ރާއްޖޭގެ އެންމެ އިރަށް! ދަތުރުވެރިންގެ "ކައްވަޅަށް"!

ވ. ފޮއްތެޔޮ މުލިން: މުންޑޫ އާދަމް ހަލީމް

ދޮއްޓާއި ވަދުފޮށިތަކާއި ދާ ބުރިތައް ލޯންޗަށް އަރުވާފައި ދެން އަހަރެމެންނެވެ. މަސްވެރިކަމަށް ބޭނުންވާ ލައްކަ ސާމާނު ފުނިކޮށްފައިވާ ލޯންޗް އަހަރެމެން ގޮވައިގެން އުދުހިގަތީ ފަތިހު އެވެ. މި ދަނީ ކެޔޮޅުކަން ކުރަން ރާއްޖޭގެ އެންމެ އިރަށެވެ. ވ. ފޮއްތެޔޮމުލި ހިފުމަށެވެ. ދަތުރު ފެށިތަނާ، އަލަށް އުފަންވާންދިޔަ ދުވަހުގެ އިރު ފިސާރި ބޮޑު އޮރެންޖެއްހެން ފާޅުވެ އެންމެންގެ މޫނު މަތީގެ އަނދިރިކަން ފިލުވައި އަލިކޮށްފި އެވެ. ހިތުން ގަނައެއް ތެޅުނީ އަހަންނެވެ. އެންމެ ކުރީގައި އިނދެވި، ހިސާބަކަށް ގޮހޮރު ގުޑާފައި އިނދެވުނީމަ އެވެ. އިރު އެރުމާއިއެކު ފަހަތުގެ އަރާމު ގޮނޑިތަކަށް ބަލައިލިއިރު އެންމެން ތިބީ ރޫ ގުޅައެއްހެނެވެ. ޖެހުނު ދިމާއަކަށް ބޯ ގަޅާލައިގެނެވެ. ހެދުނުގެ ރޯޅިފަށުގައި ޖެހިފައި ތިބި އަންހެން ކުދިން ހިސާބަކަށް ރޫރޫލަމުންދިޔައީ ބޮނޑިވެގެން ތިބެ އެވެ.
" ބިލަތް، ބިލަތް!"
"ކިހާއިރަކުންބާ ދެވެނީ؟" ހުންގާނު ސަރަކައަށް ވުރެ ބޮޑަށް ކުރިމަތީގައި ހުރި ޖީޕީއެސްއަށް ފާރަވެރި ވެގެން އިން ޑްރައިވަރާ، އަހަރެމެންގެ ތެރޭން މީހަކު ސުވާލު ކުރި އެވެ.
"ބަރާބަރު ހަގަޑި ދިހައެއްގަ!"
ހިތަށް އެރި އެވެ. މިއީ ކަނޑުފަޅުގެ ވަނަރުވަރު ހިތުދަސް މީހެއްތާ އެވެ. އިރުގެ ރަންކުލަ ބަންޑުންކޮށްލާފައިވާ ސަރާސަރު ކަނޑުގައި އަހަރެމެން ގޮވައިގެން އޭނާ "ފުމެމުން" ދިޔައީ މާލޭގައި ކުދިކުދި މޮޓަރުތައް މަތީ ދުންޖަހާފައި އަހަރެމެން ފުމޭހެނެވެ. ބޮޑަށް ހީވަނީ ލޯންޗުގެ ދެކަންކަށިމަތިން އުދުހެމުންދާ ފުޅަނގި އައިންތަކަށް ލޮޓިއެއް ދޭން އުޅޭހެނެވެ. އޮވެގެން ދެ އެވެ.

ފޮއްތެޔޮ ފިނޮޅަށް!

ސުން ސިކުންތުވެސް ތަފާތު ނުވެ އެވެ. ބަރާބަރު ހަގަޑި ދިހައެއްގައި ލޯން އޮތީ ފޮއްތެޔޮ މުލީފައިވާ ފިނޮޅުގަ އެވެ. މިހާރު އަހަރެމެން މިތިބީ ރާއްޖޭގެ އެންމެ އިރުމަތީ ދުނީގަ އެވެ. މުޅި ދުނިޔެއަށް މަޝްހޫރު ޑައިވިން ޕޮއިޓް އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އުޅަނދު ފަހަރު އުރި، ފެތި ފަނާވެގެންދާ ދަތުރުވެރިންގެ "ކައްވަޅު"ގައެވެ. ވަށައި ބަލައިލުމުން އިރުމަތީ ފަރާތު އުދަރެސް ކައްކަމުން ރޮނގަކަށް ވަރުގަދަ ނަގޫރޯޅިއެއް އުފެދެމުން ދިޔަތަން ފެނުނެވެ.

އެ ނަގޫރޯޅި އުފެދެމުގެ ކުރިން އުދަރެހަށް ޖަމާވި ކަޅު ވިލާ ކޮޅަކީ "ކެރިބުޑެއް" ކަމަށް ހީކޮށް ސުވާލު ކުރުމުން ޑްރައިވަރު ޗޮކެއް ކަނޑާފައި ބުނީ އެއީ ވަރުހުރި ނަގޫ ރޯޅިއެއް ކަމަށެވެ. ވީ ހަމަ އެހެނެވެ. ޑްރްވައިވަރު އެއީ ފިސާރި ބިލަތެކެވެ!

ފޮއްތެޔޮ ފިނޮޅު ކައިރީގައި ސަފާރީއެއް އޮތެވެ. ކޮޔޮޅު ކަމުގައި ނުކުމެ އޮތް ދޯނިގަނޑެއް އެހިސާބުގައި ފިޔަލަ ބޮލަށް ދުއްވަމުން ދިޔައެވެ. ފިނޮޅާ ލޯންޗް ކައިރި ކުރުމާއެކު ފުރަތަމަ ފުންމާލީ އަހަންނެވެ. ބަރުހެލިކަމުން ވެސް ތޯއްޗެވެ. ހިކިފަހަށް އެރުނީ ދެ ވަނައަށެވެ. ¬¬މިޒާތުގެ ފިނޮޅެއް އަދި ނުދެކެމެވެ. ހިރޭ ފަންޏެއްހެން ސިފަވާ ފިނޮޅުގައި އަޖައިބެއް ކަހަލަ އޮއިވަރު ހުރި ގޮނި ބަނޑެއް އޮވެ އެވެ. ގަދަ އޮއިގައި ވިދާ އަކިރި، ފުންޏަކަށް ޖަމާކުރަނީ ވަށް ރޮނގަކަށް އެއް ތަންކޮޅަށެވެ. ވެލި ހިމުން ކަމުން ފަސޭހައަކަށް ވުރެ ތުރާލަކަށް ވެއެވެ. ހީވަނީ އާ ބާވަތެއްގެ ފުށެއްގެ ތެރެއަށް އެރެވިގެން އުޅެވޭހެނެވެ. ހުދުވެލި މަތީގައި އެންމެން ދުވެ، ބުރުއަޅައި ސަރަކާތް ގަންނަމުން ދިޔައެވެ. ހަނދުވަރުމަތީ ޓޫރިސްޓުން ހިތް އުފާ ކުރަން ވެލިން ހަދާފައިވާ މާސިންގާ މަޑިއެއް މައްޗަށް ހަސަނާއި ހުސޭނާ ދެގޮލައިން މަޑިޔަކަށް ޖެހެމުން ދިޔައިރު ލުބްނާއާ ނިޔާޒާ ތިބީ ހިތެއްގެ ތެރޭ ރާނިޔާ، ރާނީއަކަށް ހަދައިގެނެވެ. ބަރުހެލި ކަމާއެކު ވެސް އެއްކަލަ ޒަކީ ދޮށި ހިފައިގެން ގޮސް ފިސާރި އަވަހަކަށް ދަތްފުކު ރޮނޑެއް ބައިފި އެވެ. އަހަރެމެންގެ ހިރިގާ، ތަޖުރިބާ ހިއްސާ ކުރާއިރު އައްޔާއި ނާއިފުގެ ފޯކަސް އަމާޒުވެފައި ވަނީ މާ މައްޗަކުން ވައްޓައިލި ނަގޫރޯޅީގެ ފޮޓޯގައި ކުރެހުމަށެވެ. މަށަށްވީ ހަމަ އަބަދުވެސް ވާވަރެވެ. ޖެހި ތިލޯއްޓެއްހެން ކުޅި ބަލަން އިނދެވުނީ އެވެ. ¬¬

ވެލާ ބިހެއް ނުފެނުނު!

ފޮއްތެޔޮ ފިނޮޅަށް ވެލާ އަރަޔޯލަ އެވެ. ހަފުތާއެއް ކުރިން ވެސް ބަޔަލު 130 ބިހުގެ ގޯންޏެއް ގެންދިއަޔޯލަ އެވެ.
"ބިސް ފެންނާނެ، ހިނގާ ހިނގާ!" ބިލެތަކީ ރޫހެވެ. އެކަމަކު މިފަހަރު ބިލަތް އެހާ ތޫނެއް ނުވި އެވެ. ފިނޮޅު އެކަށް ހޭވި އިރު ވެސް ވެލާ އަރައި ހިނޭ ޖަހާފައިހުރި ނިޝާނެއް ނެފެނުނެވެ. އަހަރެމެން ވަރަށް މާޔޫސްވި އެވެ. އެކަމަކު އިސާހިތަކު މާޔޫސްކަން ފިލުވައިދިނީ ސިނާން ބޯމަތިން ހޫރައިލި ގިނިމަހާއެކީ އެވެ. މިނެޓެއް ދެ މިނެޓެއް ތެރޭގައި އޭނާ ފިސާރި މަސްފަލަ އުހުލި ތޮޅިއަކާއި ހެޔޮވަރު ހަންޖެއް ވެސް ދަމައިގަތެވެ.

ފަހު ވަގުތު ދާބުރި ހިފައިގެން

އިރު އަރައި ގަދަ ހޫނަކުން އަހަރެމެން ހަނާ ކުރަން ފެށިއިރު ތިބީ ފިސާރި ހައިވެފަ އެވެ. އަހަރެން ހުރީ ގައިމުވެސް މެހިކާ ހިސާބުގަ އެވެ. އެއަށް ވުރެ ބޮޑަށް ފޫއްސަކަށްވީ އިތުރަށް މަހެއް ބޭނޭ ގޮތް ނުވެ އަވިން ކެކޭ ގޮތް ވާން ފެށުމެވެ. ރާނިޔާމެން ހަދައިދިން ސޭންޑް ވިޗަކީ ފިސާރި ސޭންޑްވިޗެކެވެ. އެއީ އާ ވައްތަރެކޯލަ އެވެ. މަސް މިރުހުގެ އެ ސޭންޑްވިޗުން އިތުރަށް މޭ އެނދުން ފިޔަވައި ވީކަމެއް ހަރާމެވެ.
"ހިނގާ ނައްޓާލާމާ، ފޮއްތެލަށް ގޮސް ކާލައިގެން ދާބުރި ޖަހާފައި އެތަނުން މަސްފިހަން އަންބާރާ ނައްޓާލާނީ،" މަހެއް އަތު ނުވުމުން ސިނާން ދޮށި ހިފައިގެން ފިނޮޅު މައްޗަށް އެރި އެވެ. މިފަހަރު ވެސް މަންޒަރު ބަދަލުކޮށްލީ ބިލަތެވެ. އޭނާ ބުނީ ފުރަންވާނީ ފަހުބޮނޑި އަޅާފައި ކަމަށެވެ.
"ދާބުރި ހިފައިގެން ފައިބަންވީ، ޔަގީން މިދިޔައިގައި މަސްގަނޑު ޖެހޭނެކަން،"
އަހަރެމެން ގިނަ މީހުން ތިބީ މަގޫ ގަސްކޮޅުގެ ތެރޭގައި ނަޝީދު ފޭސްބުކަށް ވަން ޖޯކް އަޑު އަހާށެވެ. އެއީ ފައްކާ ޖޯކަރެކެވެ. އަހަރެމެން ހީނހީ ބަނޑަށް ގޮށް އަރުވާލި އެވެ.

ކުއްލިއަކަށް އަހަރެމެނަށް ފެނުނީ ބިލަތް މޫދުތެރޭގައި ހަޅޭއް ފަޅޭކާއެކު ފެންބަޑިތަޅައިގަތް ތަނެވެ. އޭނާ ގޮވަނީ "އަންނާށޭ އަންނާށޭ، ބައްދާށޭ،" އެވެ. އޭރު ދަލުގެ ކުރެވި އުފުލެމުން ދިޔައެވެ. ވަށައިޖެހިފައިވާ ދަލުގެ ތެރޭގައި ބެދިފައިވާ ހަނދި އާއިލާގެ "ހިމަނިގުލާ" އައިން ހީވަނީ އެހެން ފަދަ ކަމެއް ހެނެވެ. ފުމެ އަރަނީ އެވެ. ތެޅި މަރުވަނީ އެވެ. އެދާ ބާރުމިނުގައި ދަލުގެ މަޅިގަނޑުގެ ތެރެއަށް ބޯ ގަޅާލައި ބުރާންތި އަރަނީ އެވެ. ފޫހިވެފައި ތިބި އަހަރެމެނަށް ޖޯޝް އައި ގޮތެއް ވެސް ނޭނގުނެވެ. ހަތް ގޭ ފާތިހާއަށް ފުނޑާފައިވާ ދައެއްހެން ބަނޑު ހިނދިފައި ތިއްބަސް ޖޯޝް ހުރި ގޮތުން ހީވަނީ ދެންމެއަކު ދެފުޅި "ބާން" ދަމާލައިގެން ތިބިހެނެވެ. އެ ފޯރީގައި މަހުގެ "ބޯ ބިންދާށޭ!" ބުނީމާ އަހަރެމެން ދުވެ ގޮސް ހަނދީގައި ހިފަނީ އެވެ. ހިފާތަނުން ޖަހަނީ ކައްޓަވެ. ނަގާ ދިލަގަނޑުގައި ބުނެވެނީ އަހަރެމެންގެ ދަތުރުގެ ބަހަކަށްވި "އަމާތަ؟" އެވެ.

އެއްފަހަރާ މިހާ ބައިވަރު ހަނދި ދަލެއްގައި ޖެހިފައި އޮއްވައެއް އަހަރެން ނުދެކެމެވެ. މިކަހަލަ ވަގުތުކޮޅެއް އަހަރެން ހަޔާތުގައި ދެން ދުވަހަކުވެސް އަންނާނެ ކަމެއް ނޭނގެ އެވެ. ދަލު ތެރޭގައި މަސްގަނޑު ބައިހަދައި، ދާ ކޮށާލައިފައި ދާން އެހަރަ ދައްކާލި ވަރެކެވެ. މަ ކުރާ ކަމަކީ އަތުޖެހޭ އިރަށް ލޮލަށް އިނގިލި ކޮއްޕާލެވޭތޯ ބަލަނީ އެވެ. އެކަންވީ ވަރަށް މަޖާ ކަމަކެވެ. މަސް ގުނި އިރު ވަރަށް ގިނަ މަހުގައި ލޮލެއް ނުހައްދަވައެވެ. ދަލުގައި މަސް ޖެހުނު އިރު ފިސާރި އަނިޔާވެސް ވިއެވެ. އަހަރެންގެ "ރިހަ" ކަމުންވެސް ތޯއްޗެކެވެ. އެންމެން ބޯ ބިނދެފައި އެއްލާ ހަނދި ޖެހެނީ އަހަރެންގެ ގައިގަ އެވެ. މަސްކަނދަކަށް ވެގެން މަށަށްވެސް ހުރެވުނީ އެވެ. ރޭކާލީއިރު ފަހަކަށް އައިސް އަބަދު ލާހިތުން އުޅެވޭ އެމްޖޭއޭގެ ގަންޖުފަރާހަކު ބޭނުމެއް ނެތެވެ. ކިރު ކުލައިގެ ގަންޖުފަރާސް އޮތީ ލޭކުލައިގަ އެވެ.
އަހަރެމެން ހިފި މަސް ބައި ގުނާފައި ގޯނި ގޯންޏަށް އެޅުމުން ގޮނޑުދޮށަށް ގެންދިޔައީ ހަސަނެވެ. އެކަހަލަ ހައެއްކަ ގޯނީގައި މަސް ގެންދިޔައިރު އެފަކީރު ހުރީ ރަނގަޅަށް ލޮޑުވެފަ އެވެ.

ފިނޮޅުން ފޮއްތެޔޮ ފުއްޓަށް

މަސް ހިފައިގެން އަހަރެމެން ނައްޓައިލި އިރު އެހެން ބަޔަކު ވެސް އެ ފަޅުގެ އެކި ހިސާބުގައި ކަޅު ކޮށްފައި އޮތް ތާވަޅަ ބައިގަނޑަށް ފަރި އަޅައިގެން އުޅެ އެވެ. ހަނދި އައިން އަތުލައިގަތުމަށް އެ މީހުން ވެސް ދާޖަހާފައި ހުއްޓެވެ. އަހަރެމެން ފަޅު "ކާހާލައިގެން" ނައްޓައިލިއިރު އެމީހުންނަށް ލިބުނީ މާރޮނޑެއް އެކަންޏެވެ. އެމީހުންނަށް ލިބުނު ލޮޓިއަށް ހެމުން ހެމުން އަހަރެމެން ފުރީ މެންދުރަށް އަންބާރާއަށް އާރާ މަސްފިހެލައި ޖޫސްބޮއި މަޖާކޮށްލާ ހަދާށެވެ.

ފިކުރު ބޮޑުވީ އެންމެ ކަމަކާއެވެ. އެއޮށް ހުރިހާ މަސް ކުނި ނުކޮށް ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެން އަތުގައި ގަނޑުފެނެއް ނެތެވެ. އެނބުރި މާލެ އާދެވޭނީ ރޭ ކަނުވާ ފަހުންނެވެ. އަހަރެމެން ބޮޑު ފަޅެއްގެ މަސް، "ކަލާހައިގެން" މިއުޅެނީ ހެނދުނު ކޮޅު އެވެ. މިފަހަރު ވެސް ބިލެތުގެ އައިޑިޔާ އެވެ. މަސްތައް ގޯންނީގައި ބަންދުކޮށް، ލޮނު އަޅައަޅައި ތިބޭނީ އެވެ.

އަންބަރާއަށް އެރުމުގެ ކުރިން ކުރު ދަތުރުކަށް ފަހު ދިޔައީ ފޮއްތެޔޮ ފުއްޓަށެވެ. އެ ރަށުގައި ވެސް ތިން ބުރަށް ދާ ޖަހައިގެން 100 އެއްހާ މެނުކު ލިބުނެވެ. މެކުނޭ ބުންޏަށް އެއިން ގޮލައެއްގައި ދެކިލޯ ހަމަވާނެ އެވެ. އެ ރަށުގެ ފަޅު ތެރޭގައި އޮތް މެކުނު އައިނުގެ އެހެރަ ފުމުންގަނޑެވެ. މެކުނުގެ ފުމުމަކީ އެއީތާއޭ ހީވީ އެވެ. ބިލެތްމެން އެވަރަށް މަސް ހިފުމުން އަހަރެމެންގެ ފޯރިކެނޑުނީ ވެސް އެހިސާބުންނެވެ. ދެން އުޅުނީ މަސް ހިފާކަށް ނޫނެވެ. ހިފިޔަ ނުދޭށެވެ. ދަލުގައި ޖެހޭ މަސް ވެސް ސިއްރުން ދޫކުރަނީ އެވެ. ބޮނޑި ދޭންވެގެން ދަތުން ދަލުގެ ކިތަންމެ މަޅިއެއްވެސް ކެނޑީމެވެ. އެންމެ ފަހު ބުރުގައި އަހަރެން އެކަނިވެސް ވިއްސަކަށް މެކުނު މިނިވަން ކޮށްދިނީމެވެ.

މެންދުރު 11:00 ޖަހަން އުޅެނިކޮށް ފޮއްތެތޮ ފުށިން ފޭބުނީ ބޮނޑިއެއް ބޮއެއްގެނެވެ. އަހަރެމެން ކުޅަދާނަ ބިލަތް މެކުނު ފަތި ދަމަމުން ގޮސް ފުޅިތޮށިގަނޑަކަށް އަތް ވައްދާލައި ވަރުގަދަ ޒަހަމެއްވީ އެވެ. އެފަކީރު ފަހުން ހުންގާނު ހިފައި ހެދީ ފާޑަކަށް އިނދެގެނެވެ. އެވަރުކުރުވީ ތަދުކަނޑުވާ ބޭސް ދީގެނެވެ. މަޑިދާތާކަށް ކަށިދާހެން ސިނާން ދަންޏާ ފަސްޓް އެއިޑް ފޮށި ދާނެ އެވެ. އެހެންވީކަން ނަސީބެވެ. އެ ހެން ނޫންނަމަ ބިލަތް މޯޅިވެ ހަލާކުވީހެވެ.

އަންބަރާގެ ކައުންސިލަރާއި ބޮޑު ކޭން

އަންބަރާއަށް ދެވުނީ ސީދާ މެންދުރު ބަންގި އަށެވެ. ބަންގާޅު ދެ މީހުން ތިބޭ އެ ރަށަކީ ނަމަކަށް ޕިކްނިކް އައިލެންޑެކެވެ. މާ ބޮޑު ވަރެއްކޮށްފައެއް ނެތެވެ. އެކަމަކު ހިތްގައިމު ރަށެވެ. އެއީ ކޮންބައެއްގެ ރަށެއްކަން ބުނެދޭން އެ ދެގޮލައިން އެއްޗެކޭ ކިޔައިވެސް ހެދި އެވެ. މަށަކަށް އޮޅުމެއް ނުފިލި އެވެ.

ކުޑަކުޑަ އަންބަރާގައި އެއްބަޔަކު މަސްތައް ސާފުކޮށް ގޯނިތަކުގައި ފިނިކުރަން މޫދު އަޅައިފި އެވެ. އަނެއް ބަޔަކު މަސް ތެލުލާން ފަށައިފި އެވެ. ދެންތިބި މީހުން ލޮނުމިރުސް އަޅައި މަސް ފިހަނީ އެވެ. ކޮންމެ މީހަކަށް އެތައް ކަމެކެވެ. ހައްތާވެސް ކައްކާ މީހުނެވެ. އެގޮތަކަށް މިގޮތަކަށް އުޅެގެން އަހަރެމެނަށް ތައްޔާރު ކުރެވުނީ އާދައިގެ ކެއުމެއް ނޫނެވެ. އެއީ ބޮޑު ކޭމެކެވެ. ފިސާރި ތެދެކެވެ. މަށަށް ވެސް ދެބަނޑަށް ކެވުނެވެ. ކެވުނު ވަރުން، އެންމެން ބިއްޖެހި ލޮޑުވެ، ފޯރިކެނޑެން ދަނިކޮށް މާގަދަ ފޯރި އެއް އަތުވެއްޖެ އެވެ.

އަންބަރާގައި ތިބޭ ދެ ބަންގާޅީން އެކަކު އަނެކަކަށް ޒުވާބު ފަށައިގަތީ އެވެ. އަހަރެމެން ކެއްކި މެކުނު ކުރަނޑީގެ ރިހަ ލޯގަނޑެއް އެއިން އެކަކު އަތިރިމައްޗަށް ބަންޑުން ކޮށްލީ އެވެ. ދެވަނަ މީހާ ބުނަނީ ތިމަންނާއަކީ ރަށުގެ "ކައުންސިލަރު" ކަމަށެވެ. ރިހަ ލޯގަނޑު އުކައިލަންވާނީ އޭނާ ބުނާ ގޮތަށް މޫދަށް ކަމަށެވެ. ދަތުރުގެ ހުރިހާ ކަމަކަށް ވުރެ މި ޒުވާބެއްގެ ފޯރި ގަދަވެ ހަވީރުގެ ފިނިޖެހުނު އިރުވެސް އެ ދެގޮލާ ފިންޏެއް ނުވެއެވެ. އަސްލުގައި ގޯސް ހެއްދުވީ އަހަންނެވެ. އެދެ ގޮލައިންގެ މެދު ރޯވި އަލިފާނަށް ހިކިފަން އަޅައި އެންދީ މަށެވެ. ފިލި ޖަހާވަރަކަށް އެދެ ގޮލާ ހީވަނީ އަރައިކައިފާނެ ހެނެވެ. އެކަމަކު އެއީ ފައްކާ ދެމީހުންނެވެ. ހަނދާނެއް ނުނެތޭނެ އެވެ.

އަހަރެމެން އަންބަރާއިން ފުރަންވެގެން މޫދު އަޅާފައި ހުރި މަސްގޯނިތައް ނަގަން ބެލިއިރު ކަމަކުދާކަށް ނެތެވެ. ބޮޑު ފަލަ ގުޅިއެއްވަރު ކަޅުވެނެއް އޮތީ ގޯނިތައް ވަށައިލައިގެނެވެ. ގަންނާކުރެއްވި ބިރާއެކު ދުރުގައި ތިބެގެން ދިރޭ އެން ޖަހާފައި ނަނު އުކައިގަތީ އެވެ. އިސާހިތަކު އެސޮރު ގަނެފި އެވެ. އެންމެންވެގެން ދަމާ އެއްގަމަށް އަރުވައި ތަޅައި މަރައި ބުރިބުރިކޮށް މޫދަށް އުކައިލީ އެވެ. މަސް ގޯނިތައް ހިފައިގެން ލޯންޗަށް އެރުނީ އޮއްސެން ދިޔަ އިރާއެކު އެވެ. ވަރުބަލި ކަމާއެކު ބަސް ހުއްޓި ގުޅައަކަށް ޖެހިފައި ތިއްބާ މާލެ އާދެވުނީ ހަތެއްޖަހައި ބައިގަޑީގަ އެވެ. ޓީޖެޓީއާ ކައިރި ކުރި އިރު މަސްގޯނި ތަކުން ދުވާ ނުބައި ވަހުން ނޯއް ދަމާލަން ނުކުރެ އެވެ. އެއޮތީވާ ކަމެކެވެ. އެއީވާ ދަތުރެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް