ޓާފްގައި ކުޅެން ތައްޔާރު، ނަމަވެސް ދަނޑުގެ ހާލަތާ މެދު ކްލަބުތަކުން ކަންބޮޑުވޭ

މިދިޔަ ރޯދަ މަހު ޓާފް ދަނޑުގައި ބޭއްވި ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ތެރެއިން. އެދަނޑުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބައެއް ކްލަބުތަކުން ބުނޭ --- ފޮޓޯ/ މާޒިޔާ ފޭސްބުކް ޕޭޖް

ޓާފް ދަނޑުގައި ކުޅެން ޖެހުނަސް ކުޅުންތެރިން އެހާލަތަށް ފިޓްވާނެ ކަމަށާއި ނަމަވެސް ޓާފް ދަނޑުގެ ފެންވަރާ މެދު ކަންބޮޑުވާ ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ބައެއް ކްލަބުތަކުން ބުނެފިއެވެ.

ލީގް މެޗްތައް ޓާފް ދަނޑަށް ބަދަލު ކުރުމަށް އެފްއޭއެމްއިން ނިންމާފައިވަނީ، މިނިވަން ފަންސާހުގެ ކުޅިވަރުތައް ބޭއްވުމަށް ދަނޑުގައި އެޅި ހަރު ކާޕެޓްގެ ސަބަބުން ވިނަގަނޑު ހަލާކުވެފައިވާ، ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ރިކާވާ ކުރުމުގެ މަސައްކަތް ނިމެންދެންނެވެ.

ލީގްގެ މެޗްތައް އަލުން ފަށާފައިވާއިރު މާދަމާ ކުޅޭ މެޗްގައި އެއްކޮޅުން ވާދަކުރާ މަހިބަދޫ ޓީމުގެ ކޯޗް ޔުރޮދާން އިވޮނާވް ސްޓައިކޯވް ބުނީ، މަހިބަދޫއިން ގިނައިން ފަރިތަ ކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ވެލި ދަނޑުގައި ކަމަށާއި ކޮންމެވެސް ވަރަކަށް ޓާފްގައިވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

ސްޓައިކޮވް ބުނީ، ކޮންމެ ހާލަތެއްގައި އޮތް ދަނޑެއް ގައި ކުޅެން ޖެހުނަސް މަހިބަދޫ އޮތީ އެހާލަތަށް އެޖަސްޓްވެ ކުޅެން ތައްޔާރަށް ކަމަށެވެ.

މާދަމާ މެޗްގައި މަހިބަދޫއާ ވާދަކުރާ ކުލަބު ވެލެންސިއާގެ ކޯޗް އިސްމާޢީލް ޢާސިފް (ކުޑަ ހީނާ) ބުނީ، ޓާފް ދަނޑުގައި ކުޅެން ވެލެންސިއާގެ ކުޅުންތެރިންވެސް ތައްޔާރަށް ތިބި ކަމަށެވެ.

ހީނާ ބުނީ، ޓާފް ދަނޑުގައި ކުޅެން ޖެހުނަސް އެ ދަނޑުގައި އެހެން ވަސީލަތްތައް ހުރިގޮތާ މެދު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން ޓާފް ދަނޑުގައި އެންމެ އެކަށީގެންވާ ޗޭޖިން ރޫމެއް ނެތުމާއި ރަނގަޅު ފާހާނާއެއް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކުޑަ ހީނާ ބުންޏެވެ.

ހީނާ ބުނީ، އެ ދަނޑުގައި ކުޅޭއިރު، ހާފު ޓައިމްގައި ލިބޭ ދިހަ މިނެޓް ތެރޭގައި ދެ ވަނަ ހާފަށް ނިކުންނައިރުވެސް ރިފްރެޝްވެލުމަށް އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށެވެ.

"އެންމެ އެކަށީގެންވާ ޗޭންޖިން ރޫމެއް ނެތި. ފާހާނާ ކުރެވޭނެ ގޮތެއް ނެތި ހާފް ޓައިމްގައި އެލިބޭ ދިހަ މިނެޓް ތެރޭގައި ހުރިހާ ކުޅުންތެރިންނަށް ރިފްރެޝް ވުމަށް ވަގުތު ނުލިބޭނެ،" ހީނާ ބުންޏެވެ.

ހީނާ ބުނީ، ދެ ވަނަ ޑިވިޝަންގެ މެޗްތައް ކުޅޭއިރު، ޓާފް ދަނޑުގައި ހުރި ޗޭންޖިން ރޫމްގެ ތެރެއިން ކުޅުންތެރިންގެ ފޯނު ފަދަ އަގުހުރި ސާމާނުވެސް ގެއްލިފައި އެބަހުރި ކަމަށާއި އެހެންކަމުން ޓީމުތަކުން އެކަމާ މެދުވެސް ވިސްނަން ޖެހޭ ކަމަށެވެ.

މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނީ، ދަނޑުގެ އައުޓް ލައިންއާ ފާރާ ދެމެދު އެއް މީޓަރުވެސް ހަމަނުވާއިރު މިއީ ވާދަވެރި މެޗްތަކެއް ކުޅުމަށް ސާލަމަތީ ގޮތުންވެސް ހުއްދަ ކުރާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ދެ ވަނަ ޑިވިޝަންގެ މެޗްތަކުގައިވެސް ނުރައްކާތެރި ހާލަތްތަކުގައި ބައެއް ކުޅުންތެރިން ސްޕީޑްގައި ގޮސް ފާރުގައި ޖެހި އަނިޔާވެފައިވެސް އެބަހުރި ކަމަށް ސުޒޭން ބުންޏެވެ.

"ދަނޑުގެ އައުޓް ލައިންއާ ބޭރު ފާރާ ދޭތެރޭ އެއް މީޓަރު ހަމަ ނުވޭ. ލީގަށް ވާދަ ކުރާއިރު ކޮމްޕެޓެޓިވް މެޗެއް ކުޅޭކަށް ސަލާމަތީ ގޮތުންވެސް ހީނުވޭ ހުއްދަ ކުރާނެ ހެނެއް. ދެން ކޮންމެ ތަނެއްގައިވެސް ކުޅެވިދާނެ. ކުއްލިއަކަށް ވެލި ދަނޑުގައިވެސް ކުޅެވިދާނެ. ނަމަވެސް އެހެން މުބާރަތެއްގެ އިންޓެންސިޓީއާ ޕްރިމިއާ ލީގް ހޯދުމަށް ކުޅޭ މެޗްގެ އިންޓެންސިޓީ ތަފާތު ވާނެ. ސްޕީޑް ވަރަށް ތަފާތުވާނެ. މިކަހަލަ ވާދަވެރި މެޗެއްގައި ކުޅޭއިރު ކުޑަ ޕުޝްއަކުން ސްޕީޑްގައި ދާ ކުޅުންތެރިޔާ އިންނާނީ ފާރަށް އަރާފައި. ސެކަންޑް ޑިވިޝަންގައިވެސް އެބަހުރި އެހެން ދިމާވެފައި،" ސުޒޭން ބުންޏެވެ.

ޓާފް ދަނޑުގައި މެޗް ކުޅެން ޖެހުމުން މާޒިޔާއިން ކުޅުންތެރިންނަށް ވިސްނައިދެނީ ކޮންގޮތަކަށްތޯ ސުވާލު ކުރުމުން ސުޒޭން ބުނީ، މާޒިޔާއިން ވިސްނާނީ އަބަދުވެސް އެއިރެއްގައި އޮންނަ ހާލަތެއްގެ ތެރެއިން މޮޅުވުމަށް ކަމަށާއި. މިވަގުތު ޓާގެޓަކީ ނިއުރޭޑިއަންޓް މެޗް އެކަނި ކަމަށާއި އެއައްފަހު ހުރި މެޗްތަކާ މެދު ވިސްނާނީ ފަހުން ކަމަށެވެ.

އެފްއޭއެމްއިން ބުނެފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމެންދެން ލީގް މެޗްތައް ފަސްކޮށްފިނަ ސީޒަން ދިގުލައިގެން ގޮސް ޑިސެމްބަރު މަހާ ހަމަޔަށްވެސް ސީޒަން ނުނިމި ދިގުލައި ދިއުމަކީ މާލީގޮތުންވެސް ކުލަބު ތަކަށް ގެއްލުމެއް ކަމަށެވެ. އަދި ލީގް މެޗުތައް ލަސްކޮށްފިނަމަ ޑިސެމްބަރު މަހު ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމަށް އެކަށީގެންވާ ވަގުތު ނުލިބި ދާނެ ކަމަށެވެ.

comment ކޮމެންޓް