ނެޓްފްލިކްސް އިން ބޮލީވުޑް ޕްރޮގްރާމް ތަައްޔާރުކުރަނީ

ނެޓްފްލިކްސްގެ ސީއީއޯ ރީޑް ހޭސްޓިން ވިދާޅުވީ ބޮލީވުޑް ޕްރޮގްރާމްތަކެއް އުފައްދާނެ ކަމަށް --

އެމެރިކާގެ މަޝްހޫރު ޑިޖިޓަލް ޗެނަލެއް ކަމަށްވާ "ނެޓްފްލިކްސް" އިން އޮރިޖިނަލް ބޮލީވުޑް ޕްރޮގްރާމްތަކެއް އުފައްދަމުން އަންނަ ކަމަށް އެ ޗެނަލްގެ ސީއީއޯ ރީޑް ހޭސްޓިން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އެންމެ މަގުބޫލު އެއް ޗެނަލްކަމަށްވާ ނެޓްފްލިކްސް އަކީ އޮންލައިންކޮށް ސްޓްރީމްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ޗެނަލެކެވެ. އެ ޗެނަލްގެ ހިދުމަތް ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރު އަންނަނީ ފުޅާ ކުރަމުންނެވެ.

ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ހޭސްޓިން ވިދާޅުވީ، އެ ކުންފުނިން އަމާޒު ކުރަމުންދަނީ ފޮރިން ޔޫޒަރުން އިތުރު ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނިން ދަނީ ތަފާތު ގިނަ އުފެއްދުންތަކެއް ތައްޔާރު ކުރަމުން ކަމަށެވެ. އެގޮތުން ބޮލީވުޑް ޕްރޮގްރާމްގެ އިތުރުން އެނިމޭޓެޑް ޝޯވެސް ތައްޔާރު ކުރުމަށް ވަނީ ނިންމާފައެވެ.

ނެޓްފްލިކްސް އިން ދަނީ ގިނަ އަދަދެއްގެ އޮރިޖިނަލް ޝޯތަކެއް އުފައްދަމުންނެވެ. އެގޮތުން އެންމެ ފަހުން ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި ނާކޯސް ހިމެނެއެވެ. ނާކޯސް އަކީ މަޝްހޫރު ޑްރަގް ލޯޑު ޕާބްލޯ އެސްކޮބާގެ ހަޔާތުގެ މައްޗަށް އުފައްދާ ކްރައިމް ސީރީޒް އެކެވެ. އޭގެ އިތުރުން "ހެމްލޮކް ގްރޯވް" އާއި "އޮރެންޖް އިޒް ދަ ނިއު ބްލެކް" ފަދަ ޝޯތައްވެސް އެ ލިސްޓުގައި ހިމެނެއެވެ.

comment ކޮމެންޓް