މައްސަލަ އިސްތިއުނާފު ކުރައްވަން ނަޝީދު ނިންމެވުމުން ސަރުކާރުން މަރުހަބާ ކިޔައިފި

ނަޝީދު ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރުވާފައި ---- ސަން ފައިލްފޮޓޯ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރެއްވުމަށް އެމަނިކުފާނު ނިންމެވުމުން ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޝަކުވާތައް ހުށަހަޅުއްވަން ވާނީ އެކަމާ ގުޅޭ ޝަރުއީ މުއައްސަސާއަށް ކަމަށް ސަރުކާރުން އަބަދު ވެސް ބުނަމުން އައި ކަމަށެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްސަލައިގައި ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ދީފައިވާ ލަފަޔަށް ރިއާޔަތް ކުރަން ޖެހޭނީ ސުޕްރީމްކޯޓުން ކަމަށް ވެސް ސަރުކާރުން ބުނަމުން އައިސްފައިވާނެ ކަމަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ގާނޫނީ ހުކޫމަތަށް ދިވެހި ސަރުކާރުން އިހުތިރާމް ކުރެ އެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ މިނިވަންކަމާ އެކު ވަކިފަރާތަކަށް ނުޖެހި ކަމަށް ސަރުކާރުން ދެކޭ ދެކުން އަލުން ހަރުދަނާ ކުރެއެވެ،" ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން އިއްޔެ ވަނީ ބުނެފަ އެވެ. ނަޝީދުގެ ގާނޫނީ ޓީމުން އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި ގާނޫނީ ވަކީލު އިބްރާހީމް ރިއްފަތު ވިދާޅުވީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމީ ކްރިމިނަލް ކޯޓުން މައްސަލަ ބެލި ދެ ފަނޑިޔާތަކު މިހާރު އެކޯޓުގައި ތިއްބެވުމުން ކަމަށެވެ.

comment ކޮމެންޓް