ފުލުހުންގެ ވެބްސައިޓު ވަނީ ފަރުމާކޮށްފައެވެ.

މިހާތަނަށް ވެބްސައިޓުގައި އާންމު ކޮށްފައި ވަނީ ދެ ލިސްޓެކެވެ. މި މަހުގެ 10 ވަނަ ދުވަހު އާންމު ކުރި ލިސްޓުގައި ޓޯކު ކޮށްފައިވާ އަށް އުޅަނދެއްގެ މައުލޫމާތު ވަނީ އާންމު ކޮށްފައެވެ. މި އަށް އުޅަނދުގެ ތެރޭގައި ހިމެނެނީ ހަތް މޮޓޯސައިކަލާއި ބައިސްކަލެކެވެ.

އޭގެ އިތުރުން މިއަދު އާންމު ކުރި ލިސްޓުގައި 17 އުޅަނދެއްގެ މައުލޫމާތު ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިންވެސް މޮޓޯ ސައިކަލެވެ.

ލިސްޓުން އުޅަނދުގެ ރަޖިސްޓްރީ ނަންބަރުގެ އިތުރުން އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ސަރަހައްދު ވެސް ހިމަނާފައި ވެއެވެ.

ގަވާއިދާ ޚިލާފަށް ޕާކުކުރާ އެއްގަމު އުޅަނދާއި ޕާކުކުރަން ކަނޑައަޅާފައިވާ ތަނެއްގައި މެދުކެނޑުމެއް ނެތި ހަތް ދުވަހަށްވުރެ އިތުރަށް ޕާކުކޮށްފައި ހުންނަ އުޅަނދު ވެސް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، މޯލްޑިވްސް ޕޮލިސް ސާވިސްއިން ނަގައިގެން ގެންދާނެއެވެ.

ފުލުހުން ނަގައިގެން ގެންދާ އުޅަނދު ތަކުގެ މައުލޫމާތު އާންމު ކުރާނީ، އެ އުޅަނދެއް ނަގައިގެން ގެންދާތާ 24 ގަޑިއިރު ވުމުންނެވެ.

ނަގައިގެން ގެންދާ އުޅަނދުގެ މަޢުލޫމާތު ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން ޙަވާލުނުވެ ހުންނަ އުޅަނދާ ދޭތެރޭ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ނަގައިގެން ގެންދާ އުޅަނދުތަކުގެ މައުލޫމާތު ވެބްސައިޓުގައި އާންމު ކުރާ ގޮތަށް ހަމަޖެއްސީ އެކިއެކި މައްސަލަތަކާ ގުޅިގެން ޓޯކޮށްގެން ގެންނަ އެއްގަމު އުޅަނދުގެ މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ފަސޭހައިން ދާޢިމީ ގޮތެއްގައި ފެންނަން ހުންނާނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.

comment ކޮމެންޓް