"އަލަ ހުއްޓާ ބަނޑަކަަށް ނުޖެހޭނެ، މުއްސަނދިވާނީ ވެސް މި ވިޔަފާރީގައި"

އުމުރުން ދުވަސްވީ ފުވައްމުލަކު އަންހެނަކު (ކ) އަލަ ކަނޑަނީ، އަދި އަލައިން އުފައްދާފައިވާ ޗިޕްސްތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުވައްމުލަކުން: ފާތުމަތު ސައީދު

ޒަމާނުންސުރެ ވެސް ފުވައްމުލަކަކީ "އަލަ" އަށް މަޝްހޫރު ރަށެކެވެ. ފުވައްމުލަކުގެ ދުވަސްވީ މީހުން އޭރު ވެސް މިހާރު ވެސް އޮޅަށް ގޮސް އަލަ ކެނޑުމަކީ ކުރާ މަސައްކަތެކެވެ. މީގެ ކުރިން ދައިތަމެން އަލަ ކަނޑައިގެން އައިސް ބޭނުން ކުރަނީ ގޭގައި ކެއުމަށެވެ. މަދުފަހަރެއްގައި މާލެއަށް އޮޑިއެއް ފުރާ ނަމަ ވިއްކަން މާލެ ފޮނުވޭގޮތްވެ އެވެ. ނަމަވެސް ގިނަ ފަހަރު އެކަން ވެސް އޮއްނަނީ ނުވެފަ އެވެ. އެގޮތަށް އަލަ އޮޅަށް ގޮސް އަލަކަނޑައިގެން ކާތާ 50 އަހަރުވީ މީހުން ވެސް ފުވައްމުކުގައި އެބައުޅެ އެވެ.

މިރަށުގައި އަލަ ކެނޑުުމުގެ މަސައްކަތުގައި އުޅޭތާ 50 އަހަރަށް ވުރެ ގިނަ އަހަރުވީ އަންހެނަކު 'ސަން' އާ ވާހަކަ ދައްކަމުން ބުނީ "އަލަ އޮޅަށް ގޮސް ކަނޑައިގެން ހަމަ ގޭގައި ކާން ބޭނުން ކުރަނީ" ކަމަށެވެ. ބައެއް ފަހަރު ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް އަލަ ހަދިޔާއެއްގެ ގޮތުންދޭ ކަމަށާއި އާމްދަނީ ލިބޭ ގޮތަށް އަލައިގެ ކަމެއް ނުކުރެވޭ ކަމަށް ވެސް އޭނާ ބުންޏެެވެ.

"މާމަމެން ހަމަ އޮޅަށް ދަން އޭރު ވެސް މިހާރު ވެސް ކޮންމެ ދުވަހަކު ހެނދުނަށް، ގޮސް އަލަކަނޑައިގެން އައިސް ގޭގައި ކައްކައިގެން ކަނީ، މިހާރު 50 އަހަރުވީ މިމަސައްކަތް ކުރާތާ،"

ޒަމާނުއްސުރެ ފުވައްމުލަކުގެ އަންހެނުން ކުރަމުން އައި މަސައްކަތަށް މި ވަނީ އާމްދަނީ ހޯދޭނެ މަގެއް ލިބިފަ އެެވެ. މިރަށުގެ ފުނާޑު ކޯޕަރޭޝަނުން އިސްނަގައިގެން ސަރުކާރާ ގުޅިގެން އަލަ ފެކްޓްރީއެއް މި ވަނީ އުފައްދައިފަ އެވެ. އަލަ ތެލުލައި ޕެކެޓްކޮށް ވިއްކަން މިވަނީ ފަށައިފަ އެވެ. އަލަ ތެލުލައިގެން ވިއްކުމޭ ބުނުމުން ގިނަ ބަޔަކަށްހީ ވާނީ އާންމުކޮށް ރަށްރަށުގައި ކަންކުރާ އުސޫލުން ކުރާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ފުނާޑު ކޯޕަރޭޝަނުން އެކަން ކުރަނީ ތަފާތުކޮށެވެ. ރާއްޖޭން ބޭރުގެ ފެކްޓްރީތަކުގައި ވެސް ޗިޕްސް އުފައްދާ އުސޫލުން ވަކި ހާއްސަ މެޝިނުތަކަކުން ކުރާ އެ މަސައްކަތް ކުރަނީ ވަކި އުސޫލުތަކެއްގެ ވެސް ދަށުންނެވެ. މަސައްކަތުގައި އުޅެންޖެހޭނީ ވަކި ޔުނީފޯމެއް އަޅައިގެންނެވެ.

"ޓާރޯޗިޕްސް" ތައްޔާރު ކުރާ ގޮތް

މޯލްޑިވިއަން އަދި ފްލައިމީގެ ފްލައިޓުތަކުން މިހާރު ލިބެން ހުންނަ ޓާރޯޗިޕްސް ހެދުމަށް އަލަ ގަންނަނީ ވެސް ފުވައްމުލަކު މީހުންގެ އަތުންނެވެ. އެގޮތުން އަލަގަތުމަށް ވަކި ހާއްސަ ދަނޑުވެރިންތަކެއް ފެކްޓްރީން ވަނީ ހަމަ ޖައްސައިފަ އެވެ. ފުނާޑު ކޯޕަރޭޝަންގެ ޗެއާ ޕާސަން އަހުމަދު ޝަފީީގު 'ސަން' އަށް ވިދާޅުވީ އަލަ ހެދުމުގެ އެއް ދުވަސް ކުރިން ދަނޑުވެރިންނަށް އަލައަށް އޯޑަރުދޭ ކަމަށެވެ.

"ދަނޑުވެރިންގެ ލިސްޓުގައި އިންނަ ތަރުތީބުން އަޅުގަނޑުމެން މިގުޅަނި، ގުޅާފައި އެއްގޭގައި ނެތިއްޔާ އަނެއްކާ އަނެއް ދަނޑުވެރިއަކަށް މި ގުޅަނީ. އެ ލިބޭ އަދަދެއް ބަލާފައި އަނެއް ދުވަހަށް އަޅުގަނޑުމެން އޯޑަރު މިދެނީ މިސާލަކަށް 100 ކިލޯއިން ނުވަތަ 60 ކިލޯ އިން،" ޝަފީގު ވިދާޅުވި އެވެ.

އަލަ ކަނޑައި ސާފުކޮށްގެން އަލަ ކިރަން ދަނޑުވެރިން ދަނީ ފެކްޓްރީއަށެވެ. އަދި އަލަ ކިރައި ނިމުމުން ފެކްޓްރީން ވަގުތުން އެ އަލައަށްވާ ރުފިޔާ ދައްކަ އެވެ.

"އަޅުގަނޑުމެންނަށް މި ތަސައްވަރު ވަނީ މަސްވެރިން މަސް ބާނައިގެން ގޮސް ބޯޓަށް ކިރާ އުސޫލުން އަލަ ވެސް ހަމަ ވަގުތުން ކިރާާލާފައި ވަގުތުން ޕޭ [ލާރި] ހިފައިގެން ދިއުން،" ޝަފީގު ވިދާޅުވި އެވެ.

ދަނޑުވެރިން އަލަ ސާފުކޮށްގެން ގެނައި ނަމަވެސް ފެކްޓްރީން ވެސް އަލުން އަލަ ސާފު ކުރެ އެވެ. އެގޮތުން އަލަ ސާފު ކުރަން ވަކި ހާއްސަ މެޝިނަކަށް ފެނާއެކު އަޅައި ރަނގަޅަށް ސާފު ކުރުމަށް ފަހު ދެން ސާފު ނުވެ އެއްވެސް ތަންކޮޅެއް ހުރެއްޖެ ނަމަ އަތުން ސާފުކޮށްލަ އެވެ.

އެ ހުރިހާ ކަމެއްވެސް ކުރަނީ ފެކްޓްރީއަށް ހާއްސަ ހެދުމަކާއި ފައިވާނެއް އަރައިގެން އަދި ނޭފަތާއި އަނގަ ނިވާވާނެ ހެން މާސްކެއް އަޅައިގެނެވެ.

އަލަ ސާފު ކުރުމަށް ފަހު ދެން އަލަތައް ދޮވެލައި އަލަ ކޮށަން ހާއްސަ މެޝިނަށް އަޅާލަ އެވެ. ވިހި ވަރަކަށް އަލަ އެ މެޝިނުން ކޮށާލަން ފަސް މިނެޓް ވެސް ނުނަގަ އެވެ. އަލަ ކޮށުމަށް ފަހު ދެން އަޅަނީ ވަކި ހާއްސަ ފުރޭންޏަކަށެވެ.

އަލަތެލުލަން އަޅަނީ 70 އާއި 130 ހާ ދެމެދަށް ހޫނުކޮށްފައި މެޝިނެއްގައި ހުއްނަ ތެޔޮ ގަނޑަކަށެވެ. ފުރޭނީގައި ބަހައްޓައިގެން އަލަ ތެލުލާ އިރު ދޭތެރެއަކުން ހަލުވާލަ އެވެ. ފަސް ވަރަކަށް މިނެޓް ފަހުން އަލަތައް ތެޔޮ ގަނޑުން ނަގައި ހިހޫ ކުރަން ބަހައްޓަ އެވެ.

ދެން ކުރިއަށް ދަނީ އަލަ ޕެކް ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެސް ކުރިއަށް ދަނީ އެކަމަށް ހާއްސަ މެޝިނުތަކަކުންނެވެ. އަލަޕެކްކޮށް ފޮށި ފޮއްޓަށް އަޅައި ބަންދު ކުރުމާ ހަމައަށް ހުރިހާ މަރުހަލާއެއް ވެސް ކުރިއަށް ދަނީ ފެކްޓްރީން ކަނޑައަޅާ ވަކި އުސޫލުތަކެއްގެ ދަށުންނެވެ.

ޓާރޯ ޗިޕްސްގެ ހުރިހާކަމެއް ވެސް ކުރަނީ އަންހެނުން

އަންހެނުން ބާރުވެރި ކުރުވުމަށް ފުނާޑު ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ބައިވަރެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޯށްލެވޭ ކަމަކީ ޓްރޯ ޗިޕްސް އުފެއްދުމެވެ. އެ މަސައްކަތުގައި ހަރަކާތްތެރި ވަނީ 100 ޕަސެންޓް އަންހެނުންނެވެ.

"މިކަމުގައި ހަރަކާތްތެރި ވާނީ މުޅިންވެސް އަންހެނުން، އަލަ ކެނޑުމާއި ހަމައިން ފެށިގެން ފޮށީގައި ޕެކް ކުރުމާއި ހަމައަށް ހުރިހާ ކަމެއްވެސް އަންހެނުން ކުރާނީ. މިކަމުން ގިނަ އަންހެނުންތަކަކަށް އާމްދަނީ ލިބިގެން ދާނެ،" ފުނާޑު ކޯޕަރޭޝަންގެ ޗެއާމަން ޝަފީގު ވިދާޅުވި އެވެ.

ޓާރޯ ޗިޕްސް ފެކްޓްރީގައި 120 ކޭސް އަލަ ސްޓޯ ކުރެވޭ ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ޓާރޯ ޗިޕްސްއިން އަދި އެކަށީގެންވާ އާމްދަނީއެއް ނުލިބުނަސް ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޔަގީންކަން އެބައޮތް އިނގޭތޯ ހަމަ މީގެން އަޅުގަނޑުމެންގެ މެންބަރުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ކަމުގެ. ނަމަވެސް އަދި މިހާތަނަށް އަޅުގަނޑުމެނަށް އެކަށީގެންވާ އާމްދަނީ އެއް ނުލިބޭ،" ޝަފީގު ވިދާޅުވި އެވެ.

ޓާރޯ ޗިޕްސް އުފެއްދުމުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދަނީ ސަރުކާރުގެ ހާއްސަކޮށް ފިޝަރީޒް މިނިސްޓްރީގެ އެހީތެރިކަމާއި އެކުކަން ފާހަގަކޯށް ޝަފީގު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގެ އުފެއްދުންތެރި ކަމުގެ މުހިންމު ކަން

ފުވައްމުލަކުގެ ދުވަސްވީ މީހުން ފާހަގަ ކުރާ ގޮތުން ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެރަށު މީހުން ބަނޑަކަށް ނުޖެހެ އެވެ. ކެއިން ބުއިމަށް ގަސްގަހުގެ ފަތް ބޭނުން ކުރާކަށް ވެސް ނުޖެހުނެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ އެރަށުގައި ހައްދާ ގަސްގަހުން ކާންބޯން ލިބުމެވެ. އެރަށުގައި އުފެއްދުންތެރިކަން އިތުރުވީމަ އެވެ.

އެއީ ދިވެހިން މިސާލު ނަގަންވީ ކަމެކެވެ. އުފެއްދުންތެރިކަން އިތުރުވުމުން އޭގެ ފައިދާ ކުރާނީ ހަމަ ދިވެހިންނަށެވެ. އޭގެ އިތުރުން "މޭޑް އިން މޯލްޑިވްސް"ގެ ނަމުގައި ބާޒާރުން ދިވެހިންގެ އުފެއްދުންތަކެއް ފެނުމުން އެކަމާ ދިވެހިން ފަހުރުވެރިވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަލަ ނޫނަސް ރާއްޖޭގައި އުފައްދައިގެން ވިއްކޭނެ ތަކެތި ބައިވަރު އެބަހުއްޓެެވެ. އެގޮތުން އަނބު ދޮންކެޔޮ ފަދަ ތަކެއްޗަކީ ޕެކެޓްކޮށްގެން ވިއްކުމަކީ ނުވާނެ ކަމެއް ނޫންކަން ޓާރޯ ޗިޕްސް މިވަނީ ސާބިތު ކޮށްދީފަ އެވެ.

"ކޮންމެ ފަސްގަނޑަކީ އެ ފަސްގަނޑަކަށް ހާއްސަ ކޮންމެސް މޭވާއެއް އުފެދޭ ފަސްގަނޑެއް. އަޅުގަނޑުމެން މިބަލަނީ މިރަށުގެ އެއްޗަކީ އަލަޔާއި އަނބާ ކަމަށް. ހަމަ އެގޮތަށް އެހެން ރަށްރަށަށް އެންމެ ރަނގަޅު އެއްޗަކީ ކާށި ކަމަށް ވެދާނެ. ފުވައްމުލަކުގައި އަލަ އުފައްދާތި ރާއްޖޭގެ ކޮންމެ ރަށެއްގައި އަލަ އުފައްދަން އުޅެގެން ކާމިޔާބެއް ނުވާނެ. އެފަސްގަނޑަކަށް ހާއްސަ އެއްޗެސް ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުވެދާނެ" ޝަފީގު ވިދާޅުވި އެވެ.

ފުވައްމުލަކަށް ހާއްސަ ޓާރޯ ޗިޕްސް މިހާރު ލިބެން ހުއްނަނީ ހަމަ އެކަނި އިން ފްލައިޓްތަކުންނާއި ޑިއުޓީ ފްރީ ފިހާރަތަކުންނެވެ. ނަމަވެސް މުސްތަގުބަލުގައި މި ޗިޕްސް ރާއްޖޭގެ ލޯކަލް ފިހާރަތަކުން ވެސް ލިބުމަކީ ދުރުކަމެއް ނޫން ކަމަށް ފުނާޑު ކޯޕަރޭޝަނުން ބުނެ އެވެ. އެފަރާތްތަކުގެ އުންމީފަކީ ޗިޕްސްގެ ވިޔަފާރި ފުޅާވެގެން ދިއުމެވެ.

comment ކޮމެންޓް