ތިނަދޫގެ ނަރުދަމާއާއި މަގުހެދުމުގެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ޔުޓިލިޓީސްއަށް ހޯދައިދިނުމަށް ސަރުކާރުން ގެރެންޓީ ދޭގޮތަށް ހަމަޖައްސައިފި

ގދ. ތިނަދޫގެ ނަރުދަމާގެ މަސައްކަތަށާއި އެރަށުގައި ހެދުމަށް ހަމަޖެހިފައިވާ ހަތަރު ކިލޯމީޓަރުގެ މަގުގެ މަސައްކަތަށް ބޭނުންވާ ފައިސާ ބޭރުގެ އިދާރާތަކުން ހޯދުމުގެ ބަދަލުގައި، ބޭންކު މެދުވެރިކޮށް އެ ފައިސާ ސީދާ ޔޫޓިލިޓީ ކުންފުންޏަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން ގެރެންޓީދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް ނަޝީދު ގދ. އަތޮޅަށް އިއްޔެ ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ރޭ ތިނަދޫ ކައުންސިލާ ބައްދަލުކުރައްވައި، އެ ދެ މަޝްރޫއާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ. އަދި ދެ ޕްރޮޖެކްޓަށްވެސް ބޭންކު މެދުވެރިކޮށް ފައިސާ ހޯދުމަށްޓަކައި ސަރުކާރުން ގެރެންޓީދޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ވިޔަފާރި އާއި ދަތުރުފަތުރަށް މަގުފަހިކޮށްދޭ ތަނަކަށް ތިނަދޫ ބަނދަރު ހެދުމަށްޓަކައި ބަނދަރުމަތީގައި ވަސީލަތްތައް ގާއިމްކުރުމާ ބެހޭ ގޮތުން ވެސް އެމަނިކުފާނު ވަނީ ކައުންސިލާ މަޝްވަރާކުރައްވައިފަ އެވެ.

"ސަރުކާރުން ހިންގަވާ ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، ތިނަދޫ ބަނދަރަކީ، ވިޔަފާރިއާއި ދަތުރުފަތުރަށް މަގުފަހި ކޮށްދޭ ބަނދަރަކަށް ހެއްދެވުމަށްޓަކައި، ތިނަދޫ ބަނދަރުމަތީގައި ވަސީލަތްތައް ޤާއިމު ކުރެއްވުން ހިމެނެއެވެ. އަދި މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތަކާއި، ތިނަދޫއާއި، އެ ސަރަޙައްދުގެ އުފެއްދުންތައް ވިއްކުމަށްޓަކައި ލޯކަލް މާރުކޭޓާއި، ފެރީ ޓަރމިނަލާއި، ވިޔަފާރި އަދި މަސްވެރި ބަނދަރަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް ތިނަދޫ ބަނދަރުމަތީގައި ޤާއިމު ކުރެއްވުންވެސް ހިމެނެއެވެ." އެ މަޝްވަރާތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނެފައި ވެއެވެ.

އަދި ތިނަދޫގައި ރައްކާތެރި ސާފުބޯފެން ދޫކުރުމުގެ މަސައްކަތްތައް މިހާރު އެކަމުގެ އެންމެފަހު މަރުޙަލާގައިވުމާއެކު، އެކަންކަމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ތިނަދޫ ކައުންސިލާއެކު ހިޔާލު ބަދަލުކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މަޑަވެއްޔަށާއި ހޯނޑެއްދުއަށްވެސް ވަނީ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި، އެ ދެރަށުގެ ތަރައްގީއަށް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކާ ބެހޭގޮތުން އެ ދެރަށުގެ ރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު