އަންހެން ސޭޓުންގެ ކަނދުރާތަކަށް، ފޭރޭ މީހުންގެ ވަޅި!

އަންހެން ސޭޓުން ތިބޭ ފިހާރަތަކުގެ ވިޔަފާރި ރަނގަޅު ކަމަށް ވެއެވެ. އެހެންވެ ފިހާރަވެރިން ބަލަނީ އެމީހުންގެ "ވަތްގަނޑު" ރީތި އަންހެން ސޭޓަކާ ހަވާލުކޮށްގެން ތިބޭށެވެ. މިހާރު ބަދަލުވީ އެވެ. ވަތްގަނޑުގައި އަންހެން ސޭޓުން ބައިތިއްބޭކަށް ނެތެވެ. ފޭރޭ މީހުންގެ ނުރައްކާ އިންތިހާއަށް ދިޔައީ އެވެ. ވަޅި ހިފައިގެން ވަދެ އަންހެން ސޭޓު "ޝޮކް" ޖައްސާފައި ވަތްގަނޑު "ކޮޅާލައިގެން" ރައްކާވަނީ އެވެ.

ފަހަކަށް އައިސް ސްކޫލް ނިންމާ ވަރަށް ގިނަ އަންހެން ކުދިންގެ އެއް ނަމްބަރު ވަޒީފާއަކަށް ވެފައި އޮންނަނީ "ސޭލްސް ގާލް" ކަމެވެ. ރަނގަޅު ވަޒީފާއެކެވެ. ބޮޑަށް ރަނގަޅު ވަނީ ގިނަ ފަހަރަށް ފިހާރަވެރިންގެ "ހެޔޮކަމުން" އެފަދަ ވަރަށް ގިނަ ފިހާރަތަކެއްގެ ވަތްގަނޑު އަންހެން ސޭޓުންގެ އަތްމައްޗަށް ދޭތީ އެވެ. އަންހެނުންނަށް ވެސް ފުރުސަތެއް ދެވެނީ ކަމަށް ބެލެވޭތީ އެވެ. އެހެންނަމަވެސް ފިހާރަތަކަށް "ސޭލްސް ގާލްސް" ބޭނުންވާ ކަމަށް ބުނެ ތަތްކުރާ އާންމު "ކަރުދާސްކޮޅު" މިހާރު ދަނީ މަދުވަމުންނެވެ. މައިގަނޑު ސަބަބަކީ އަންހެން ސޭޓުންނަށާއި ސޭލްސްގާލް އިންނަށްބިރުވެރި ދުވަސްތަކެއް އައިސްފައިވުމެވެ. ފޭރޭ މީހުންގެ ކަޅި ވަނީ އަންހެން ސޭޓުން ތިބޭ ފިހާރަތަކަށް އަމާޒުވެފައިވުމެވެ.

މާލޭގެ ގާތްގަނޑަކަށް ހުރިހާ ފިހާރައެއްގެ ވަތްގަނޑު އަންހެން ސޭޓުންނަށް ލިބިފައިވާތީ ކުށަށް އަރައިގަތުން "ތަރައްގީ" ކޮށްފައިވާ ފޭރޭ މީހުންނަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ފަހަރަކު ފިހާރައަކަށް ވަދެ "ބޭނުންވާ އަދަދު" ހިފައިގެން ދިއުމުގެ މޫސުމެއް ވަނީ އައިސްފަ އެވެ.
"އަޅުގަނޑު އަބަދުވެސް ބުނަން ފިހާރައިގެ ކައުންޓަރުގައި އަންހެން ކުއްޖަކު އިންނަންޏާ އިތުރު ދެ ކުއްޖަކު މަޑުކުރަން. އެގޮތަށް މިހާރު ޑިއުޓީ ބަހައިގެން ކުރިއަށް މިގެންދަނީ،" މާލޭގައި ތިން ފިހާރަ އެއް ހިންގާ ވިޔަފާރިވެރި އަކު ބުންޏެވެ. "އެނޫން ގޮތެއް ނެތް. އެހެން ނޫނީނީ ޖެހޭނީ އަންހެން ސޭޓުން ދޫކޮށްލަން،"

އަންހެން ސޭޓުންނަށް ބިރުދައްކައި ފިހާރަތަކުން ފޭރުން، ފަހަކަށް އައިސް އިތުރުވެފައިވާއިރު އެއް ދުވަހަކު އެއްމަގެއްގެ، ތިން ފިހާރައަކުން ފައިސާ ފޭރިގެންފައި ވެސް އެބަހުއްޓެވެ. އެއް ފިހާރައަކަށް ވަދެ އަންހެން ސޭޓު ބިރުގަންވާ، ފިއްކަނޑުވާލަފައި ފައިސާ ފޭރުނުތާ 48 ގަޑިއިރު ނުވަނީ އެގޮތަށް ފޭރުމުގެ ހާދިސާތައް ތަކުރާރުކޮށް ވަނީ މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި ހިނގާފަ އެވެ.

ފިކުރު ބޮޑުވެފައިވާ މި މައްސަލައާމެދު ބައެއް ވިޔަފާރިވެރިން ދެކެނީ އެ މީހުން، އަންހެން ކުދިންނަށް ދެމުން އައި "ހެޔޮ ފުރުސަތު" ހުއްޓައިލުން ނޫން ގޮތެއް ދެން ނެތް ކަމަށެވެ.
"ވިޔަފާރި އެބަޖެހޭ ސަލާމްތް ކުރަން. އަންހެން ސޭޓް ބައިންދައިގެން ވިޔަފާރިވޭ، އެކަމަކު އެ ފައިސާކޮޅު އަތަށް ލިބުމުގެ ކުރިން ފޭރިގަންންނަށްޏާ އަންހެން ސޭޓަކު ނުބޭންދޭނެ... އަޅުގަނޑު މިހާރު ނުގެންގުޅެން. އެހެން ނޫންސް ފޭރޭ މީހުން ވަންނަ ފިހާރައަކަށް ވިޔަފާރި ކުރާ މީހުން ނުވަންނާނެ،" އޭނާ ބުންޏެވެ.

ބައެއް އެހެން ވިޔަފާރިވެރިން ބުނާ ގޮތުގައި ފިހާރަތަކުން ފޭރެނީ ހަމައެކަނި އަންހެން ސޭޓުން ބައިތިއްބައިގެން ނޫނެވެ. އޭގައި އެހެން ކަމެއް ވެއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަކި ޖިންސެއްވީމަ ވާގޮތެއް ނޫން ފިރިހެން ކުދިން ތިއްބަސް ފޭރެން ބޭނުންވާ މީހަކު ފޭރޭނެ،" މާލޭގައި އެންމެފަހުން ފަޅާލި ވިންޓާ މާޓް ފިހާރައިގެ މެނޭޖަރު އަލީ ޖަބީން ވިދާޅުވި އެވެ.

ބޮޑު ޚަރަދު ކޮށްގެން ހިންގަމުންދާ ފިހާރަތަކަށް ސޭޓުން ލުމުގައި އަންހެން ސޭޓުން ބައެއް ފަހަރު ބޭނުން ކުރަން ޖެހެނީ އަންހެން ކުދިން ކޮންމެހެން ބޭނުންވާތީ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އެހެންނަމަވެސް ގިނަ ވިޔަފާރި ވެރިން މިހާރު ބުނަނީ އަންހެން ކުދިން ލައިގެން އެމީހުންގެ ވިޔާފާރިއަށް ފޭރޭ މީހުން ލައްވާ ގެއްލުންތައް ދޭން، ބަލަން ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އަންހެން ސޭޓް ތިބެގެން ވަނީ ގެއްލުންތޯ ވަނީ ފައިދާތޯ ބެލުން އެއީ މުޅިން އެހެން ބަޔަކު ކުރަންޖެހޭ ސާވޭ އެކެވެ. މިއަދު ހަގީގަތަކީ އަންހެން ސޭޓުންގެ ކަނދުރާގައި ވަޅި ޖައްސާފައި ފިހާރަތަކުގެ ވަތްގަނޑުގެ ފޫ ކަހާލައިގެންދާ ކަމެވެ. ހުއްޓުމަކަށް ނައިސް އެކަމުގެ މޫސުމެއް ހިނގަން ފަށާފައިވާ ކަމެވެ.
މީހުން ބުނަނީ ފެރޭ ކަމަށެވެ. ވިޔަފާރި ވެރިން ބުނަނީ ފޭރޭ ކަމަށެވެ. އަންހެން ސޭޓުން ބުނަނީ ވަޅި ދިއްކުރާ ކަމަށެވެ. ހަބަރުތަކަށް އެވާހަކަތައް އަރައެވެ. އެކަމަކު ފުލުހުން ބުނަނީ އަންހެން ސޭޓުން ތިބޭ ފިހާރަތަކުން ފޭރުން އިތުރުވެފައިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އެހެން އެގޮތަށް އޮތިއްޔާ އޭގެ މާނައަކީ މިހާރު އާންމުވަމުން ދާ ފޭރުންތައް ކުރިންވެސް އެ ފެންވަރުގައި އޮވެއެވެ. އެކަމަކު އެ ފޭރުންތަކުގެ ވާހަކަ ފުލުހުން ނުބުނެ ތިބެނީ އެވެ.

މިދިއަ މަހު ފިހާރަތަކުން ކޮށްފައިވާ ގިނަ ވައްކަން ތަކަށް ބަލާއިރު، ގިނަ ވައްކަންތަކާ ފޭރުންތަކަކީ އަންހެން ސޭޓުންނަށް ބިރުދެއްކުމަށްފު ކޮށްފައިވާ ވައްކަމާއި ފޭރުމެވެ. މައިގަނޑުގޮތެއްގައި ފޭރެނީ ވަޅިފަދަ ތޫނު ހަތިޔާރަކުން ބިރު ދެއްކުމަށް ފަހު އެވެ.

ފިހާރަތަކުގެ ވަޒީފާއަށް ދާ އަންހެން ކުދިންނަށް ވިޔަފާރިވެރިންގެ "ހެޔޮކަމުން" ލިބެމުން އައި ފުރުސަތުގެ ބޭނުން ކުރަން ވަރަށް އަންހެން ކުދިން މިއަދު ބިރުގަނެ ފަސްޖެހެ އެވެ. ފޭރޭ މީހުންގެ ވަޅިތަކުގެ މިޔަ އެމީހުންގެ ކަނދުރާގައި ޖައްސައި ބިރުގަންވާތީ އެވެ. އެފަދަ ހާދިސާއަކުން ލިބޭ ގެއްލުމުގެ ބަދަލު ފިހާރަވެރިޔާއަށް ދޭންޖެހުމުގެ ބިރަށް ބުރެ ޖާނަށް ލިބިދާނެ ގެއްލުމެއްގެ ބިރަށްޓަކަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް