ފުވައްމުލައް ފަތުރުވެރިކަމަށް އެދިއެދި

ފުވައްމުލަކު ތުނޑި: ފުވައްމުލަކު ތުނޑިއަކީ އެހެން ރަށްތަކާ ޚިލާފަށް ޚާއްސަ ސިފަތަކެއް ލިބިގެންވާ ތުނޑިއެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުވައްމުލަކުން: އަހުމަދު ސާއީލު އަލީ

މިއީ ތަފާތު ރަށެވެ. ބަލާނެ ތަންތަނާއި ކުރާނެ އާކަންކަން އެބަހުއްޓެވެ. ގުދުރަތީ ރީތިކަމާއި ރަށްފުށު ދިރިއުޅުން އެހެން ރަށްރަށަށް ވުރެ ތަފާތެވެ. މިއީ މިރަށަށް ލިބިފައިވާ ހާއްސަ ކަންކަމަށްވާ އިރު މިއީ އެތައް ބަޔަކު އެކަންކަން ބަލާލަން ބޭނުންވާނެ ކަންކަމެވެ. އަދި މިއީ ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވެން ހުރި މަގުތަކެވެ.

މިއީ ކިތަންމެ ރީތި އާ ކަންތައްތަކެއް ހުރި ރަށެއް ކަމަށްވި ނަމަވެސް މިރަށުގެ ފަތުރުވެރިކަން ތައާރަފްކުރަން މިވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މިރަށުގައި ވަސީލަތްތައް ގާއިމްވެފައި ހުރި ނަމަވެސް ބައެއް ގޮންޖެހުންތަކުގެ ސަބަބުން އެވިޔަފާރި ރަނގަޅަށް ފަށައިގެނެވިފައެއް ނުވެ އެވެ.

"މިއީ ޔުނިކް ތަނެއް. މެހެމާންދާރީ ރަނގަޅު ރަށެއް. އެކޮމެޑޭޝަން، ފުޑް އެބަހުރި. އެހެންވީމާ މިރަށް މިއޮތީ ޓޫރިޒަމަށް ތައްޔާރުވެފައި." ނަން އާންމު ކުރުމަށް އުޒުރުވެރިވާ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މިރަށުގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ފުވައްމުލައް، ބަންޑާރަ "ކިޅި"

މިއީ ރާއްޖެ އިން ބޭރުން އަންނަ ފަތުރުވެރިންނަށް ވެސް އަދި ދިވެހިން ވެސް ޝައުގުވެރިވާނެ ގިނަ ކަންތަތަކެއް ހުރި ރަށެކެވެ. އޭގެ ތެރޭގައި މިރަށުގެ ރައްޔިތުންގެ ހިނިތުންވުމާ އެކު ކިޔާލާ ހާއްސަ މެހެމާންދާރީ އާއި ގުދުރަތީ ރީތިތަންތަން ހިމެނެ އެވެ. އޭގެ ތެރޭގައި ރަށުގެ ހިތްގައިމު "ކިޅި"ތަކާއި ދޮންވެލީގެ ނަލަ ތުނޑިއާއި ތާރީހީ މިސްކިތްތައް ހިމެނެ އެވެ. ހަމައެހެންމެ ސުނޯކްލިން ކުރުމާއި ޑައިވިން ކުރުން ފަދަ ކަންކަން މިރަށުގައި އެބަހުއްޓެވެ. ނަމަވެސް ބައެއް ގޮންޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަން ވަނީ ހިންދަމައި ނުލެވިފަ އެވެ.

ފުވައްމުލަކުގައި ފަތުރުވެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުން މިރަށުގެ ފަތުރުވެރިކަން ކުރިއަރުވަން ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރެވެ. މިރަށަކީ ވަކިން އޮންނަ އަތޮޅަކަށްވާ އިރު ކައިރި ރަށްރަށުން ފަސޭހަ ގޮތަކަށް ރަށަށް އާދެވޭނެ އިންތިޒާމް ހަމަޖެހިފައިނެތުމާއި ވައިގެ ދަތުރުފަތުގެ އަގު ބޮޑުވުމުގެ ސަބަބުން މިރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގޮންޖެހުންތައް ހުރި ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"ޓޫރިސްޓަކު މިރަށަށް މިގެނެވެނީ 280 ޑޮލަރަށް ދެކޮޅު ޓިކެޓު، ޓިކެޓުގެ އަގު ހެޔޮވެގެން ޓޫރިޒަމް ރަނގަޅަށް ޖެއްސެން އޮތީ." ފުވައްމުލަކުގައި ގެސްޓްހައުސް ހިންގާ ހުސެއިން އަލި ދީދީ ވިދާޅުވި އެވެ.

ފުވައްމުލަކަށް އަންނަ ޓޫރިސްޓުންގެ ޓިކެޓު 280 ޑޮލަރަށް ވިއްކާ އިރު ދިވެހިންނަށް ވިއްކާ ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 2500 ރުފިޔާ އާއި 3200 ރުފިޔާއާ ދޭތެރޭ އަގުތަކެއްގަ އެވެ. އެ އަގުތައް ހެޔޮވެ ގިނަ ބަޔަކަށް ފަސޭހަކަމާ އެކު އާދެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ މިރަށުގެ ފަތުރުވެރިކަން ކުރިއެރުވޭނެ ކަންކަމެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުމަކީ މޯލްޑިވިއަން އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި އެހެންކަމުން ފުވައްމުލަކުގެ ގެސްޓް ހައުސް ވިޔަފާރި ރަނގަޅު ކުރުމަށް މޯލްޑިވިއަންނާ ވާހަކަ ދެއްކުމުން އެކަން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ލ. އަތޮޅާއި އައްޑޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ވެސް ހާއްސަގޮތްތަކެއް އަޅުގަނޑުމެންވާނީ ހަދައިދީފައި. ފުވައްމުލަކަށް ވެސް އެފުރުސަތު އެބައޮތް." ހާރިޝް ވިދާޅުވި އެވެ.

މިރަށުގައި ރަނގަޅު ފެންވަރުގެ ދެ ގެސްޓް ހައުސް މިހާރު ހިންގާ އިރު ހަމައެކަނި ކޮޓަރިތައް ކުއްޔަށްދީގެން ފަސް ވަރަކަށް ގެސްޓް ހައުސް މިރަށުގައި ހިންގަ އެވެ. އެގެސްޓް ހައުސްތަކަކީ ފެންވަރު ރަނގަޅަށް ހަދާފައި ހުރި ތަންތަނެވެ. އެތަންތަނަށް މަދީ ހަމައެކަނި ހިދުމަތް ހޯދަން އަންނާނެ ފަރާތްތަކެވެ.

މިރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހެ އެވެ. ފުރަތަމަ ކަމަކަށް އަގުހެޔޮ ދަތުރުފަތުގެ ނިޒާމެކެވެ. އެއާއެކު މިރަށުގެ ފަތުރުވެރިކަން މުޅި ރާއްޖެއަށް އިޝްތިހާރު ކުރުމެވެ. އެއާ އެކު ދިވެހި ރައްޔިތުނަށާއި ބޭރުގެ ފަރާތްތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅައި ފަތުރުވެރިކަން އިޝްތިހާރު ކުރުމުން އެކަން ވާން އެބައޮތެވެ.

ޏ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވި ގޮތުގައި މިރަށު ޓޫރިޒަމް އިޝްތިހާރު ކުރުމަށާއި ރަށަށް ގިނަ ބަޔަކު ގެނައުމަށް ޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތްތަނުގައި ވެސް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިރަށް އެހެން ފަރާތްތަކަށް އިޝްތިހާރު ކުރުން ހިމެނޭ ކަމަށް ފަލާހް ވިދާޅުވި އެވެ.

މިއަދު ރަށުގެ ވަސީލަތްތަކަށް ބަލާއިރު މުޅިން ވެސް ފެންނަނީ ބޭރުން ފެންނަ ރީތި ކަމެކެވެ. ކުޅިތަކަށް އެރިލުމާއި ކުޅިތަކުގައި ދޯނި ދުއްވާލުން ފަދަ ފުރުސަތުތައް މިއަދު މިރަށުގައި ނެތެވެ. ލޯކަލް ޓޫރިޒަމް ކުރިއަރުވަން ބޭނުން ނަމަ އެކަންކަން ރަނގަޅުކޮށް ތާރީހީ ތަންތަން ވެސް ބަލާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރެވެންޖެހެ އެވެ. ހަމައެހެންމެ ކުޅިތަކާއި ރަށުގެ ގޮނޑުދޮށްތައް މިހާރަށް ވުރެ ރަނގަޅަށް ހިމާޔަތް ކުރެވެންޖެހެ އެވެ.

comment ކޮމެންޓް