ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު އަބްދުލް ރަހުމާން ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު އަބްދުލް ރަހުމާން ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުވައްމުލަކުގައި ފުރާވަރުކުދިން މަސްތުވާތަކެއްޗަށް ވަންނަ ވަރު އިތުރު: ކޮމާންޑަރު

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

ފުވައްމުލަކުން: އަހުމަދު ސާއީލު އަލީ

ޏ. ފުވައްމުލަކުގައި ފުރާވަރު ކުދިން މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރު ކަމަށް މިރަށު ޕޮލިސް ސްޓޭޝަން އިން ބުނެފި އެވެ.

ސަން އޮންލައިންނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ކޮމާންޑަރު ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އަބްދުލް ރަހުމާން ވިދާޅުވީ މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި އޭގެ ތެރެއިން ވެސް ސްކޫލް ނިމި ވަޒީފާއަށް ނުގޮސް ތިބޭ ކުދިން މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"[މަސްތުވާތަކެތި ބޭނުންކުރަން] އާންމުގޮތެއްގައި މިއުޅެނީ 14 އަހަރާއި 16 އަހަރު. އަސްލު ސްކޫލް ނިންމާފައި ދެން 18 ނުފުރިގެން ވަޒީފާ އަށް ނުގޮސް މަޑުކުރާ ދުވަސްކޮޅު އަސްލު އެކު ދިންނަށް އަޅާލަން ޖެހޭ އެންމެ ރަނގަޅަށް އަޅާނުލެވުން ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވެނީ." މުހައްމަދު ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް ހައްލުކުރުމަށް ސޭފް އައިލެންޑް މޮޑެލްގެ ދަށުން ބެލެނިވެރިންނާއި ކުދިން ހޭލުންތެރިކުރަން ވަރަށް އަވަހަށް ޕްރޮގްރާމެއް ފައްޓަވާނެ ކަމަށާއި އޭރުން ކުދިންނަށް އަންނަ ބަދަލުތައް ބެލެނިވެރިންނަށް އެނގިގެންދާނެ ކަމަށް ކޮމާންޑަރު މުހައްމަދު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ އިތުރުން ވައްކަން ކުރުމާއި މީހުންގެ މުދަލަށް ގެއްލުންދިނުމުގެ މައްސަލަތައް ވެސް މިރަށުގައި ހިނގަމުން އަންނަ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

މިރަށު ފުލުހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޭންޕަވާގެ މައްސަލަ ކަމަށާއި މޭންޕަވާ ރަނގަޅަށް ލިބިއްޖެ ނަމަ މިހާރަށް ވުރެ ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕެޓްރޯލިން އާއި ޑިއުޓީތަކާއި އެންމެ އެކަށީގެންވާ ގޮތަކަށް އޭތި އަޅުގަނޑުމެންނަކަށް އެޖެސްޓެއް ނުކުރެވޭ. ސަބަބަކީ ރަށް ބޮޑު، ޝިޕްޓްތަކުގައި މަސައްކަތްކުރާ ކުދިންނަށް ބަލާލާ އިރު އެހާ ބައިވަރު ކުދިންނެއް [ފުލުހުންނެއް] ނެތް." މުހައްމަދު ވިދާޅުވި އެވެ.

DB released.