އައްޑޫގައި ސިޓީ ކައުންސިލެއް އޮންނަން ޖެހޭނެ ކަމަށް ހުށަހެޅި އިސްލާހު ނެގުމަށް އައްޑޫ ދެ މެންބަރަކު ގޮވައިލައްވައިފި

އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއް އޮންނަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދިއުމަށް އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެންބަރުން ގޮވައިލައްވައިފި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ އިސްލާހަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އާއި ހުޅުދޫ ދާއިރާގެ އިލިޔާސް ލަބީބު ވިދާޅުވީ އައްޑޫގައި ސިޓީ ކައުންސިލެއް އުފެދިފައި ވަނިކޮށް ހުށަހެޅުއްވި، އެ އިސްލާހަކީ ސިޔާސީ މަގުސަދެއްގައި ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަކީ އައްޑޫގެ ތަރައްގީއަށް ހުރަސް އެޅުމުގެ ގޮތުން ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"މި އިސްލާހަކީ ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދާ ގުޅިވަޑައިގެން ޑީއާރުޕީން ހުށަހަޅާފައިވާ އިސްލާހެއް. ޑރ. ހަސަން ސައީދަކީ އައްޑޫ ރައްޔިތުން ބަލައިގަންނަ ބޭފުޅެއްނޫން، އެހެންކަމުން އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމަށް ޑރ. ހަސަން ސައީދު އިސްވެ ހުންނަވައިގެން ހުށަހަޅުއްވާފައިވާ މި އިސްލާހް އަނބުރާ ގެންދިއުމަށް އަޅުގަނޑު ގޮވާލަން،" އިލިޔާސް ލަބީބު ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވީ، އެ އިސްލާހަކީ އޭނާ ކަނޑައެޅިގެން އިންކާރުކުރައްވާ އިސްލާހެއް ކަމަށެވެ. އަދި އެއީ ވަކިބައެއްގެ އަމިއްލަ ކަންތައްތަކެއް ހާސިލް ކުރުމަށް މަކަރާއި ހީލަތުން ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އައްޑޫގައި އޮންނަން ޖެހޭނީ ސިޓީ ކައުންސިލެއްކަން ރައްޔިތުން ކަނޑައަޅައި ސިޓީ ކައުންސިލެއް އިންތިހާބުކޮށްފައި ވަނިކޮށް ހުށަހެޅި އެ އިސްލާހަކީ އައްޑޫގެ އެންމެހާ ރައްޔިތުންގެ ވިންދާއި އިހްސާސްތަކާ ދެކޮޅަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ރައްޔިތުން ނިންމާފައިވާ އެ ނިންމުމަށް ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓަކަށް ވެސް ލާހިކެއްނޫން އެކަން ބަދަލު ކުރުމަކަށް. އަޅުގަޑުމެން މި އިސްލާހް ގެނައަކަ ނުދޭނަން. މިއީ މަކަރުން ފުރިފައިވާ އިސްލާހެއް. މި އިސްލާހްގެ ސަބަބުން މުޅި ނިޒާމު މަސްހުނިވެގެންދާނެ. މި އިސްލާހް ހުށަހެޅުއްވި މެންބަރަށް އަޅުގަނޑު ގޮވާލަނީ ހަމަ މިވަގުތު އިސްލާހް އަނބުރައި ގެންދިއުމަށް" އަލްހާން ވިދާޅުވި އެވެ.

މި އިސްލާހަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވިދާޅުވީ، އައްޑޫގައި ސިޓީ ކައުންސިލް ހަދާފައިވަނީ އެމްޑީޕީން މުޒާހަރާކޮށްގެން ކަމަށެވެ. އެހެންކަމުން ގާނޫނީ ގޮތުން އައްޑޫގައި އޮތީ ސިޓީއެއް ނޫން ކަމަށާއި އެ އިސްލާހް ހުށަހަޅުއްވައިގެން މަސައްކަތްކުރަމުން ގެންދަނީ، ގާނޫނީ އިމުގެ ތެރެއިން އައްޓޫގައި ސިޓީއެއް ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާވަށު ދާއިރާގެ އަބުދުލްއަޒީޒުޖަމާލު އަބޫބަކުރު ވިދާޅުވީ، އެ އިސްލާހް ހުށަހެޅުއްވި މަގުސަދަކީ، އައްޑޫ ކައުންސިލަށް ފުރިހަމަ ގާނޫނީ ހައިސިއްޔަތު ދިނުން ކަމަށެވެ. އަދި އެ އިސްލާގެ ސަބަބުން އައްޑު އަށް އިތުރު ފައިދާތައް ލިބިގެންދާނެ ކަމަށާއި، އައްޑޫސިޓީގެ މައްސަލައިގައި ކޯޓުތަކަށް އެކި ފަރާތްފަރާތުން ހުށަހަޅާފައިވާ މައްސަލަތަކަށް އެ އިސްލާހްގެ ސަބަބުން ހުއްޓުން އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސުޕްރީމްކޯޓުން އަމުރު ނެރެފައި ވަނީ އައްޑޫގައި ސިޓީ ކައުންސިލް ހެދުމަށް ނޫން ކަމަށާއި އެ އަމުރަކީ އިންތިހާބު ބޭއްވުމަށް ނެރުނު އަމުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލުފުށީ ދާއިރފާގެ ރިޔާޒު ރަޝީދު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލަކަށް ބަދަލުކޮށްފައި ވަނީ ހަމައެކަނި ނަންބޯޑުން ކަމަށެވެ. އަދި ގާނޫނުގައި ކަނޑައެޅިފައި ވަނީ އެގޮތަށް ކައުންސިލް ހެދުމަށްނޫން ކަމަށާއި ސިޓީއެއް ހަދާނަމަ ގާނޫނުގައިވާ ޝަރުތުތައް ފުރިހަމަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، އައްޑޫ ކައުންސިލް ހަދާފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ނޫންކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ނޫން ގޮތަކަށް އެއްވެސްކަމެއް ކޮށްގެންނުވާނެ ކަމަށާއި، ރާއްޖެ ހަލާކުވެގެން މިދަނީ ވެސް ގާނޫނީ އިމުންބޭރުން ކަންތައްތައް ކުރަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި އައްޑޫގައި އިންތިހާބު ބޭއްވުމުގައި ޝަރުއީ ދާއިރާ އިން ޒިންމާދާރުކަން ކުޑަ ގޮތަކަށް މަސައްކަތްކޮށްފައިވާ ކަމަށާއި އިންތިހާބު ބާއްވަން އަންގާދާ 24ގަޑިއިރުގެ ތެރޭގައި އެ އިންތިހާބު ބޭއްވިގެންދިޔައީ އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ހަލާކުވެގެން މިދަނީ ގާނޫނު ނުދަންނަ ވެރިއަކު ވެރިކަމަށް އަރައި ހިތުހުރި ގޮތަކަށް ކަންތައް ކުރަމުންދާތީ. އެއްވެސް ދާއިރާއެއްގައި ގާނޫނާ ހިލާފަށް ސިޓީއެއް ނެހެދޭނެ. އަޅުގަނޑުމެން މިއުޅެނީ ގާނޫނީ އިމުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލް އުފައްދަން. ވަކިމީހަކު ބޭނުންވީމަ ކައުންސިލް ނެގޭ ގޮތަކަށް ނޫން އޮންނަން ޖެހޭނީ. ކޮމިޓީ މަރުހަލާގައި އަޅުގަނޑު ހުށަހަޅާނަން 8،000 މީހުންގެ އާބާދީ ހިމެނޭ ކޮންމެ ތަނެއްގައި ކައުންސިލް ހެދުމަށް" އަލީ ވަހީދު ވިދާޅުވި އެވެ.

މިއިސްލާހް ހުށަހަޅުއްވަމުން، ހިތަދޫ ދެކުނު ދާއިރާ ހަސަން ލަތީފު ވިދާޅުވީ، އައްޑޫގައި މިހާރު ސިޓީ ކައުންސިލެއް އުފައްދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެކި ފަރާތްތަކުން ކޯޓުތަކަށް ދާތީ، އެސަބަބައްޓަކައި ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަކުރެއްވުމަށް މި އިސްލާހް ހުށަހެޅުއްވީ ކަމަށެވެ.
އައްޑޫގައި ސިޓީ ކައުންސިލް ހެދުމާގުޅިގެން އެކަމަކީ ގާނޫނުނާހިލާފަށް ކޮށްފައިވާކަމެއް ކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު