ވިލިނގިލީގައި ތާރު އަޅަން މަގުތައް ތައްޔާރުކޮށްފި

ވިލިނގިލީގައި ތާރު އަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ ފަހުގެ ތައްޔާރީތައް ކުރިއަށް-- ފޮޓޯ/ އެމްއާރްޑީސީ

ގއ. ވިލިނގިލީ މަގުތަކުގައި ތާރު އަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.

ވިލިނގިލީ 15 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އެޅުމަށް ވަނީ ނިންމައިފަ އެވެ. އެމްއާރްޑީސީއާ 2013 ވަނަ އަހަރު ހަވާލު ކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގަ އެވެ. އެ މަސައްކަތުގެ ދަށުން މިއަހަރު ހަ ކިލޯ މީޓަރެއްގެ މަގު ހަދައި ނިންމާނެ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.

އެމްއާރްޑީސީ ވިލިނގިލީ ސައިޓުގެ އެސިސްޓެންޓް މެނޭޖަރު އަހުމަދު އަމީރު "ސަން"އަށް މިއަދު ވިދާޅުވީ ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅަން ފެށުމުގެ ކުރިން ފެން ހިންދާނެ ނިޒާމް ގާއިމް ކުރުމާއި މަގުތަކުގައި ހޮޅި ވަޅުލައި ނަރު ވަޅުލާނެ ޖަންގުޝަން ހަދާފައިވާ ކަމަށެވެ. އަދި ތާރު އެޅެމުގެ ކުރިން މަގުތަކުގައި ސިމެންތި ފަށަލައެއް އަޅަމުންދާ ކަމަށާއި އެ މަސައްކަތް ހަތަރު މަގެއްގައި ކުރަމުންދާ ކަމަށް އަމީރު ވިދާޅުވި އެވެ.

"މަގުގަައި ތާރު އަޅަން ފެށުމުގެ ކުރިން ސިންމެންތި ލޭޔާއެއް ބިންމަތީގައި ފަތުރާލަން ޖެހޭ. ރަށުގެ ބޮޑު މަގުގައި އެ މަސައްކަތް ނިމިފައި ވަނީ. އެ މަގުގައި ތާރު އަޅަން ތައްޔާރުވެފައި އޮތީ،" އަމީރު ވިދާޅުވި އެވެ.

ވިލިނގިލީގައި ތާރު އަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ ފަހުގެ ތައްޔާރީތައް ކުރިއަށް--

އޭނާ ވިދާޅުވީ ތާރު އަޅަން ބޭނުން ކުރާ ސާމާނުތައް ރަށަށް ގެނެސްފައިވާ ކަމަށާއި ތާރަ އެޅުމުގެ މަސައްކަތް ކުރާނީ އެ މަޝްރޫއުގެ ސަބް ކޮންޓްރެކްޓަރު ޝިއަރާ ކޮންސްޓްރަކްޝަނުން ކަމަށެވެ. ޝިއަރާ ކޮންސްޓްރަކްޝަނަކީ ލަންކާ ކުންފުންޏެކެވެ.

އަމީރު ވިދާޅުވީ ރަށުގެ ފެން ހިންދާ ނިޒާމު ގާއިމު ކުރަން ނިންމާފައި ވަނީ "ގްރެވިޓީ" ސިސްޓަމެއް މެދުވެރިކޮށް ކަމަށެވެ. އެ ސިސްޓަމަކީ ރަަށުގެ ހުސް ބިންތަކުގެ ތާންގީތަކެއް ފައްތައިގެން ފެން ހިންދާ ގޮތަށް ގާއިމް ކުރާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިނގިލީގައި ތާރު އަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ ފަހުގެ ތައްޔާރީތައް ކުރިއަށް-- ފޮޓޯ/ އެމްއާރްޑީސީ

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތ. ވިލުފުށި އާއި ގދ. ތިނަދޫގައި އާއި ދ. ކުޑަހުވަދޫގައި އިތުރުން ހއ. ދިއްދޫ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް