ކޮންމެ ޑޮލަރަކަށް ފުލުހަކު އައްޔަން ކުރާ އިރު، ކޮންމެ މުޖިރިމެއްގެ ފަހަތަށް ފުލުހަކު ނުބެހެއްޓެންވީ ސަބަބެއް ނެތް: ޔާމީން

ކޮންމެ ޑޮލަރަކަށް ފުލުހަކު އައްޔަން ކުރާއިރު، ކޮންމެ މުޖިރިމެއްގެ ފަހަތަށް ފުލަހަކު ނުބެހެއްޓެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން ފެކްޝަނުން ރޭ ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި އިންތިހާ އަށް އިތުރުވަމުންދާ މާރާމާރީ އާއި ވައްކަން ކުރުންފަދަ ކުށް، ހުއްޓުވުމުގެ ގާބިލްކަން އެމްޑީޕީގެ ސަރުކާރަށް ލިބިގެންވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ކުށްކުރުން ހުއްޓުވުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. ޔާމީން ވިދާޅުވީ ސަރުކާރުން ބޭނުންވާ ނަމަ ކުށްކުރުމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"ކޮންމެ ޑޮލަރަކަށް ފުލުހަކު އައްޔަން ކުރާއިރު، ކޮންމެ މުޖިރިމެއްގެ ފަހަތަށް ފުލަހަކު ނުލެވެންވީ އެއްވެސް ސަބަބެއް ނެތް. އެހެންވީމާ މި ސަރުކާރުގެ ގާބިލްކަން އެބަހުރި. މި ސަރުކާރުގައި ނެތީ އެކަން ބޭނުންވުން. ސަރުކަރުން އެކަން ބޭނުން ނުވާތީ މިހާ ގިނަ ދުވަހު އެކަން އަޅާނުލާ އޮތީ،" ޔާމީން ވިދާޅުވި އެވެ.

ދިވެހި މުޖުތަމައު ކުށުގެ ވެއްޓަކަށް ބަދަލުވެގެން ދިޔައީ އެމްޑީޕީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު ކުނޑަކުދިން ބައިވެރިކޮށްގެން ހިންގި އަމަލުތަކެއްގެ ސަބަބުން ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ. އަދި އެމްޑީޕީ ވެރިކަމަށް އައުމާ އެކު ވެސް ސަރުކާރުން ކުރާ ކޮންމެ ކަމަކީ ކުށުގެ ވެށީގައި ކުރަމުން އަންނަ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުށްވެރިންނަށް އެކަށޭނަ އަދަބު ދިނުމާއި ކުށް ސާބިތުކުރުމަށް ބޭނުންވާ މުހިއްމު ގާނޫނުތަކެއް ނެތުމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ސަރުކާރުން ބުނަމުންދާ ވަހަކަ އަށް ރައްދުދެއްވައި ޔާމިން ވިދާޅުވީ ކުށްވެރިންނަށް އަދަބު ކަނޑައެޅިފައިވާ ގާނޫނުތަކެއް ނެތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ކުށްވެރިންނަށް އަދަބު ކަނޑައެޅިފައިވާ ގާނޫނުތަކެއް ނެތް ކަމަށް ގަބޫލު ނުކުރަން. ޝައްކެއް ވެސް ނެތް ހުރިހާ ގާނޫނުތަކެއް ހުރެއްޖެއްޔާ ކަންކަން ތަރުތީބު ވެގެންދާލެއް ފުރިހަމަވާނަ. އެހެންނަމަވެސް މިއުޅެނީ ގާނޫނު ނެތިގެނެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ގާނޫނުލްއުގޫބާތެއް އޮންނަތާ އެތައް ޒަމާނެއް ވެއްޖެ،"

ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އިސްނަންގަވައިގެން ކުށްކުރުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ރޭ ސުނާމީ ބިނާ ކައިރީގައި ބޭއްވި ޖަލްސާ އަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި އެވެ. އަދި ޒުވާނުންގެ ގޮފިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކަށް ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ހިއްވަރު ދެއްވައި، އެކަމުގައި ޕާޓީގެ މެންބަރުން ދެއްވަމުންގެންދަވާ ތަރުހީބަށް ޝުކުރުއަދާކުރައްވައި ފޮނުއްވެވި މެސެޖެއް ވެސް ރޭގެ ޖަލްސާގައި އިއްވެވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު