އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމުގައި މި ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: ޠާރިގު

އެސްޕަޔާ ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމުގައި މި ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި ކަަމަށް މިނިސްޓާ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަރާތްތަކާ ގުޅިގެން ހަކަތަ އުފެއްދުމަށް ހިންގާ، އެކްސަލެރޭޓިން ސަަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމެންޓްސް އިން ރިނީވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ޑީސަލަށް ކުރާ ހޭދަ މަދުކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަަމެށެވެ.

ރާއްޖޭގެ ޖީޑީޕީގެ 20 ޕަސެންޓާއި 22 ޕަސެންޓާއި ދޭތެރޭ ޚަރަދުކުރަނީ ރާއްޖެ އަށް ތެޔޮ އެތެރެކުރަން ކަމަށާއި އެ ޚަރަދު ކުޑަކުރެވޭނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އަމިއްލަ ފަރާތްތަކާއި ގުޅިގެން އިންވެސްޓްކޮށްގެން ކަަމަށް މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.

އެސްޕަޔާ ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު އިބްރާހިމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

" މިހާތަނަށް ދިޔައިރު ރާއްޖޭގައި މުޅިއެކު ހަތަރު މެގަ ވޯޓް ސޯލާ އެނާޖީ ނޫނީ ސޯލާ ޕެނަލް ޖެހިފަ ހުރިކަމުގައި ވިޔަސް އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މި ސަރުކާރު ވުޖޫދަށް އައިފަހުން ޖެހިފަ ހުރި ސޯލާ ޕެނަލް. ދެ މެގަ ވޯޓަށް ވުރެ ގިނައިން މިހިރީ މި ސަރުކާރު އައި ފަހުން،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ދެ އަހަރުތެރޭ މިމިންވަރު ކާމިޔާބުކުރެވުމުން ދޭހަކޮށްދެނީ ސަރުކާރުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ދޭ އިސްކަން ކަމަށާއި ކުރިއަށްއޮތްތަނުގައި ވެސް ސަރުކާރުން އެ ދާއިރާއަށް އިސްކަންދޭނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން އަހަރުތެރޭގައި ދުވާލު ގަޑީގަ ހަކަތަ ބޭނުންކުރާ ވަރުގެ 30 ޕަސެންޓަކީ އިޔާދަކުރެނިވި ހަކަތައިން އުފެއްދޭ ކަރަންޓަށް ހެދުން،" ޠާރިގު ވިދާޅުވިއެވެ.

އެސްޕަޔާ ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އެސްޕަޔާ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަދު ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއް އެއްބަސްވުމަކީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާއި ސްވިޒަލެންޑްގެ ގްރާސް ސޯލާޓެކްނިކް އާއި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ދެމެދު ވި އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޠާރިގު އިބްރާހިމް އާއި ސީމެކްގެ ޕްރޮޖެކްޓް މެނޭޖަރު ޒަން ޖިއާންޓާއޯ އާއި ގްރާސް ސޯލާ ޓެކްނިކްގެ މެނޭޖިން ޑިރެކްޓަރު ހެރަލްޑް ގްރާސް އެވެ. އެ އެއްބަސްވުމުގެ ދަށުން ސީމެކް އާއި ގްރާސް ސޯލާޓެކްނިކް ގުޅިގެން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާނެއެވެ.

އެސްޕަޔާ ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އަނެއް އެއްބަސްވުމަކީ ސީމެކް އާއި ގްރާސް ސޯލާޓެކްނިކް ގުޅިގެން އުފައްދާ ކަރަންޓް، ސްޓެލްކޯއަށް ގަތުމުގެ އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި ސީމެކާއި ޕްރޮޖެކްޓް މެނޭޖަރާއި ސޯލާޓެކްނިކްގެ އެމްޑީގެ އިތުރުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރު އެވެ. އެ އެއްބަސްވުމުގެ ދަށުން ސީމެކާއި ސޯލާޓެކްނިކް ގުޅިގެން އުފައްދާ ކަރަންޓް ސްޓެލްކޯއިން ގަންނާނެއެވެ.

އެސްޕަޔާ ޕްރޮޖެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ވިދާޅުވީ، އެ ޕްރޮޖެކްޓް ރޭވިފައި އޮތީ އިންވެސްޓަރުންނަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބޭ ގޮތަށް ކަަމަށެވެ.

އަދި މިއަދު ވި އެއްބަސްވުމުގެ ދަށުން ސީމެކް އާއި ގްރާސް ސޯލާޓެކްނިކް ގުޅިގެން އުފައްދާ ކަރަންޓް ދައްކަންޖެހޭ ފައިސާ ސްޓެލްކޯއިން ނުދައްކައިފިނަމަ އެ ފައިސާ ފިނޭންސް މިނިސްޓްރީން ދައްކާނެ ކަމަށާއި އަދި ފިނޭންސުންވެސް ނުދައްކައިފިނަމަ ވޯލްޑް ބޭންކުން އެ ފައިސާ ދައްކާނެ ކަމަށް މަތީން ވިދާޅުވިއެވެ.

އަދި އިންވެސްޓަރު، ސަރުކާރާއި އެކު ވާ އެއްބަސްވުން އެއްވެސް ސަބަބަކާއި ހެދި ބާތިލްކޮށްފިއްޔާ އޭގެ ބަދަލު އިންވެސްޓަރަށް ދޭންޖެހެއެވެ.

އިއާދަކުރަނިވި ހަކަތަ އާއި ގުޅޭ ޕްރޮޖެކްޓެއް އަންނަ ހަފްތާގައި ވެސް އިއުލާންކުރާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް