އަރަބިއްޔާގައި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދޭން އުޅޭތީ ބެލެނެވެރިން ރަތަށް!

އަރަބިއްޔާ ސްކޫލު---

އަންނަ މަހުގެ 13 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އަރަބިއްޔާ ސްކޫލުގައި ދެ ޖިންސުގެ ދަރިވަރުން މަސްހުނިކޮށް ކިޔަވައިދޭން ނިންމުމާއި ގުޅިގެން އެ ސުކޫލުގެ ބެލެނިވެރިން ކަންބޮޑުވެއްޖެ އެވެ.

އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ދެ ސުކޫލުގެ ތެރެއިން އެއް ސުކޫލެވެ.

ސްކޫލުގެ ފަރާތުން އިސް ފަރާތެއް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އަހަރު ފިޔަވާ އެހެން އަހަރުތަކުގައިވެސް ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ދެ ޖިންސު އެއްކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ދެ ޖިންސުގެ ކުދިން އެއްކޮށްލައިގެން ކިޔަވާދިން ނަމަވެސް މިއަހަރު ކިޔަވައިދީފައި ވަނީ ދެ ޖިންސު ވަކިން ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަން ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަންނަ އަހަރު ދެ ޖިންސުގެ ކުދިންނަށް ވަކިން ކިޔަވައިދިނުމަށް ސްކޫލުގެ މެނޭޖުމަންޓުން ނިންމާފައިވާ ކަމަށެވެ.

ސްކޫލުގެ ފަރާތުން ވިސްނުމަށް ފަހު ވަކި ކޮށްގެން މިއަހަރު ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް ބަދަލު ކުރުމުން ޖާގައިގެ ގޮތުން ދަތި ތަކެއް ކުރިމަތިިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަބަދުވެސް އަރަބިއްޔާގައި ކިޔަވައިދެމުން އައީ ދެ ޖިންސް މިކްސް ކޮށްލައިގެން. އެހެން ނަމަވެސް ސްކޫލުގެ މެނޭޖްމެންޓް އިން މިއަހަރު ނިންމީ ދެ ޖިންސު ވަކި ކުރުމަށް. އަނެއްކާ ކުރިން އޮތް ގޮތަށް ބަދަލު ކުރާތީ ބެލެނިވެރިން ހިތް ހަމަ ނުޖެހިގެން އަސްލު މިއުޅެނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަރަބިއްޔާ އަކީ މިނިސްޓްރީގެ ދަށުން ކިޔަވައިދެމުން އަންނަ ތަނަކަށް ވުމާއެކު އެހެން ސްކޫލުތަކެކޭ އެއްފަދަައިން އަންނަ އަހަރުވެސް ކުރިން ކިޔަވައިދޭ ގޮތަށް ދެ ޖިންސު އެކުގައި ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އަރަބިއްޔާއަކީ މާލޭގައި ހުރި ހަމައެކަނި އަރަބި އިސްލާމިކް މީޑިއަމްއަށް ކިޔަވައިދޭ ސްކޫލު. އެހެން ކަމުން ސްކޫލަށް އަޅުގަނޑުމެން ދަރިވަރުން ފޮނުވަނީ އިސްމާލީ ތަރުބިއްޔަތު ރަނގަޅަށް ދިނުމުގެ ބޭނުމުގައި. ނަމަވެސް ދެ ޖިންސުގެ ދަރިވަރުން ސްކޫލުގައި އެއްކޮށްލައިގެން ކުރިއަށް ގެންދަންޏާ ދީނީ ގޮތުން ދެ ޖިންސުގެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭ ކިޔަވައިދޭން އުނދަގޫވާނެ،" އަރަބިއްޔާ ސްކޫލަށް ކުރިން ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބެލެނިވެރިޔަކު ބުންޏެވެ.

އޭނާ ބުނީ ދެ ޖިންސުގެ ދަރިވަރުން ކްލާސްތަކުގައި އެއްކޮށްލައިގެން ކުރިއަށް ގެންދާ ނިޒާމަކީ ފެއިލް ވެފައިވާ ނިޒާމެއް ކަމަށެވެ. އަދި އެކަން ރިސާޗުތަކުން ސާބިތުކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން އިތުރު ބެލެނިވެރިޔަކު ވިދާޅުވީ އަރަބިއްޔާ ސްކޫލަށް ދަރިވަރުން ފޮނުވަނީ ސުންނަތާ ވީހާވެސް އެއްގޮތަކަށް ކިޔެވުން ބަހައްޓާ ތަރުބިއްޔަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެހެން ކަމުން ދެ ޖިންސުގެ ދަރިވަރުން އެއްކޮށްގެން ކިޔަވައިދޭން ފެށުމުން ސުންނަތާ އެއްގޮތަށް ކިޔަވައި ދިނުމަށް ބެލެނިވެރިންނަށް އުނދަގޫވާއިރު ދަރިވަރުންނަށް ވެސް އެކި ކަހަލަ އުނދަގޫ ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ސްކޫލަށް ހިދުމަތްތަކެއް ކޮށްދީފައިވާ ބެލެނިވެރިއަކު ބުނީ ދެ ޖިންސު އެއްކޮށް ކިޔަވައިދޭން އުޅޭތީ ބެލެނެވެރިން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މިހާރު އެ ސުކޫލުގެ މެނޭޖުމަންޓަކީ ބެލެނިވެރިންގެ ނިންމުންތައް އަޑުއަހަމުން އަންނަ މެނޭޖްމެންޓެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަރަބިއްޔާ ސްކޫލުގެ މިހާރު އޮތް މެނޭޖްމެންޓަކީ ބޯހަރު މެނޭޖްމެންޓެއް،" އޭނާ ބުންޏެވެ.

ސްކޫލުގެ ޕްރިންސިޕަލް ސާމިޔާ ޒަކަރިއްޔާ، ބެލެނިވެރިން ގާތު ވިދާޅުވެފައިވަނީ އެހެން ސްކޫލުތަކާ އެއްފަދައިން ދެ ޖިންސު އެއްކޮށްލައިގެން ކިޔަވައިދޭން ފެށުމަކީ ސްކޫލުން ބަލައިގަންނަ ކަމެއް ކަމަށެވެ.

އިތުރު ބެލެނިވެރިޔަކު ބުނެފައިވަނީ އަރަބިއްޔާ ސްކޫލަކީ އެޑިއުކޭޝަން މިނިސްޓްރީ އިން ރަނގަޅަށް ބަލަމުން ގެންދާ ތަނެއް ނޫން ކަމަށެވެ. ގިނަ ކަންތައްތައް އެ ސްކޫލުގައި ހިނގަނީ މިނިސްޓްރީގެ އެންގުމެއް ވެސް ނެތި ކަމަށް އޭނާ ބުންޏެވެ.

"އަރަބިއްޔާ މިހާރު ވެފައިވަނީ ސްކޫލުގެ މެނޭޖްމެންޓުން އެކްސްޕެރިމެންޓް ހެދުމަށް ބޭނުން ކުރާ ތަނެއްގެ ގޮތުގައި. އެފަރާތްތަކުން ބޭނުންވާ ގޮތެއް ހަދަނީ މި،" އޭނާ ބުންޏެވެ.

އެހެން ސްކޫލުތަކާ ހިލާފަށް އަރަބިއްޔާ ސްކޫލަކީ 18 މާއްދާ ކިޔަވައިދޭ ސްކޫލެކެވެ. އާޓް އާއި ސައިންސް ސްޓްރީމް އޮންނަ އެ ސްކޫލުގައި އަށަކުން މަތީ ދަރިވަރުން 16 މާއްދާ ކިޔަވަންޖެހެ އެވެ.

ގްރޭޑް 12 އާ ހިސާބަށް ކިޔަވައިދޭ އަރަބިއްޔާގައި އޭލެވެލް ހަދާ ދެ ގްރޭޑްގެ ދަރިވަރުން ކިޔަވަމުން އަންނީ ދެ ޖިންސުގެ ދަރިވަރުން އެއްކޮށްލައިގެންނެވެ. ސަބަބަކީ ސްކޫލުގައި މާތީ ސާނަވީ ކިޔަވާ ދަރިވަރުންގެ އަދަދު މަދުވުމާ ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އަރަބިއްޔާގައި އަބަދުވެސް ޖިންސު އެއްކޮށްލައިގެން ކިޔަވައިދެމުން ދާތީ އަންނަ އަހަރުވެސް ކިޔަވައިދޭނީ އެގޮތަށް ކަމަށެވެ.

comment ކޮމެންޓް