ތުރާކުނުގައި އަލިފުޅުތުއްތު ފައުންޑޭޝަނުން އެޅި ފެނާއި ނަރުދަމާގެ ނިޒާމު ފެނަކަޔާ ހަވާލުކޮށްފި

ތުރާކުނުގެ ފެނާއި ނަރުދަމާގެ ނިޒާމު ފެނަކައާ އާ ހަވާލުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ ޢަބުދުއްލަތީފް މީޑިއާއާ ވާހަކަ ދައްކަވަނީ. ސަން ފޮޓޯ ޔޫސުފް ޞަފްވާން

އަލިފުޅުތުއްތު ފައުންޑޭޝަންގެ ހިލޭ އެހީގައި ތުރާކުނު ކައުންސިލުން އިސްނަގައިގެން ގާއިމް ކުރި ފެނާއި ނަރުދަމާގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ތުރާކުނުގެ ފެނާއި ނަރުދަމާގެ ނިޒާމު ފެނަކައާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެކަމަށް ޓަކައި އެންވަޔަރްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި ތުރާކުނު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލުގެ ރައީސް އަލީ އަބްދުލް ލަތީފް އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލުއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ޑިޒައިންގް އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓުގެ މަސައްކަތް ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. މިދޔަ އަހަރުގެ ޖޫންމަހުގެ ނުވަ ވަނަ ދުވަހު އެ ކުންފުންޏާ ހަވާލުކުރި މި ދެ މަޝްރޫއު ނިމިފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި ދެ މަޝްރޫއު އަށް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ހިލޭ އެހީގެ ގޮތުގައި 38 މިލިޔަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ.

މަޝްރޫޢުގެ ދަށުން ހއ. ތުރާކުނުގައި ނަރުދަމާގެ ހޮޅިއެޅުމާއި، ސްވޭޖް ޕަމްޕް ސްޓޭޝަންތައް ބަހައްޓައި އަދި އައުޓްފޯލް ސިސްޓަމްއެއް ވަނީ ގާއިމްކުރެވިފަ އެވެ. އަދި ފެން ޕްލާންޓާއި ސްޓޯރޭޖް ޓޭންކާއި އެޑްމިނިސްޓްރޭޓިވް ބިލްޑިންގ ހެދުމާއި އަދި އިންޓޭންކާއި އައުޓްފޯލް ހޮޅި އަޅައި ފެނުގެ ނެޓް ވާރކް ވަނީ ގާއިމްކުރެވިފަ އެވެ.

comment ކޮމެންޓް