ފުށިދިއްގަރުފަޅުގެ މައްސާލަގައި އޭސީސީން އަދީބާ ސުވާލުކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު --- ސަން ފައިލް ފޮޓޯ

ކ. ފުށިދިއްގަރުފަޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމާ ގުޅޭގޮތުން ކޮރަޕްޝަނަށް މަގުފަހުވާގޮތަށް އެގްރީމެންޓެއްގައި ސޮއިކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން އަދީބާ އޭސީސީން ސުވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ސިރާޖު ވިދާޅުވީ ޖޮއިންޓްވެންޗާ އެގްރީމެންޓުގައި އަދީބު ސޮއިކުރެއްވީ ހެކިވެރިއެއްގެ ގޮތުގައި ކަމަށާއި ސަރުކާރުގެ ފަރާތުން އެ އެގްރީމެންޓުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކަމަށެވެ.

ޖޮއިންޓްވެންޗާ އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.

ސިރާޖު ވިދާޅުވީ އެކަމުގެ މާސްޓާ ލީސް އެގްރީމެންޓުގައި ސޮއިކުރުމަށް ރައީސް ޔާމީން ސިޓީއަކުން އެންގި ކަމަށް ވިދާޅުވެ އަދީބު އޭސީސީއަށް ބަޔާނެއް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެ އެގްރީމެންޓުގައި އަދި ސޮއިނުކުރާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

އެ މައްސަލަ އޭސީސީ އަށް ހުށަހެޅުއްވީ ރައީސް ވަހީދު ސަރުކާރުގެ ހިއުމަންރައިޓްސް އެމްބެސެޑަރު އަހްމަދު އިބްރާހީމް ދީދީ (ސަންދާނު އަހަންމައިދީ) އެވެ.

އެ މައްސަލަ ބަލައި ވަކިގޮތެއް ނިމެންދެން ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ފުށިދިއްގަރުފަޅު ދޫނުކުރަން އޭސީސީން ދާދިފަހުން ވަނީ ޓޫރިޒަމް މިނިސްޓްރީއަށް އަންގައިފަ އެވެ.

comment ކޮމެންޓް