އަދީބުގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި

އަހުމަދު އަދީބު: ބަންދުގައި ބަހައްޓާފައި ހުންނަތާ 51 ދުވަސް ވެއްޖެ-- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް ޖަހާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސް ކޯލެއް މެދުވެރިކޮށް އަދީބުގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.

ދޫނިދޫގައި އަދީބު ބަންދުކޮށްފައިވާތާ މިއަދަށް 51 ދުވަސް ވަނީ ވެފަ އެވެ.

ސަރުކާރުގެ ދަތުރުފުޅެއްގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިދިޔަ އޮކްޓޯބަރު 24 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން އައިއެންއައިއޭއިން އޭނާ ހައްޔަރު ކުރުމަށްފަހު ގެންދިޔައީ ދޫނިދޫއަށެވެ.

އަދީބުގެ މައްޗަށް ތިން ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާތަނަށް ވަނީ އުފުލާފަ އެވެ. އޭގެ ތެރެއިން އެއް ދައުވާއެއްގެ ޝަރީއަތް ހިންގުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ވަނީ އެކުލަވާލާފަ އެވެ. އެ ފަނޑިޔާރުންގެ ބެންޗުން ބަލާނީ އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނާ މައްސަލައެވެ.

އަދީބުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. އާ ގާނޫނުލް އުގޫބާތުގެ ދަށުން އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރާއްޖެއިން ބޭރުގެ ބަޔަކަށް ދޫކުރުމަށްފަހު ލިބުނު ފައިސާ ނަހަމަގޮތުގައި ބޭނުން ކުރި ކަމަށް ބުނާ މައްސަލާގަ އެވެ.

ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންތަކަކަށް އަދީބު ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ވެސް އަދީބުގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

comment ކޮމެންޓް