ދެ އަހަރުގެ ތެރޭގައި ފެނަށް ޖެހުމުގެ މައްސަލަ ހައްލުވާނެ: މަތީން

ވާރޭފެން ތާނގީތައް ހަވާލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: އެންވަޔަރުމެންޓް މިނިސްޓްރީ

އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށް ބޯފެނަށް ޖެހުމުންދާ މައްސަލަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހައްލުވެގެން ދާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ރ. އަނގޮޅިތީމާއި އެ އަތޮޅު ރަސްގެތީމާއި ވާދޫއަށް ވާރޭފެން ރައްކާ ކުރާ ތާނގީތައް ހަވާލު ކުރި ރަސްމިއްޔާތުގަ އެވެ.

އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށް ބޯފެނަށް ޖެހެމުން ދާތީ އެކަން ޙައްލު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ މަޝްރޫއުގެ ދަށުން އެކި ރަށްތަކަށް ދަނީ ތާންގީތަކެއް ހަވާލު ކުރަމުންނެވެ.

މަތީން ވިދާޅުވީ ތާނގީތައް ސާފުކުރުމަށާއި ވެހޭތާނގައި ފެން ނެގުމަށާއި ޒިއްމާދާރުކަމާއެކު ފެންނަގައި ރައްކާތެރި ކުރުމަަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ވާރޭފެން ތާނގީތައް ހަވާލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: އެންވަޔަރުމެންޓް މިނިސްޓްރީ

"ނުވަރަށެއްގައި ފެށި މަސައްކަތް ނިމި ފެން ބޭނުން ކުރެވެމުން އެބަދޭ. 11 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢު ކުރިއަށް އެބަދޭ. ކުރިއަށް އޮތް އަހަރުވެސް މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ. ކުރިއަށް އޮތް ދެ އަހަރުގެތެރޭގައި ފެނަށް ޖެހުމުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ގެނެވޭނީ،" މަތީން ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު މަތީން ވިދާޅުވީ އިރުވައި މޫސުމުގައި ބައެއް ރަށްރަށުން ބޯފެން ހުސްވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއު ފުރަތަމަ ފެށީ ރ. އަތޮޅާއި ބ. އަތޮޅުގައި ކަމަށެވެ.

އެންވަޔަރަމަންޓު މިނިސްޓުރީން ބުނީ އެއިން ކޮންމެ ރަށެއްގައި ބޯ ފެން ނެގުމުގެ ނިޒާމު ގާއިމު ކުރުމަށް 71 ލައްކައަށްވެރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް