އެންމެ މަތީ ރިސޯޓްތައް، އެންމެ ދެރަވަރުގެ ސެކިއުރިޓީ

އޭރު އިވެނީ ރިސޯޓުތަކުގެ ކޮޓަރިތަކުން ކުދިކުދި ވައްކަން ކުރާ ވާހަކަ އެވެ. މިހާރު އިވެނީ ދުރާލާ ރޭވި، ޖަމާއަތް ހަދައިގެން ރިސޯޓްތަކަށް އަރައި ވައްކަމާ ފޭރުމުގެ ބޮޑެތި ޖަރީމާ ހިންގާ ވާހަކަ އެވެ. މިހާރަކު ނިދާފައި ތިބެވޭކަށް ނެތެވެ.

ކުށުގެ ބާވަތުން މުޅިން އާ ކަމެއް މި އަހަރުގެ ޖެނުއަރީތެރޭ ރާއްޖޭގައި ފެންމަތިވި އެވެ. ބ. ކިހާދުއްފަރު ރިސޯޓަށް ބަޔަކު މޫނު ނިވާ ކޮށްގެން އަރައި ރިސޯޓްގެ ތިޖޫރީ ފޭރި ގަތުމެވެ. އެއީ ރިސޯޓުތަކުގެ ސަލާމަތާބެހޭ ގޮތުން ސަމާލުވުމަށް ފުރަތަމަ ލިބުނު އިންޒާރެވެ. އެ ހާދިސާއާ ގުޅިގެން މުޅި އިންޑަސްޓްރީއަށް ވެސް ބުނެވުނީ "ކަންބޮޑުވާ" ކަމަށެވެ. އެހެން ތިއްބާ އިއްޔެ ރޭ ފަތިހު މާލެ އަތޮޅު ބަރޮހަށް ބަޔަކު އަރައި ފޭރުމުގެ ބޮޑު ހާދިސާއެއް ހިންގަން މަސައްކަތްކޮށް އޭގެ ތެރެއިން މަރުގެ ހާދިސާއެއް ފެންމަތިވެގެން އައުމާއެކު މުޅި ރިސޯޓް އިންޑަސްޓްރީގެ ސެކިއުރިޓީއާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ރާއްޖޭގެ އިގްތިސާދު އެ ކަމެއްގެ މައްޗަށް ބަރޯސާވެފައިވާ ޓޫރިޒަމްގެ އޭގެ ގޮތުގައި ރައްކާތެރިކަން މަތީ ބޭއްވުމަށް މުޅިން އާ ނަޒަރަކުން ވިސްނަން ޖެހޭކަން އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. ރިސޯޓް ސެކިއުރިޓީއާ މެދު ސަމާލުކަން ދޭންޖެހޭކަން ޓޫރިޒަމް ދާއިރާގައި ނުފޫޒު ގަދަ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ބުނަމުންދާތާ ދެ މަސް ނުވަނީސް "ފޭރޭ މީހުން" ރިސޯޓުތަކަށް އަރަން ފެށުމާއި ފޭރުމާއި ވައްކަމާއި ކުށަށް އަރައިގަތުމުގެ ގޮތްފޮތް ރާއްޖޭގައި އޮތް މިންވަރަށް ބަލާއިރު އަންގައި ދެނީ އަވަސް ފިޔަވަޅުތަކެއް ރިސޯޓް ސެކިއުރިޓީއާމެދު ނާޅައިފިނަމަ ގޯހުން ގޯހަށް ބަދަލުވުމީ މުޅިން ޔަގީންވާ ކަމެކެވެ.

"ސެކިއުރިޓީ މީހުން ތިބޭ ރިސޯޓު ތަކުގައި، އެކަމަކު ބަޔަކު (ފޭރޭ މީހުންގެ ޖަމާއަތްތައް) ރިސޯޓަށް އަރާ ކަމެއް ކުރަންވެއްޖިއްޔާ ކުރެވޭ ގޮތަށް އަޅުގަނޑުމެންގެ ރިސޯޓްތައް މިހުންނަނީ އެހެންވީމަ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ސީރިއަސް މައްސަލަ އެއް،" މަޓީގެ ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހީމް މުހަންމަދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރިސޯޓްތަކަށް އަރާ ވައްކަމާ ފޭރުމުގެ ހާދިސާތައް ހިނގާ ކަމަށްވާނަމަ "އެކަމުގެ އަސަރު ވަރަށް ދުރަށް ފޯރާނެ" ކަމަށެވެ.

މީގެ ކުރިން ސަރުކާރުން ރިސޯޓްތަކުގެ ސެކިއުރިޓީއަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރި އެވެ. އޭރުން ފެށިގެން މިހާތަނަށް ވެސް ސެކިއުރިޓީ ފޯކަސް އޮތީ ރިސޯޓްތަކުގެ އެތެރެއަށެވެ. ނަމަވެސް ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރިސޯޓްތަކަކީ ދިމަދިމާގައި އެތުރި ކަނޑުތަކަށް ހުޅުވިފައިވާ ރަށްތަކަކަށްވުމާއި ކުށުގެ ބާވަތާއި ކުށަށް އަރައި ގަތުމުގެ ރޭޓް ރާއްޖޭގައި ވަނީ ފުށުން ޖެހިފަ އެވެ. ދުނިޔޭގެ ކަނޑުތައް ބަލަހައްޓާ ލަޝްކަރުތައް ފޫއަޅުވާލައި ފުރޭނިގެން އަންނަ ސޯމާލިޔާގެ ކަނޑު ފޭރޭ މީހުން ދުއްތުރާތައް ރާއްޖެއަށް ވަނީ ކުރިމަތިވެފަ އެވެ.

މިކަންކަން މިހެން އޮތް އިރު މިހާތަނަށް ރިސޯޓްތަކަށް ހާއްސަވެފައި މި އޮތް ސެކިއުރިޓީއަކީ މިފަދަ ނުރަކާތަކެއް ކޮންޓްރޯލް ކުރެވޭ ވަރާ ގާތްކުރާ ސެކިއުރިޓީއެއް ނޫނެވެ. އޮތީ ދެރަވަރުގެ ސެކިއުރިޓީއެކެވެ. ހަގީގަތަކީ ރިސޯޓް ސެކިއުރިޓީ ބަލަހައްޓަން ހައެއްކަ ވޮޗަރުން ގެންގުޅޭ އުސޫލަށް ބޮޑެތި ބަދަލު ގެންނަން ޖެހިފައިވުމެވެ.

ރާއްޖޭގައި ވަގުން "އެޑްވާންސް" ވެއްޖެ އެވެ. ބ. ކިހާދުއްފަރު ރިސޯޓަށް އަރައި ރިސޯޓްގެ މައި ތިޖޫރީ ކޮނޑުޖަހައިގެން ދިއުމަށް އެކަނި ވިސްނައިލިއަސް އެކަން ވަޒަންކޮށްލެވޭނެ އެވެ. ވަގުން ސައިކަލުގައި ދާއިރު އެމީހުން އަތުލަން ފުލުހުން ބައިސްކަލުގައި ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ގަބޫލު ކުރާނަމަ ބޮޑުތަނުން އެޑްވާންސްވެފައިވާ ވަގުންނާއި ފޭރޭ މީހުންނަށް ކުރިމަތިލާނެ ރަނގަޅު އެޑްވާންސް ސެކިއުރިޓީ ނިޒާމެއް ގާއިމުކުރަން ޖެހޭނެ އެވެ. އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކަށް އަރައި މައި ތިޖޫރީ ހިފައިގެން ދާދިއުމަކީ އެފަދަ އެޑްވާންސް ސެކިއުރިޓީއެއް ނެތުމެވެ.

މަތީފެންވަރުގެ ރިސޯޓްތަކަށް މޫނު ނިވާކޮށްގެން އަރައި ތަން ލޫޓުވައި ބޭނުން ގޮތެއް ހަދާލުމަށް ފަހު ދިއުމަކީ ވެސް މުޅި މައްސަލައިގެ އަސްލަށް ބަލާއިރު ހެއްވާ ކަމެކެވެ. އެހެނީ އެންމެ މަތީ ފެންވަރުގައި ރިސޯޓް ބިނާ ކުރާއިރު އެވަރުގެ ސިކިއުރިޓީ ނެތުމަކީ އުޒުރެއް ނޫނެވެ.

ރިސޯޓް ތަކަށް އަރައި ވައްކަން ކުރާ މައްސަލަ އާއި ގުޅިގެން ފުލުހުން ވެސް ބުނަނީ "މައްސަލަ އަކީ އޭގެ ޒާތުގައި ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ސީރިއަސް މައްސަލަ އެއް" ކަމަށެވެ.
"މިކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ނުރައްކާތަކެއް ކުރިމަތިވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް. އަދި މިކަމުގެ ސަބަބުން ގައުމުގެ އިގްސާދަށްވެސް ގެއްލުންތަކެއް ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް. އެހެންވެ ފުލުހުން ވެސް މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ވެރިރަށް މާލެ އާއި ރަށްރަށުގައި ކުރާ ބޮޑެތި ވައްކަންތައް "އައްސޭރި ފަށުން" ބޭރުވެ ރިސޯޓު ތަކާ ހަމައަށް ދިއުމަކީ ސަހަލަ ނަތީޖާ ނުކުންނާ ކަމެއް ނޫނެވެ. މިކަމުގައި "ކަންބޮވެއޭ" އެކަނި ބުނެގެން ފުއްދައެއް ނުލެވޭނެ އެވެ.

"އަޅުގަނޑު ހަމަ ވަރަށް ކަންބޮޑުވާ ކަމެއް މިއީ. އަބަދުވެސް ވިސްނޭ ސެކިއުރިޓީގެ ހާލަތު އޮތް ގޮތާ ދޭތެރޭ. އަޅުގަނޑު ނިދަން އޮށޯންނައިރު ވެސް ހިތުގައި އޮވޭ މާދަމާ ހޭލާއިރު އިވޭނީ އަނެއްކާ ކޮންކަހަލަ ހަބަރެއްބާވައޭ؟" ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ވިދާޅުވި އެވެ.

ހުރިހާ އެންމެން ވެސް ކަންބޮޑުވުމުގަ އެވެ. އެކަމަކު ރިސޯޓް ސެކިއުރިޓީއާމެދު އަވަސް ފިޔަވަޅެއް ނާޅާޅައިފި ނަމަ މާދަމާ އަކީ ނަތީޖާ ވަރަށް ހިތިވާނެ ދުވަހެކެވެ. ފިޔަވަޅު އެޅުން މާދައާއަށް ބަހައްޓައި "ނިދައިފި" ނަމަ އިވޭނީ ހައްލު ކުރެވޭވަރަށްވުރެ ބޮޑު ކަމެއްގެ ހަބަރެެވެ.



ގުޅޭ ޓެގު
comment ކޮމެންޓް