70 ރަށެއްގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ހައުސިންގ މިނިސްޓްރީގެ ޕްލޭނިންގެ އެންޑް ޑިވެލޮޕްމަންޓް ކޮންޓްރޯލްސްގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން - ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ 70 ރަށެއްގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގް މިނިސްޓްރީގެ ޕްލޭނިންގެ އެންޑް ޑިވެލޮޕްމަންޓް ކޮންޓްރޯލްސްގެ މަސައްކަތްތަކާ ގުޅޭގޮތުން އެ މިނިސްޓްރީން ބުނެފައި ވަނީ މިއަހަރުގެ ތެރޭގައި ހަ ރަށެއްގެ ބިން ހިއްކިފައިވާ ކަމަށެވެ.

އެ ހަ ރަށަކީ ހއ.މުރައިދޫ، އއ.މަތިވެރި، އއ.ބޮޑުފުޅަދޫ، ދ. މީދޫ، ކ.ތުލުސްދޫ އަދި ބ.އޭދަފުއްޓެވެ.

އެ ހަ ރަށުގެ ތެރެއިން މީދޫ އާއި ތުލުސްދޫގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި ނިމިފައި ވާއިރު، އޭދަފުށީގެ މަސައްކަތް އޮތީ ފައިނަލް ސްޓޭޖުގައެވެ.

މީގެއިތުރުންވެސް 13 ރަށެއްގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ހައުސިން އިން ބުންޏެވެ.

އަންނަ އަހަރު 70 ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމަށް ރޭވިފައި ވާއިރު، އޭގެ ތެރެއިން 60 ރަށެއްގެ ޕްލޭން އުކުލަވާލުމަށް ހަމަޖެހިފައިވަނީ އާންމުކޮށް އިއުލާން ކޮށްގެނެވެ. ބާކީ 10 ރަށުގެ ޕްލޭން ކުރުމަށް ހަމަޖެހިފައިވަނީ ހައުސިން މިނިސްޓްރީގެ ފަރާތުންނެވެ.

ހައުސިން މިނިސްޓްރީން ބުނީ، ބިން ބޭނުންކުރާނެ ގޮތް އެކުލަވާލާއިރު، އެންމެ ބޮޑަށް ބެލެވޭނީ އެރަށުގެ ކުޑަބޮޑުމިނަށެވެ. އަދި އިގްތިސާދީ ވަކި މަސައްކަތްތަކަށް ޚާއްސަ ރަށްތަކުގެ ޕްލޭން އެކުލަވާލާއިރު، އެފަދަ ކަންކަން ތަރައްގީކުރުމުގެ މަގު ފަހިވާ ގޮތަކަށް ޕްލޭން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް