ޖަވާބު ބޭނުން! އެކަމަކު ދެން ދުވަހަކުވެސް ޖަވާބު ނުލިބޭނެ!

ހައި ކޯޓަށް ފަނޑިޔާރުން ހޮވި ގޮތުގެ މައްސަލައަކީ މިފަހުން އައިސް ރާއްޖޭގެ ކޯޓަކަށް ވެއްދި އެންމެ މުހިންމު، ނާޒުކު އެއް މައްސަލަ ކަމަށް ބުނެވިދާނެ އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވެސް ވިދާޅުވެފައި ވަނީ އެ މައްސަލައަކީ މުޅި ޖުޑިޝަރީއާ ގުޅުން ހުރި މުހިންމު މައްސަލައެއް ކަމަށެވެ. އެ މައްސަލަ ކޯޓަށް ވެއްދި ފަރާތުންނާއި އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވި ފަރާތުން ވަނީ ހައި ކޯޓަށް ފަނޑިޔާރުން ހޮވި ގޮތާމެދު ދުސްތޫރީ އަދި ގާނޫނީ އެތައް ސުވާލުތަކެއް އުފައްދައިފަ އެވެ. އެކަމަކު އާހިރުގައި ހައި ކޯޓަށް ހޮވި ފަނޑިޔާރުން ހުވާކުރި އިރު އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ.

ހައި ކޯޓަށް ފަނޑިޔާރުން ހޮވި ގޮތާމެދު ހިތްހަމަ ނުޖެހިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް އެ މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ކޯޓަށެވެ. އެ ކޯޓުން އެ މައްސަލަ ބަލަން ފަށައި، ހުވާ ކުރުމުގެ ކަންތައްތައް ކުރިއަށް ނުގެންދިއުމަށް އަމުރެއް ވެސް ނެރެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އެ ކޯޓަށް ބަދަލުކޮށްފަ އެވެ. އަދި އެ ކޯޓުގައި އެ މައްސަލަ ހިންގައި އަޑުއެހުންތައް ވެސް ނިންމާލި އެވެ. އެކަމަކު ހުކުމް ކުރުމުގެ މަރުހަލާގައި އޮއްވާ ބާރީ، ކޯޓުގެ ހުއްދަ ނުހޯއްދަވާ ރަށުން ބޭރަށް ފުރާވަޑައިގެންފައިވާތީ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްފަ އެވެ. އެހެންކަމުން ހައި ކޯޓަށް ޖޭއެސްސީން ހޮވި ފަނޑިޔާރުން މިހާރު ވަނީ ފަނޑިޔާރުކަމުގެ ހުވައި ކުރައްވައި އެބޭފުޅުންގެ މަސައްކަތަށް ނުކުންނަވާފަ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމެއް ނުކޮށް، މައްސަލަ ޓެކްނިކަލް ގްރައުންޑެއްގައި ބޭރުކޮށްފައިވާތީ ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ އެކަމާ ފާޑުވިދާޅުވެފަ އެވެ.

މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ފެމިލީ ކޯޓްގެ އިސް ގާޒީ، ހަސަން ސައީދު ތަދައްހުލްވުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ފޯރުކޮށްދެއްވާފައި ވަނީ އެކަމުގައި އޭނާގެ ވެސް ހައްގެއް އޮވެދާނެ ކަމަށް ފެންނާތީ ކަމަށެވެ. އެހެންކަމުން ދައުވާ ކުރާ ފަރާތުން ހާޒިރުނުވި ނަމަވެސް މައްސަލަ ބޭރު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޝާހީން ދެކެވަޑައިގަންނަވަ އެވެ.

"މައްސަލައިގެ ބާވަތުންނާ އެކީގައި އެއީ ބަލަންޖެހޭ މައްސަލައެއް ކަމަށް އަޅުގަނޑަށް ފެންނަނީ. ދެން މި މައްސަލައިގައި ގާނޫނީ ގޮތުން އެޅޭނެ އިތުރު ފިޔަވަޅެއް ވެސް ނެތް. ސުޕްރީމް ކޯޓަކީ އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތް. ދެން ދާނެ ވަކި ދިމާއެއް ނެތް. އެހެންވުމާއެކީގައި ގޮތެއް ނިންމުން މުހިންމު މައްސަލައެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" ވަކާލާތު ކުރައްވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުޅަދާނަ ވަކީލު ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ ކޮންމެ މައްސަލައެއް ވެސް ކޯޓަށް ވައްދަނީ އަދުލްވެރި އަދުލުވެރި ފުރިހަމަ ނިންމުމެއް ހޯދުމަށް ކަމަށެވެ. އަދި ގާނޫނީ ގޮތުން ސުވާލުތަކެއް އުފައްދާފައިވާއިރު މިފަދަ މައްސަލަތަކުގައި ގޮތެއް ނުނިންމާ މައްސަލަ ބޭރު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓަށް ފަނޑިޔާރުން ހޮވި ގޮތުގެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ބައެއްގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން އެ ކޯޓަށް ގެންދިޔަ ގެންދިޔުމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެ އެވެ.

މައްސަލައިގެ ބާވަތުން ނޫހުގައި ނަން ނުޖެހުމަށް އެދިވަޑައިގެން ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންގޮސް އަޑުއެހުން ނިންމާފައި އޮއްވާ، ޓެކްނިކަލް ގްރައުންޑެއްގައި އެ މައްސަލަ ބޭރު ކުރުމަކީ ސުޕްރީމް ކޯޓުން އެ މައްސަލަ ގެނައުމުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.

އޭނާ ވިދާޅުވީ ސިވިލް ކޯޓުގައި އެ މައްސަލަ ހިނގަމުންދަނިކޮށް ސުޕްރީމް ކޯޓަށް މައްސަލަ ގެންދިޔުމުން ބާރީ ގާޒީއަށް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ގެއްލިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ސުޕްރީމް ކޯޓުން ގެންދިއުމަކީ އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތުން ރައްޔިތެއްގެ ހައްގު ނިގުޅައިގަތުން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އަމިއްލައަށް އެ މައްސަލަ އެ ކޯޓަށް ގެންދިޔައީ ދަށު ކޯޓުގައި ހިންގަނިކޮށް. ދެން އެ އެގޮތަށް ޓެކްނިކަލް ގްރައުންޑެއްގައި މައްސަލަ ބޭރު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ގެންދިޔުމުގެ ބޭނުމެއް ވެސް ހާސިލެއް ނުވި. ގެންދިޔަ ގެންދިޔުމުގެ އިހްލާސްތެރިކަމާމެދު ވެސް ސުވާލު އުފެދޭ،" ވަކީލު ވިދާޅުވި އެވެ. "އަޅުގަނޑު ދެކެނީ އިސްތިއުނާފް ކުރުމުގެ ފުރުސަތު ނުދީ އެގޮތަށް މައްސަލަ ގެންދިއުމަކީ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށް،"

ސުޕްރީމް ކޯޓުން އެ މައްސަލަ ބޭރު ކުރިއިރު އެ މައްސަލައިގައި ގާނޫނީ ގޮތުން އުފައްދާފައިވާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ. އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވެފައިވާ ގާޒީ، ހަސަން ސައީދު ވިދާޅުވެފައި ވަނީ އެ މައްސަލަ ބޭރުކޮށްފައި ވަނީ ގާނޫނީ އުސޫލުތަކާ ހަމަތަކާ ހިލާފަށް ކަމަށެވެ. އަދި އެކަމާ މެދު އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމަށް ހަސަން ސައީދުގެ ވަކީލު ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުންނާނެ ދުސްތޫރީ މައްސަލަތަކެއް ވެސް އެ މައްސަލައިގެ ތެރޭގައި ނަގާފައި. ހަގީގަތުގައި އެ މައްސަލަތަކަށް އިންސާފުވެރި ޖަވާބެއް ނުލިބުމަކީ ވަރަށް ހައިރާންވާންޖެހޭ ކަމެއް،" ގާޒީ ހަސަން ސައީދުގެ ވަކީލު މުހައްމަދު އީސާ ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގެ މައްސަލައަކީ އާންމުންގެ މަސްލަހަތާ ވެސް ވެސް ގުޅުން ހުރި މައްސަލައެއް ކަމަށްވާއިރު ދައުވާ ކުރާ ފަރާތުން ހާޒިރު ވިޔަސް، ހާޒިރު ނުވިޔަސް އެ މައްސަލަތަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ މައްސަލައިގައި ދެން ދުވަހަކު ވެސް ގާނޫނީ ގޮތުން ޖަވާބެއް ނުލިބޭނެ ކަމަށެވެ.

ވަކީލުން އެހެން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުން ކަންތައް ކޮށްފައި ވަނީ މުޅިން ގޯސްކޮށް ކަމަށް ބުނެވޭކަށް ނެތެވެ. ގަވާއިދުތައް ބުނާ ގޮތުން ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު ކޯޓުގެ ހުއްދަ ނުހޯދައި ރަށުން ފުރުމުން މައްސަލައިގެ ދައުވާ ފޯމު ބާތިލް ކުރެވިދާނެ އެވެ. ނަމަވެސް މި މައްސަލައިގައި އެގޮތަށް ދައުވާ ފޯމް ބާތިލްކޮށް، މައްސަލަ ބޭރުކުރުމުން ސުޕްރީމް ކޯޓަށް މައްސަލަ ގެންދިޔުމުގެ ބޭނުމެއް ވެސް ހާސިލެއް ނުވިއެކޭ ބުނެވޭނެ އެއް ވެސް ހަމައެއް ނެތެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ފަދައިން މިއީ މުޅި ޖުޑިޝަރީއާ ގުޅުންހުރި މުހިންމު މައްސަލައެކެވެ. މި މައްސަލައިގައި އުފެދިފައިވާ ސުވާލުތަކަށް އިންސާފުވެރި ޖަވާބެއް ވެސް ބޭނުންވެ އެވެ. އެއީ ވާނެ ކަމެއް ހެއްޔެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް