މަހިބަދޫ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ

މަހިބަދޫގެ ބައެއް ކުޅުންތެރިން އެޓީމް ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިޣޭޓް ވެފައި --- ސަން ފައިލް ފޮޓޯ

މިދިޔަ ސީޒަންގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ގަދަ ހައެއްގައި ހިމެނު މަހިބަދޫ ސްޕޯޓްސް ކުލަބު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ.

މާޒިޔާއަތުން 7-1 ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ޕްލޭ އޮފްއިންވެސް ޖާގަ ނުލިބޭނެ ކަން ކަށަވަރުވެފައިވާ މަހިބަދޫ އޮތީ އެންމެ ޕޮއިންޓަކާއެކު ލީގް ތާވާލްގެ ފުލުގައެވެ.

ރޭ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މަހިބަދޫގެ ކޯޗް ކަމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޙުސައިން އައްބާސް ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާއަށް ބަލާފައި މަހިބަދޫއަކީ ރެލިގޭޓްވާން ޖެހޭނެ ޓީމެއްކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ނަމަވެސް އޭނައަށް ގަބޫލު ކުރެވޭ ގޮތުގައި ސީޒަން ދިގުލައިގޮސް ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރުކުރުމުގެ އިތުރުން، މިސީޒަންގައި މަހިބަދޫއަށް ޅަ އެއްޗިހިތަކެއް އެޅުނު ކަމަށް ހުސައިން ބުންޏެވެ.

އެއީ ބިދޭސީ ކޯޗެއް ގެނެސް އެކޯޗް ފޮނުވާލުމާއި ޓީމުގައި ކުރިންތިބި ބިދޭސީ ކުޅުންތެރިން ފޮނުވާލުމެވެ.

ޙުސައިން ބުނީ، އަލަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ކުރިން ތިބި ކުޅުންތެރިންގެ ކިބައިގައިހުރި ފެންވަރުވެސް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް ހެދުނު މިސްޓޭކެއް ކަންނޭންގެ ބޭރު ކޯޗެއް ލައިގެން މިކަން ފަށައި ގަނެވުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީ އެއް މިސްޓޭކް. ދެން ސީޒަން ދިގުލައި ގޮސް ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރު ކުރުން. އަލުގަނޑުމެންނަށް ކުރީބައިގައި ފިޔަވަޅުތަކެއް އެޅުނު ނަމަ މިޓީމް ރެލިގޭޓްވާކަން ނުޖެހޭނެ،" ޙުސައިން ބުންޏެވެ.

ޙުސައިން ބުނީ ކުރިން ހުރި ކޯޗް ސްޓައިކޯފްއާ ބައެއް ކުޅުންތެރިންނާ މައްސަލަވެސް ޖެހިފައިވާ ކަމަށެވެ.

މިހާރު ރެލިގޭޓް ވެފައިވާއިރު ކުރިއަށް ތިން މެޗްގައި ކުޅުންތެރިންގެ ފަރާތުން މެޗްގެ ސީރިއަސްކަން ފެނިދާނެތޯ ސުވާލުކުރުމުން ޙުސައިން ބުނީ އެންމެ ޕޮއިންޓެއްގައި އޮވެގެން ލީގް ނިންމާލުމަކީ މަހިބަދޫގެ ފެންވަރެއް ނޫން ކަމަށާއި ލީގް ނިންމާލާއިރު ތިން ޕޮއިންޓު ހޯދުމަށް ވިސްނާނެ ކަމަށާއި އެކަމުގެ ވިސްނުން ކުޅުންތެރިންނަށް ވިސްނައިދޭނެ ކަމަށެވެ.

މަހިބަދޫ ވަނީ މުޅިން އަލަށް މިސީޒަންގެ ޕްރެޒިޑެންޓް ކަޕްގައިވެސް ވާދަކޮށްފައެވެ.

comment ކޮމެންޓް