ރާއްޖެ މޮޅުވެ ކޮލިފައިންގެ ޔަގީންކަން ގާތްގަނޑަކަށް ހޯދައިފި

އޭއެފްސީ ޗެލެންޖްކަޕްގެ ކޮލިފައިންގެ ދެވަނަ މެޗުގައި މިއަދު ކިރުގިސްތާނާ ވާދަކޮށް 2-1 ލަނޑުން މޮޅުވެގެން އަންނަ އަހަރުގެ މުބާރާތުން ޖާގަ ލިބޭނެކަން ރާއްޖެއިން ގާތްގަޑަކަށް ކަށަވަރުކޮށްފި އެވެ.

މިއަދު ހަވީރު ގަލޮޅުދަނޑުގައި ކުޅެވުނު މެޗުން ރާއްޖެ މޮޅުވި ނަމަވެސް ފަހުހާފުގައި ވަނީ ޓީމަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ނަމަވެސް ރާއްޖޭ ޓީމުގެ އެންމެ ބޮޑު ހިތްވަރަކަށްވީ މެޗުގެ ފުރަތަމަ ކޮޅު ލަނޑެއްް ޖަހާ ލީޑް ނެގުމެވެ. 4 ވަނަ މިނެޓްގައި މުހައްމަދު އާރިފް(ބަކާ) ބޮލުން ހުރަސްކޮށްލަދިން ބޯޅަ އައްސަދު އަލީ(އަޑުބަރޭ) ގޯލަށް ވައްދާލީވެސް ބޮލުން ޖަހައެވެ. އޭރު ކިރުގިސްތާންގެ ކީޕަރުވެސް ހުރީ ބޯޅައަށް ހަރަކާތް ކުރަން ނޭނގިފައެވެ.

ކުރީ މެޗަށްވުރެ ފޯވަޑް ކުޅުންތެރިންނަށް ދެވޭ ބޯޅަތައް އިތުރުވި ނަމަވެސް ކިރުގިސްތާންގެ ޑިފެންސް ފެނުނީ އޯގަނައިޒްކޮށެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އަލީ އަޝްފާގާއި މުހުތާރު ނަސީރު(ޓޫކިލޯ)ގެ އުނދަގޫ ފޯރަމުން ދިޔައެވެ.

މުޅިމެޗުގައިވެސް ރާއްޖެއަށް ލިބުނު އެންމެ ހުސް ފުރުސަތަކީ 26 ވަނަ މިނެޓްގައި ދަގަނޑޭއަށް ލިބުނު ފުރުސަތެވެ. ޑިފެންސްލައިން ކަޓުވާލުމަށްފަހު ކީޕަރުވެސް ކަޓުވާލަން އުޅުމުގެ ތެރޭގައި ކީޕަރުވަނީ ބޯޅަ ދަމައިގެންފައެވެ.

35 ވަނަ މިނެޓްގައި ދަގަނޑޭއަށް އޭރިޔާތެރެއިން ކިރުގިސްތާންގެ ކުޅުންތެރިއަކު ހަމަލާދިން ކަމަށް ގިނަބަޔަކު ބުނި ނަމަވެސް ރެފްރީ ވަނީ ދަގަނޑޭ ޑައިވްކުރީ ކަމަށް ނިންމާ އޭނާއަށް ރީނދޫކާޑު ދައްކާފައެވެ.

މެޗުގެ ކޮންޓްރޯލު ކިރުގިސްތާންގެ ކޮޅަށް އެނބުރުނީ ފުރަތަމަ ހާފު ނިމެން 5 ވަރަކަށް މިނެޓަށްވީ ތަނާ އެވެ. އޭގެ ފަހުން ދެވަނަ ހާފު ފަށައިގެންވެސް ކިރުގިސްތާންގެ ކުޅުންތެރިން މޮޅަށް ކުޅެމުން ދިޔައެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސް ގިނަ ވަގުތުތަކުގައި ފެނުނީ އޯގަނައިޒް ކޮށެވެ.

ރާއްޖެއަށް ހިތްހަމަ ޖެހުމެއް ލިބުނީ ދެވަނަ ހާފު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ސަމްވީލު ގާސިމް(ބޮންޑާ) ފޮނުވާލި ހަމަލާ ގޯލުގެ ތިންދަނޑިން އެތެރެވެފައިވާ ކަމަށް ރެފްރީ ނިންމުމުންެނެވެ. ވަކި ހިސާބަކުން ކީޕަރު ފުންމައިގެން އަރާ ބޯޅަ މަތަކުރި ނަމަވެސް ރޮނގު ބަލަހައްޓަން ހުރި ލައިންސްމަންގެ އިޝާރާތަށް ރެފްރީ ވަނީ ގޯލަށް ބޯޅަވަންކަމަށް ނިންމާފައެވެ.

އޭރު ކިރުގިސްތާންގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކާފައިވުމުން އެޓީމު ކުޅެމުން ދިޔައީވެސް 10 ކުޅުންތެރިންނާއެކުގައެވެ.

ލަނޑަށްފަހު ރާއްޖޭގެ ކުޅުން ރަނގަޅުވެ އިތުރު ފުރުސަތުތައްވެސް ހޯދިއެވެ. ނަމަވެސް ގިނަ ބޯޅަތައް ދިފާއުކުރީ ތަޖިކިސްތާން އަތުން ބަލިވި މެޗުގައިވެސް މޮޅަށް ކުޅުނު ކީޕަރެވެ.
ކިރުގިސްތާންގެ ހަމައެކަނި ލަނޑަކީ ރާއްޖޭގެ އައްސަދު އަބްދުލް ޤަނީ އަތުން ވަން ބައިގޯލެކެވެ.
މިމެޗުގައި 3 ފަހަރެއްގެ މަތިން ރާއްޖޭގެ ސަޕޯޓަރުން ވަނީ ދަނޑަށް އެއްޗިހި އުކާފައެވެ. އެކަމާ ގުޅިގެން ބައެއް ޙާލަތްތަކުގައި މެޗު ހުއްޓާލަންވެސް ޖެހުނެވެ.

މެޗުން ރާއްޖެ މޮޅުވުމުން 6 ޕޮއިންޓާ ފައިދާ 5 ގޯލާއެކު ވަނީ 1 ވަނައަށް އަރާފައެވެ. ރާއްޖެއަށް ކޮލިފައިވިކަން މުޅިން ޔަގީންވާނީ މިރޭ ކެމްބޯޑިއާ މޮޅުނުވެއްޖެނަމަ އެވެ. މެޗު އެއްވަރުވިއަސް ރާއްޖެ ކޮލިފައިވާނެކަން ޔަގީންވާނެ އެވެ. ރާއްޖެއަށް އަދި ކުރިއަށް ތަޖިކިސްތާން މެޗު އެބައޮތެވެ.



ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު