އަހަންނަށް ކެންސަރު ޖެހުމުން ކުންފުނިން ވަކިކުރަން ގޭޓްސް ރޭވި: ޕޯލް

ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދިމީހާކަމަށްވާ އެމެރިކާގެ ބިލްގޭޓްސްއަކީ ވަރަށް މަޑުމައިތިރި ސާދާ މިޒާޖެއްގެ މީހެއްކަމަށް ގިނަ ބަޔަކަށް ހީވެދާނެ އެވެ. އެއީ އޭނާއަކީ މަސައްކަތަށް ދެވިހިފާފައިވާ "ވޯކްހޯލިކް" މީހަކަށް ވާތީއާވެސް އެކު އެވެ. ނަމަވެސް ބިލްގޭޓްސްއަކީ މީހުން ހީކުރާ ފަދަ މަޑުމައިތިރި އަދި އެހެން މީހުންނަށް އިހުތިރާމްކުރާ މީހެއް ނޫންކަން މައިކްރޯސޮފްޓް ކުންފުނި އުފެއްދުމުގައި އޭނާއާ ބައިވެރިވި އެކަކު ކަމަށްވާ ޕޯލް އެލަންގެ ފަރާތުން މިހާރު ވަނީ ހާމަވެފަ އެވެ.

މައިކްރޯސޮފްޓް އުފެއްދުމުގައި ގޭޓްސްއާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވި އެލަން ދާދިފަހުން ޝާއިއުކޮށްފައިވާ އޭނާގެ ބަޔޯގްރަފީގައި ބުނެފައިވާ ގޮތުގައި ކެންސަރުގެ ބާވަތެއްކަމަށްވާ ހޮޑްކިންގްސް ޑިސީޒް ޖެހުމުން މައިކްރޯސޮފްޓް ކުންފުނިން އޭނާ ވަކިކުރުމަށް ބިލް ގޭޓްސް ރޭވި އެވެ.

އެލަން އޭނާގެ ބަޔޯގްރަފީގައި ލިޔެފައިވާ ގޮތުގައި 1982 ވަނަ އަހަރު އޭނާއަށް ކެންސަރު ޖެހިގެން އުޅެނިކޮށް ކުންފުނިން އޭނާ ވަކިކުރުމުގެ ވާހަކަ ބިލް ގޭޓްސް އާއި މައިކްރޯސޮފްޓްގެ މިހާރުގެ ސީއީއޯ ސްޓީވް ބާމާއާ ދެމީހުން ދައްކަނިކޮށް އޭނާއަށް އަޑު އިވުނީ އެވަގުތު އޮފީހަށް ވަދެވުމުންނެވެ.

" އެދެމީހުން ދެއްކި ވާހަކަ އަހަރެންނަށް އަޑުއިވުމުން އަހަންނަށް ކެތްނުކުރެވިގެން ހަޅޭއްލަވައިގަތީމެވެ. ކަލޭމެންގެ އަސްލު ސިފަ މިއަދު ފެނިއްޖެއޭ ބުނެ އެ ދެ މީހުންނާ އަހަރެން މުޚާތަބުކުރި ނަމަވެސް އަހަރެން ކުރިމަތިލައިގެން ހުރީ ބިލް ގޭޓްސްއާ ދިމާއަށެވެ،" ކެންސަރު ޖެހުމުން ކުންފުނިން އެލަން ވަކިކުރުމަށް ގޭޓްސްއާއި ބާމާ މަޝްވަރާ ކުރި އަޑު އިވުނު ގޮތުގެ ވާހަކަ ބަޔާންކުރަމުން އެލަންގެ ބަޔޯގްރަފީގައި ލިޔެފައިވާކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއްކަމަށްވާ "ޑެއިލީމެއިލް" ގެ ވެބްސައިޓްގައި ވެއެވެ.

ބިލްގޭޓްސްގެ އަމިއްލަ އެދުން ބޮޑުކަން ހާމަކޮށްދޭ އިތުރު އެތައް ވާހަކަތަކެއް އެލަންގެ ބަޔޯގްރަފީގައި ވެއެވެ. އެގޮތުން 81 ގަޑިއިރުވަންދެން މެދުނުކެނޑި މަސައްކަތްކުރުމަށް ފަހު ޗުއްޓީ ދުވަހެއް ދިނުމަށް އެދުމުން ބިލް ގޭޓްސް އޭނާގެ މުވައްޒަފަކަށް މަލާމާތްކުރި ވާހަކައަކީ ބިލްގޭޓްސް ދުނިޔޭގެ ދެ ވަނައަށް އެންމެ މުއްސަނދި މީހާއަށް ވުމުގެ ފަހަތުގައި ރަނގަޅު ނޫން ކަންތައްތަކެއް ވެސް ހިނގާފައިވާ ކަމުގެ ހެއްކެކެވެ.

ބިލް ގޭޓްސް އާއި ޕޯލް އެލަން ގުޅިގެން އުފެއްދި މައިކްރޯސޮފްޓް ކުންފުނި އުފެއްދުމުގެ ފުރަތަމަ މަރުހަލާގައި ދެމީހުން އެއްވަރަކަށް ހިއްސާވުމަށް އެލަން ހުށައެޅި ނަމަވެސް އެގޮތަށް ބިލްގޭޓްސް އެއްބަސް ނުވިކަމަށާއި އޭނާ އެއްބަސްވީ އެލަންއަށް 34 އިންސައްތަ ހިއްސާ ދިނުމަށްކަމަށް ވެސް އެލަންގެ ބަޔޯގްރަފީގައި ވެއެވެ. އެލަން ބުނެފައިވާ ގޮތުގައި އޭނާ އެގޮތަށް އެއްބަސްވީ އެހެން ގޮތެއް ނެތިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު