ޝަމީމް ސަސްޕެންޑް ކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ގާނޫނީ ވަކީލް ހުސައިން ޝަމީމް- ފޮޓޯ/ އޭޕީ

ޤާނޫނީ ވަކީލު ހުސެން ޝަމީމް، ސަސްޕެންޑް ކުރުމާއި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލު ކުރުމުގެ ބާރު ސުޕްރީމް ކޯޓުގެ ދަށަށް ގެންގޮސްފައި ވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަމީމް ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވާ އިރު ސުޕްރީމް ކޯޓުން އެގޮތަށް ނިންމަވައި އަންގަވާފައި ވަނީ އެ މައްސަލާގައި ސަމީމުގެ ފަރާތުން ދައްކަވަން ހުރި ވާހަކަފުޅުތައް އަޑުއެއްސެވުމެއް ނެތ ޣައިރު ހާޟިރުގައިވުމުން ކަންބޮޑުވާ ކަމަށެވެ.

"ސުޕްރީމް ކޯޓުން ބައްލަވަމުންދަވާކަމަށް ވިދާޅުވާ އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ވަކި މުއްދަތެއް ނެތި އަލްއުސްތާޒު ހުސެން ޝަމީމަށް ވަކާލާތު ނުކުރެއްވޭނޭ ކަމާއި އަދި މިގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭނޭ ކަމަށް ކަނޑައެޅުއްވުމަކީ މި ޕާޓީން އަދި ވަކިން ހާއްސަކޮށް ކަންބޮޑުވާކަމެއް." އެމްޑީޕީން ބުންޏެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި އަދި ވަކީލުންނާ ބެހޭ އެންމެހައި ކަންކަން ބެލެހެޓުމުގެ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ ބާރު ސުޕްރީމް ކޯޓުން އަމިއްލަ އަށް ނެރުއްވި ރޫލިން އަކުން ނަންގަވާފައި ވާތީ ކަންބޮޑުވާކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"ޖުޑިޝަލް ޕްރޮފެޝަނާއި ލީގަލް ޕްރޮފެޝަނަކީ މުޅިން ތަފާތު 2 ޕްރޮފެޝަނަކަށްވާ އިރު، ސުޕްރީމް ކޯޓުން ލީގަލް ޕްރޮފެޝަން ރެގިޔުލޭޓުކުރައްވަން ފެއްޓެވުމަކީ ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޢަމަލުކުރެވޭ ހަމަތަކާ ކަނޑައެޅިގެން ހިލާފުކަމެއް." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ޖުޑިޝަރީ އާމެދު އަނެއްކާ ވެސް ބައިނަލްއަޤުވާމީ ފަރާތްތަކުގެ ފާޑުކިޔުން އިތުރުވެގެންދާނޭ ކަމާމެދު ޝައްކެއްނެތް ކަމަށާއި އެއީ އެމްޑީޕީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް