ބޮޑުފޮޅުދޫ: ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށަކަށް

އއ. ބޮޑުފޮޅުދޫ: ތިމާވެށިން މިސާލު ދައްކަނީ --

ރާއްޖޭގެ ފުރަތަމަ ފަހަރަށް ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށެއްގެ ގޮތުގައި އއ. ބޮޑުފޮޅުދޫ ހެދުމަށް ރަށުގެ ކައުންސިލުން ނިންމައިފި އެވެ.

"ޕްލާސްޓިކް ބޭގް ފްރީ އައިލެންޑް" އަކަށް ބޮޑުފޮޅުދޫ ހެދުމަށް ޓަކައި ވިޔަފާރިވެރިންނާއި ރައްޔިތުންނާ ވަނީ މަޝްވަރާކޮށްފަ އެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ބުނެފައި ވަނީ އަންނަ ޖެނުއަރީ އިން ފެށިގެން ރަށުގެ ފިހާރަތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާނެ ކަމަށެވެ. އަދި އެފަދަ ކޮތަޅުތައް ޖެނުއަރީ އިން ފެށިގެން ބޭނުން ކުރުން މަނާ ކުރާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ކައުންސިލް އިން ބުނެފައި ވަނީ އަންނަ ޖެނުއަރީ 15ގެ ކުރިން ފިހާރަތަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅުތައް ފޯރުކޮށްދީ ނިމެނޭ ކަމަށެވެ.

އޭޕްރިލް މަހުން ފެށިގެން ބޮޑުފޮޅުދޫ އަށް ޕްލާސްޓިކް ކޮތަޅު ގެނައުން އެއްކޮށް ހުއްޓާލާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ރަށަށް ޕްލާސްޓިކް ކޮތަޅު ގެނައުން ހުއްޓުވައި ޕްލާސްޓިކް ކޮތަޅުގެ ބޭނުން ލިމިޓް ކުރުމަށް މިއަދު ވަނީ ގެސްޓް ހައުސެސް އޮފް މޯލްޑިވްސް ވެބްސައިޓް އާ ދެމެދު ކައުންސިލަރުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ އަދަދު އަންނަނީ މިހާރު މަދުވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގައި ތިމާވެއްޓާ ރައްޓެހި ފޮތި ކޮތަޅު ބޭނުން ކުރަން ފެށުމާ އެކު ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ އަދަދު ވަނީ 80 ޕަސެންޓު ދަށް ވެފަ އެވެ.

އާދައިގެ ޕްލާސްޓިކް ކޮތަޅެއް ފަނާވުމަށް ގިނަ އަހަރުތަކެއް ނަގާ އިރު އަހަރެއްގެ މައްޗަށް އެއް ޓްރިލިއަން އެއްހާ ޕްލާސްޓިކް ކިތަޅު އުފައްދާ ކަމަށް މާހިރުން ބުނެ އެވެ.

comment ކޮމެންޓް