ރައްޔިތުންގެ ނިޒާމީ ނުކުތާ!

"އިއްޒަތްތެރި މެންބަރު... އިށީންދެ ވަޑައިގަތުން އެދެން... އެހެން ނޫނީ ނަންއިއްވަން ޖެހިދާނެ..." މިއީ ސިޓިންރޫމްތަކަށް އައު އަޑުތަކެއް ނޫނެވެ. ދެން އޮންނާނީ "ކޯރަމް" ގެއްލުމެވެ. އެހެން ނޫނީ މަޖިލީހުގެ މޭޒުމައްޗަށް މެންބަރަކު އަރައިވަޑައިގަތުމެވެ. ނޫނީ އެއް މެންބަރެއް އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްލާ މާރާ މާރީ ހިންގުމާ ގަދައަށް ޒުވާބު ކުރުމެވެ.

އެއްކޮޅުން ރައްޔިތުން އަބަދުވެސް ކުރާ ޝަކުވާ އަކީ ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދާ ވާހަކަ އެވެ. އެތައް ވައުދުތަކެއް ވެވަޑައިގަތް މެންބަރުން "ގޮނޑި ހޫނުކުރައްވަން" ތިއްބަވާ ވާހަކަ އެވެ. އަނެއްކޮޅުން މެންބަރުން ވިދާޅުވަމުން ގެންދަނީ މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ އެންމެ ޕްރޮގްރެސް ރަނގަޅު ރައްޔިތުންގެ މަޖިލިސް ކަމަށެވެ. މިކަމުގެ ހަގީގަތަކީ ކޮބައިބާ އެވެ؟

ޑިމޮކްރަސީގައި ހަލަބޮލި ސިޔާސީ މައިދާނެއްގައި އެފަދަ ކަންކަން ފެނުމަކީ މައްސަލައެއް ނޫން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި އެއީ އާންމު ކަންކަމަށްވާތީ އެވެ. އެކަމަކު އެފަދަ ކޮންމެ ގޮތަކީ ރަނގަޅު ގޮތްތޯ އެއީ ވެސް ރައްޔިތުން ކުރާ ސުވާލެކެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ބުނަނީ ރައްޔިތުންގެ މަޖިލީހުން ހަދަން ޖެހޭ ގިނަ ގާނޫނުތަކެއް ނުހެދި ހުރުމުގެ ސަބަބުން ގިނަ ބަޔެއްގެ ހައްގުތައް ގެއްލިފައި ވާކަމަށެވެ
"ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކޮންމެހެން ހަދަންޖެހޭ ގާނޫނުލް އުގޫބާތު، ހެއްކާބެހޭ ގާނޫނު، މަސްތުވާތަކެތީގެ ބޭނުންކުރާމީޙުންނަށް ފަރުވާދޭނެ އުސޫލެއް ބަޔާންކުރާ ގާނޫނު، ޖިނާއީ ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހުންނާއި ގެއްލުން ލިބޭ މީހުންގެ ހައްގުތައް ރައްކާތެރި ކޮށްދޭ އުސޫލުތަކެއް ބަޔާންކުރާ ގާނޫނު، ސީޔާސީ ޕާޓީތަކާބެހޭ ގާނޫނު އަދި ހެކިބަސްދޭ މީހުންގެ ރައްކާތެރިކަމާއި ސަލާމަތް ތެރި ކަމާ ގުޅޭ ގާނޫނު ފަދަ މުހިންމު ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުން އެފަދަ ހައްގުތައް ލިބުމުގެ ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވެ އެވެ،" އެޗްއާރްސީއެމްގެ މިދިޔަ އަހަރުގެ ރިޕޯޓްގައި ރައްޔިތުންގެ މަޖިލީހާ ބެހޭ ގޮތުން ފާހަގަ ކޮށްފައިވެ އެވެ.

ހަގީގަތަކީ ވެސް މިއީއެވެ. އެ ގާނޫނުތަކެއް ނެތެވެ. ފެހި ގާނޫނު އާސާސީއަށް އަހަރުތައް ވެފައި ވާއިރު އޭގެ ހަގީގީ ފޮނި މީރުކަން ރައްޔިތުންނަށް މިވަނީ ނުލިބި އެވެ. އެކަމުގައި ރައްޔިތުންގެ މަޖިލީހުން ވަރަށް ޒިންމާއެއް ނަންގަވަން އެބަޖެހެ އެވެ. ނުވެހުރި ކަންކަން ސަރުކާރުގެ ބޮލުގައި އަޅުވާފައި 62،000ރ މުސާރަ ނަންގަވައިގެން "އިމްތިޔާޒުގެ" ފޮނިމީރުކަން "އެންޖޯއީ" ކުރައްވާ ވާހަކަފުޅުތައް ދައްކަން މަޖިލީހުގައި ތިބެވޭކަށް ނެތެވެ.

"އަޅުގަނޑުމެން މި ބުނަނީ މަޖިލީހުގެ ޕްރޮގްރެސް ރޭޓް ރަނގަޅޭ! އެހެން ބުނާއިރުގައި ފުރަތަމަ ކަމަކަށް ގައުމީ މަސްލަހަތު ހިމެނޭ ބިލްތަކަށް އެބަޖެހޭ އެންމެ އިސްކަން ދޭން. މަޖިލީހުން މަސައްކަތް ކުރާއިރު ބަލަންވީ އެންމެ މުހިންމު ބިލްތައް ކުރީބައިގާ ނިންމުމަށް،" ކޮރަޕްޝަން ހުއްޓުވާ ހެޔޮވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ މަދަނީ ޖަމްއިއްޔާ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ޕްރޮގްރާމް ކޯޑިނޭޓާ އައިމަން ރަޝީދު ވިދާޅުވި އެވެ.

މަޖިލީސް ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖޭގެ ސިޔާސީ ތާރީހު ދުށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރާ ނަތީޖާ ނެރޭ މަޖިލީހެވެ. އެހެން ވިދާޅުވާއިރު ވަރުން އަޅުވާ ރައްޔިތުންގެ މަޖިލިސްތަކަކީ ކޮން ހާލަތެއްގައި ކޮން ގޮތަކަށް މަގުފަހިވެފައި އޮތް މަޖިލިސްތަކެއްތޯ، އެއީ ވެސް ވިސްނަންޖެހޭނެ ނުކުތާއެކެވެ.

"ސިޔާސީ ވާދަވެރިކަމުގައި ވެސް ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވެމުން ދާކަން އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެން މަސައްކަތް ކުރާ ކޮމެޓީތަކުގައިވެސް ދުވާލާ ރޭގަނޑު މަސައްކަތް ކުރެވިފައިވަނީ. އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން މަޖިލީހަކީ ވަރަށް އުފެއްދުންތެރިކޮށް މަސައްކަތް ކުރާ މަޖިލީހެއް،" ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިދިޔަ އަހަރުގެ މަސައްކަތަށް ކަޅިއެއް އެއްލާއިރު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭނީ 95 ދުވަހުގައިތޯ ސުވާލުކުރެވިދާނެ އެވެ. އެއީ އެއް ބަޔަކު ވަރަށް ގިނަ ގާނޫނުތަކެއް ހަދަން ޖެހިފައިވާ ކަމަށް ބުނާ އިރު، އަހަރުގެ 365 ދުވަހުގެ ތެރެއިން 270 ދުވަހަކީ ރަސްމީ މަސައްކަތް ނުކުރާ ދުވަސްތައް ކަމަށް ބަލައިގެން ތިބުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްތޯ އުފެދޭ ސުވާލެވެ. ހަމަ އެހެންމެ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހިނގާ ކޮމިޓީތަކުގެ ޖަލްސާތައް ގިނައިން ބޭއްވުނު ނަމަވެސް ބައެއް ކޮމެޓީތަކަށް ހުށަހެޅިފައިވާ މައްސަލަތައް ހަ މަސް ވެގެން ދިޔަ އިރު ވެސް ހުރީ ހަމަ ހުރި ގޮތަށެވެ.

އަދި މަޖިލީހަށް ޖުމްލަ 52 ބިލެއް ހުށަހެޅުނު އިރު އޭގެ ތެރެއިން މުޅިން ނިމި ރައީސް ތަސްދީގު ކުރަން ފޮނުވާފައިވަނީ 32 ބިލެވެ. މިއީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ރެކޯޑް އަދަދަކަށް ބިލްފާސްވި އަހަރެއްގެ ގޮތަށް ފެންނަ ތަފާސްހިސާބުން ޕްރޮގްރެސް ރަނގަޅެވެ. އެކަމަކު ނުނިމި ހުރީ ރައްޔިތުންނަށް ކިހާ މުހިންމު ބިލްތަކެއްތޯ އާއި ރައްޔިތުންގެ މަޖިލީހުން ނުނިންމައި ހުރި ބިލްތަކުގެ ސަބަބުން ނަތީޖާ ހާސިލު ނުވެ ހުރި ކަންކަމަށް ބަލާއިރު ޕްރޮގްރެސް ރަނގަޅުތޯ ސުވާލު އުފެދެ އެވެ.

މަޖިލީހުގައި ބައެއް ބިލުތައް ވަރަށް އަވަހަށް ފަސޭހައިން ފާސްކޮށް ނިންމާލަ އެވެ. ރައްޔިތުން "ރަތަށް އެރި" 20000ރ. ކޮމެޓީ އެލަވެންސަށް ވެސް ވީ އެހެންނެވެ. އެއް މެންބަރަކު އަނެއް މެންބަރަކަށް އިނގިލި ދިއްކުރައްވާ ތިއްބަވަނިކޮށް އާހިރުގައި ކަންވެ ނިމުނުއިރު އެންމެ ފަހުން އެއީ ހުރިހާ ޕާޓީއެއްގެ ޕާލިމެންޓްރީ ގުރޫޕުގެ އިއްތިފާގުން ފާސްކޮށްފައި އޮތް އެލަވެންސެކެވެ. ދެން އޮތީ އަދި މާ ހައްސާސީ ވާހަކަ އެކެވެ. އިމްތިޔާޒުގެ ދަށުން ޑިއުޓީ ފުރީ ކާރާއި އެފަދަ ކިތަންމެ ކަމެއްގެ ވާހަކަ އެވެ.

މައްސަލައެއް ނެތެވެ. އެއީ "އިއްޒަތްތެރި" މެންބަރުންނެވެ. އިމްތިޔާޒާ އިނާޔާތް ފާސްކުރުމުގައި އެއްގަލަށް އަރާ ގޮތަށް ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރި ކަމާއި ރައްޔިތުންގެ ވިންދާ ގުޅިފައިވާ ބިލްތައް އެއްގަލަށް އަރައިގެން ފާސް ނުކުރެވެނީ ކީއްވެތޯ އެވެ؟ ހަގީގަތަކީ 62000ރ. ބޭސިކް މުސާރަ އާއި 20،000ރ ކޮމެޓީ އެލަވެންސުން ރައްޔިތުންނަށް ލިބޭ އެއްޗެއް ނެތްކަމެވެ. ބަދަލުގައި މަޖިލިސް ލައިވް އިން ފެންނަނީ އާއިލާ އެއްކޮށް ސިޓިން ރޫމްތަކުގައި ބަލައިލަން ނުކެރޭ ދަށު ދަރައިޖައިގެ ވާހަކަތަކާއި އަމަލުތަކެވެ.

ނަތީޖާއަކީ މަޖިލީހާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، މުޖުތަމައުގެ ޝުއޫރުތައް ހުރިގޮތަކީ "ތެލަށް ވުރެ ނިޒާމީ ނުކުތާ އަގުބޮޑުވެއްޖެ." އާއި "މަހަކު 80000ރ. އަހަރަކު ތިން މަހު ޗުއްޓީ. ބޮޑުވަރު!" ފަދަ ރުޅިވެރި ކަމުގެ ޝުއޫރުތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް