އެއިޑުސްއާ ގުޅޭގޮތުން ކޮންމެހެން އެނގެންޖެހޭ މައުލޫމާތު!

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުން - ފޮޓޯ: އޭޕީ

އެޗްއައިވީ އެއިޑްސްއާ މެދު އާންމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކޮށްފަ އެވެ. އެއިޑް ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާތާ 27 އަހަރު ވެއްޖެ އެވެ. އެއިޑްސް ބައްޔަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ބައްޔެވެ.

މިއަދު މުޅި ދުނިޔޭގައި އެއިޑްސް ޖެހިފައިވާ 36.9 މީހުން ތިބި އިރު، 2030 އަހަރާ ހަމައަށް ދާއިރު، އެއިޑްސްގެ ބިރުވެރިކަން ނައްތާލެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ލަފާކުރެ އެވެ.

އެ ބަލީގެ ނުރައްކާތެރިކަން ނައްތާލުމަށް، އެ ޖަމްއިއްޔާ އިން ވަނީ ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަަގަ ކޮށްލެވެނީ އެޗްއައިވީ ޖެހިފައިވާ މީހުންނަށް ދޭ ފަރުވާ ދެ ގުނައަށް އިތުރު ކުރުމަށް ނިންމުމެވެ.

އެޗްއައިވީއަށް ދޭ ތެރަޕީއެއް ކަމުގައިވާ އެންޓި-ރެޓްރޮވައިރަލް ތެރަޕީ ހޯދަމުން އަންނަ މީހުންގެ އަދަދު މިއަދާ ހަމައަށް ވަނީ 16 މިލިއަނަަށް އަރާފަ އެވެ. މީގެ ތެރެއިން 11 މިލިއަން މީހުންނަކީ އެފްރިކާ ބައްރުގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

އެޗްއައިވީ އެއިޑްސް އެއްކޮށް ނައްތާލުމަށް 12 ބިލިއަން ޑޮލަރު ބޭނުންވާ އިރު، ބަލި ނައްތާލުމަށް ކުރެވުނު މަސައްކަތުން 2000 އިން ފެށިގެން 30 މިލިއަން މީހުންނަށް އެ ވައިރަސް ޖެހުމުން ސަލާމަތްވެ، އަށް މިލިއަން މީހުން އެ ބަލީގައި މަރުވުމުން ސަލާމަތް ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުންޏެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެޗްއައިވީ އެއިޑްސް ޖެހޭ މީހުންގެ ތެރެއިން 50 ޕަސެންޓު މީހުންނަކީ 25 އަހަރުން ދަށުގެ ޒުވާނުންނެވެ. އެފްރިކާގައި ކޮންމެ ހަފްތާއަކު އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ 800 އަންހެން ކުދިންނަށް އެބަލި ޖެހޭ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ބަލި ޖެހިފައިވާކަން ނޭނގޭ މީހުންގެ އަދަދު 19 މިލިއަނަށް އަރައެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 54 އިންސައްތައެއްހާ މީހުންނަށް ބަލި ޖެހިފައި ވާކަން ނޭނގެނީ ޓެސްޓު ހެދޭނެ މަގު ފަހިވެފައި ނުވާތީ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލު ކުރެއެވެ.

ދުނިޔޭގައި 36.9 މިލިއަން މީހުންނަށް އެޗްއައިވީ ޖެހިފައިވާއިރު، އޭގެ ތެރޭގައި 2.6 މިލިއަން ކުޑަކުދިން ހިމެނެއެވެ.

މިދިޔަ އަހަރު ގާތްގަނޑަކަށް ދެ މިލިއަން މީހުންނަށް އެޗްއައިވީ ޖެހިފައި ވާއިރު، ހަމަ އެ އަހަރު 1.2 މިލިއަން މީހުން ވަނީ އެބަލީގައި މަރުވެފައެވެ.

ފާއިތުވި 15 އަހަރުގައި އެއިޑްސް ޖެހިގެން މަރުވި 10-19 އަހަރުގެ ކުދިންގެ އަދަދު ވަނީ ތިން ގުނަ އިތުރުވެފައެވެ.

comment ކޮމެންޓް