ފުވައްމުލަކު ކުކުޅު ފާމުގެ ތާޒާ ބިސް އިތުބާރާއެކު މުޅި ރަށަށް!

ފުވައްމުލަކުގެ ކުކުޅު ފާމުގައި ކުކުޅަށް ކާންދިނުމުގައި ސަންގެ ނޫސްވެރިޔާ ހުސައިން ޙަސަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޭގެ ގޯތި ތެރޭގައި ކުކުޅު ގެންގުޅުން ދޫކޮށް، ޒަމާނީ ވަސީލަތްތަކާ އެކު ފުވައްމުލަކު އުތުރުކޮޅު ހަދާފައިވާ ކުކުޅު ފާމުން ތާޒާ ބިސް ރައްޔިތުންނަށް ފޯރުކޮށްދޭތާ ދެ އަހަރުވެއްޖެ އެވެ. ދަނޑުވެރިން ކުރުމަށް ދޫކޮށްފައިވާ ބިމެއްގައި ހިންގާ "އެގްރިބާޑް ޕޯލްޓްރީ ފާމް"ގެ މަސައްކަތް ފަށައިގަތް އިރު، އެތަނުން ހަމައެކަނި ވިއްކަނީ ކުކުޅު ބިހެވެ. މަހަކު 18،00 އާ ގާތް ކުރާ އަދަދަކަށް ބިސް އެ ފާމުން ރަށަށް ވިއްކަ އެވެ. މިހާރު އެ ފާމުން ކުކުޅު ވެސް ވިއްކަ އެވެ. މެޝިނަކުން ކުކުޅު ނޮޅައިދިނުމުގެ ހިދުމަތާ ވެސް އެކުގަ އެވެ.

ފުވައްމުލަކު ކުކުޅު ފާމް ހިންގަނީ ޒުވާން ދެމެފިރިއެކެވެ. ފާމުގެ ކަންތައްތައް ދުވަހުން ދުވަހަށް ބަލަހައްޓަމުން އަންނަ ފާތުމަތު ލަތީފާ ބުނީ 300،000 އަށް ވުރެ ގިނަ ރުފިޔާގެ ހަރަދުކޮށްގެން ފެށި އެ މަސައްކަތާ އެކު މިހާރު އެ ފާމުގައި 200 ވަރަކަށް ކުކުޅު ގެންގުޅޭ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް 60 ބިސް ފާމުން ވިއްކާ ކަމަށާއި އެ ބިސް އެންމެ ގިނައިން ގަންނަނީ ރަށުގައި އުޅޭ ބޭރު މީހުން ކަމަށް ލަތީފާ ބުންޏެވެ.

ފުވައްމުލަކު ކުކުޅު ފާމް: އެ ކުކުޅު ފާމުން ކުކުޅު ބިހާއި ކުކުޅު މަސް ވިއްކަނީ ހެޔޮ އަގުތަކެއްގައި-- ސަން ފޮޓޯ/ ފަޔާޒު މުސާ

ކުކުޅު ފާމުގައި ދެ ވައްތަރެއްގެ ކުކުޅު ގެންގުޅެ އެވެ. އެއީ އިޓަލީ ކެޔުންތަކުގައި ބޭނުން ކުރާ މަޝްހޫރު ކުކުޅެއް ލެގްހޯން ކުކުޅެވެ. ހުދު ކުލައިގެ ލެގްހޯން ކުކުޅުގެ އާއިލާގެ ވައްތަރަކީ ވެސް އިޓަލީއަށް ނިސްބަތްވާ އެއްޗެކެވެ. އެ ވައްތަރުގެ 80 ކުކުޅު އެ ފާމުގައި ގެންގުޅެ އެވެ. އެ އެންމެ ގިނައިން ފާމުން ވިކޭ ކުކުޅުގެ ވައްތަރެވެ. ލަތީފާ ބުނީ އެ ވައްތަރުގެ ކުކުޅެއް ވިއްކަނީ 150 ރުފިޔާއަށް ކަމަށެވެ.

ބިސް އެޅުމަށް ހާއްސަކޮށް ގެންގުޅެނީ ދިވެހި ކުކުޅެވެ. އެ ކުކުޅު ބިސް އަޅަނީ ރާއްޖެ އިން ބޭރުން ގެންނަ ކާނާއާ އެކު ވެކްސިނެއް ދީގެންނެވެ. އެއީ ރާއްޖޭގެ ފާމުތަކުގައި ގެންގުޅެން ހުއްދަ ދީފައިވާ ބާވަތެއްގެ ވެކްސިނެކެވެ.

ފުވައްމުލަކު ކުކުޅު ފާމުން ކުކުޅު ބިހެއް ވިއްކަނީ 2.50 ރުފިޔާއަށެވެ. މާލެއިން ގެންނަ ކުކުޅު ބިސް ވެސް، މި ރަށުގައި ވިއްކަނީ ދެ ރުފިޔާ އާއި ތިން ރުފިޔާއާ އަށެވެ. އެހެންކަމުން ފުވައްމުލަކު ރައްޔިތުންނާއި ރަށުގެ ރެސްޓޯރަންޓުތަކަށް ހެޔޮ އަގުގައި ބިސް ފޯރުކޯށް ދެނީ މި ފާމް މެދުވެރިކޮށެވެ.

ފުވައްމުލަކު ކުކުޅު ފާމް: މަހެއްގެ މައްޗަށް 1800 އަށް ވުރެ ގިނަ ބިސް ރަށަށް ފޯރުކޮށްދެނީ މި ފާމުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލަތީފާ ބުނީ އެ މަސައްކަތަކީ އާމްދަނީ ހޯދަން "އެވަރެއް ނެތް" މަސައްކަތެއް ކަމަށެވެ. ނަމަވެސް ބައެއް ފަހަރު އެ މަސައްކަތަށް "ބަދުބަސް" ލިބޭ ކަމަށާއި ނަމަވެސް އެފަދަ ވާހަކަތަކަށް ފަރުވާލެއް ނެތް ކަމަށް ލަތީފާ ބުންޏެވެ.

"ބައެއް ފަހަރު މީހުން ބުނާ އެއްޗެހިން، އެބަ އިނގޭ މިކަން ބަލައި ނުގަންނަކަން. ނަމަވެސް މި ރަށުގައި އުޅޭ ބޭރު މީހުން ވަރަށް ބޮޑަށް މިކަން ބަލައި ގަނޭ. ސަބަބަކީ އެ މީހުން ބޭނުން ވަނީ ތާޒާ އެއްޗެހި. އެ ތާޒާ ކަންމަތީގައި އަޅުގަނޑުމެން ބިސް ފޯރުކޮށްދޭތީ ތައުރީފު ލިބޭ،" ލަތީފާ ބުންޏެވެ.

ގަޑިންގަޑިއަށް ކުކުޅުތަކަށް ކާންދީ ބެލެހެއްޓުމަކީ ވަރަށް އުނދަގޫކަމެކެވެ. ކޮންމެ ކުކުޅަކަށް ވެސް ވަކި ވަރަކަށް ކާންދީ ބޮޑު ކުރުމަށް މަސައްކަތް ކުރަން ޖެހެ އެވެ. ކުކުޅުތައް ބަލިތަކުން ދުރުކޮށްދީ ރޫފަ ރަނގަޅޮކޮށް ބެހެއްޓުމަށް ފާމުން އިސްކަންދެ އެވެ. އެއީ ކަވި މަސައްކަތެކެވެ. ކުކުޅު ފާމް ބެލެހެއްޓުމުގައި ލަތީފާގެ ދެމަފިރިން ބިދޭސީއަކު ގެންގުޅެ އެވެ.

ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު އަނީސް އެ ފާމުގައި މަސައްކަތް ކުރާތާ ދެ އަހަރުވެއްޖެ އެވެ. އަނީސް ބުނީ ކުކުޅުތަކަށް ދުވާލަކު ކާންދެނީ ތިން ފަހަރު ކަމަށާއި އެ ކުކުޅުތަކަށް ކާންދޭ އެއްޗެއްސަކީ އެފަދަ ފާމްތަކުގައި ބޭނުން ކުރާ ކާނާ ކަމަށެވެ. ކުކުޅަށް ކާންދޭ ތަކެތި ގެންނަނީ ރާއްޖެ އިން ބޭރުން ކަމަށް ވެސް އަނީސް ބުންނެވެ. އެ ފާމުގައި އޭނާ މަސައްކަތް ކުރުމުން އުޖޫރައެއްގެ ގޮތުގައި ރަނގަޅު މުސާރައެއް ލިބޭ ކަމަށާއި އެ މަސައްކަތުގައި ދެމި ހުރުމަށް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކު ކުކުޅު ފާމުގައި ކުކުޅުތަކެއް-- ސަން ފޮޓޯ/ ފަޔާޒު މުސާ

ފުވައްމުލަކު ކުކުޅު ފާމުން ހަމައެކަނި ވިއްކަނީ ކުކުޅު ބިހާއި ކުކުޅު މަސް އެކަންޏެއް ނޫނެވެ. ދަނޑުވެރިކަން ކުރާ ފާރާތްތަކުގެ ދަނޑުބިންތަކުގައި ބޭނުން ކުރުމަށް ކުކުޅުގެ ނަޖިސް ބޭނުންކުރެ އެވެ. ގަސްކާނާގެ ގޮތުގައި އެތަކެތި ވިއްކައިގެން ވެސް އެ ފާމަށް އާންމުދަނީ ހޯދަ އެވެ.

އެ ފާމުގެ ވެރިފަރާތުގެ މަގުސަދަކީ އެ ފާމު އިތުރަށް ބޮޑުކޮށްގެން، އެ ވިޔަފާރި ފުޅާ ކުރުމަށް އިތުރު އެހީތެރިކަމެއް ހޯދުމެވެ.

ލަތީފާ ބުނީ އެ ކުކުޅު ފާމުގެ ބިންމުގެ ޖާގައިގެ ދަތިކަން ކުރިމަތިވާތީ، އެއަށް ވުރެ ބޮޑު ބިމެއް ހޯދުމަށް ކައުންސިލުގައި އެދިފައިވާ ކަމަށެވެ. އަދި ބިމެއް ލިބުނުހާ އަވަހަކަށް އެ ފާމު އިތުރަށް ބޮޑުކޮށް، މަސައްކަތް ފުޅާ ކުރާނެ ކަމަށް ލަތީފާ ބުންޏެވެ.

ލަތީފާ ބުނި ގޮތުގައި އެ ފާމުގެ ސެކިއުރިޓީއަށް ޓަކައި އެތަނުގެ އެކި ދިމާލުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ. އަދި އެ ކެމެރާ ސިސްޓަމް ކޮންޓްރޯލް ކުރާނީ ލަތީފާގެ ދެމަފިރިން ދިރިއުޅޭ ގެއިން ކަމަށާއި ވަގުތުން ވަގުތައް ކުކުޅު ފާމުގެ މަންޒަރުތައް ބަލައި މޮނީޓާ ކުރުމަށް އެ ކެމެރާތަކުގެ ބޭނުން ހިފަމުންދާ ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކު ކުކުޅު ފާމުގައި ކުކުޅުތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިފަދަ ކުކުޅުފާމްތައް އިތުރުވުމަކީ މުހިއްމު ކަމަށެވެ. ރާއްޖެއިން ބޭރުން ކުކުޅު ބިސް ގެނައުމަށް ބަރޯސާވެފައި އޮތް އޮތުން ހުއްޓުމަކަށް އަންނާނެ އެވެ. އަދި އުފެއްދުންތެރިން އިތުރުވުމުން އެކްސްޕޯޓް ކުރަން ޖެހޭ ތަކެތިމަދުވެ، އިގުތިސާދުގެ ތެރޭގައި ފައިސާ ދަރުވުން އިތުރުވާނެ އެވެ.

ލަތީފާ އާއި އޭނާގެ ފިރިމީހާ އަހުމަދު ހުސައިން ރާއްޖޭގެ މަސައްކަތްތެރިންނަށް ދައްކުވައި ދެނީ ނަމޫނާއެކެވެ. ހާއްސަކޮށް ރާއްޖޭގެ ދަނޑުވެރިންނަށެވެ. އާމްމުދަނީ ހޯދުމަށް ބުރަ މަސައްކަތެއްކޮށްފި ނަމަ، ނަތީޖާ ފޮނިވާނެކަން އެ ދެމެފިރިންގެ ބުރަ މަސައްކަތުން ލިބޭ ފިލާވަޅެކެވެ.

ކުކުޅުގެ ފަތް ނޮޅުމަށް ބޭނުން ކުރާ މެޝިނެއް ފުވައްމުލަކު ކުކުޅުފާމުގައި ބޭނުން ކުރޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް