ހަތަރު ސްކޫލެއްގައި އާ އިމާރާތް އަޅައި މަރާމާތު ކުރުމަށް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފި

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ހާފިޒު

ހއ. މުރައިދޫ، ތުރާކުނު، އުތީމު އަދި ލ. އިސްދޫ ސްކޫލުގައި އާ ކްލާސްރޫމްތަކެއް އަޅައި ބައެއް ސްކޫލުތައް އިތުރަށް މަރާމާތް ކުރުމަށް ހަތަރު ކުންފުންޏަކާ ހަވާލު ކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ އިބްރާހިމް އިސްމާއިލެވެ.

އެ ރަސްމިއްޔާތުގައި މުރައިދޫ ސްކޫލުގައި އިމާރާތްތައް އެޅުމަށް ހަވާލުކޮށްފައި ވަނީ ހަސަން ތައުފީގު އިންވެސްޓްމެންޓް (އެޗްޓީއައި) އާ އެވެ. އެ އެއްބަސްވުމުގެ ދަށުން މުރައިދޫ ސްކޫލުގައި ދެ ކްލާސްރޫމާއި ސައިންސް ލެބެއް އަޅާނެ އެވެ. އެ މަސައްކަތް ޖުމްލަ 1.98 މިލިއަން ރުފިޔާ އަށް ހަވާލު ކޮށްފައިވާ އިރު އެ މަސައްކަތް ނިންމުމަށް ދީފައި ވަނީ 180 ދުވަހެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ހާފިޒު

ތުރާކުނުގެ ސްކޫލުގެ މަސައްކަތް އެމްއެންބީ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާ އިރު އެ އެއްބަސްވުމުގެ ދަށުން އެ ރަށު ސްކޫލުގެ ދެ ކްލާސްރޫމް އަޅައި ސްކޫލުގެ ވަށައި ފާރު ރާނާނެ އެވެ. ތުރާކުނު ސްކޫލުގެ މަސައްކަތަށް ސަރުކާރުން 2.1 މިލިއަން ރުފިޔާ ހަރަދު ކުރާ އިރު އެ ސްކޫލުގެ މަސައްކަތް ނިންމުމަށް ދީފައި ވަނީ 175 ދުވަހުގެ މުއްދަތެކެވެ.

ޖުމްލަ 3.7 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްގެން އުތީމު މަދަރުސަތުލް ސުލްތޯން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި ދެ ފަންގިފިލާގައި ޖުމްލަ ހަތަރު ކްލާސްރޫމެއް އަޅާނެ އެވެ. ތްރައިސް ޕްރައިވެޓް ލިމިޓެޑް އާ އެ ސްކޫލުގެ މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައި ވަނީ 220 ދުވަހުގެ މުއްދަތަށެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ހާފިޒު

މިއަދުގެ ރަސްމިއްޔާތުގައި އައިނާ ވުޑްވޯކްސް އެންޑް ކޮންސްޓްރަކްޝަންއާ ހަވާލު ކޮށްފައި ވަނީ އިސްދޫ ސްކޫލުގައި އަޅަން ފަށާފައިވާ އަށް ކްލާސްރޫމްގެ މަސައްކަތް ނިންމުމަށެވެ. އިސްދޫ ސްކޫލުގައި އަޅާ އަށް ކްލާސްރޫމް ދެ ފަންގިފިލައަށް އެޅުމަށް ނިންމާފައިވާ އިރު ކޮންމެ ފަންގިފިލައެއްގައި ހަތަރު ކްލާސްރޫމް ހިމެނެ އެވެ.

އިސްދޫގައި އަޅަން ފަށާފައި ހުރި ކްލާސްރޫމްތައް ނިންމުމަށް ޓަކައި 2.5 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރާނެ އެވެ. އެގޮތުން އެ މަސައްކަތް ނިންމުމަށް މިނިސްޓްރީ އިން ވަނީ 137 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

comment ކޮމެންޓް