Sun Online
ފުވައްމުލަކުގެ އަންހެން ކުދިންތަކެއް ފޮޓޯއަކަށް ހުއްޓި ހިނިތުންވެގެން: ހުރިހާ އުމުރެއްގެ މީހުންވެސް ހިނިތުންވެފައި ތިބުމަކީ ފުވައްމުލަކުގައި ހާއްސަކަމެއް -- ސަންފޮޓޯ -- ފަޔާޒު މޫސާ
ފުވައްމުލަކުގެ އަންހެން ކުދިންތަކެއް ފޮޓޯއަކަށް ހުއްޓި ހިނިތުންވެގެން: ހުރިހާ އުމުރެއްގެ މީހުންވެސް ހިނިތުންވެފައި ތިބުމަކީ ފުވައްމުލަކުގައި ހާއްސަކަމެއް -- ސަންފޮޓޯ -- ފަޔާޒު މޫސާ...

"ފެންނަ ކޮންމެ މީހަކަށް ހިނިތުންވުމަކީ މި ރަށުގެ ހާއްސަ ސިފައެއް"

ފާތިމަތު ސައީދު
ލިޔުނީފާތިމަތު ސައީދު

ފުވައްމުލަކުން: ފާތުމަތު ސައީދު

ފުވައްމުލައް ގިނަ މީހުންނަށް ހާއްސަވަނީ ބޮޑުރަށަކަށް ވީމަ އެވެ. އަދި އެއް ފަސްގަނޑެއްގައި އޮއްނަ ހަމައެކަނި އަތޮޅަށް ފުވައްމުލައް ވުމަކީ ވެސް މީހުން މިރަށުގެ ވާހަކަ ގިނައިންދައްކާ އެއް ސަބަބެވެ. އޭގެ އިތުރުން މިރަށުގައި ގިނައިން އަނބު ގަސް ހުރުމާއި އަލައަށް ހާސް ރަށެއްކަމަށް ވެސް މީހުން ބުނެ އެވެ.

ނަމަވެސް މިރަށުގެ ރައްޔިތުންގެ ފަރާތުން ހާއްސަ އެހެންކަމެއް ވެސް ފާހަގަކުރެވިއްޖެ އެވެ. އެއީ މިރަށަށް ޒިޔާރަތްކުރާ މީހުންނަށް ރައްޔިތުންދޭ ހިނިތުންވުމެވެ. އަންހެން ފިރިހެން އިސްތިސްނާ ނުވެ ކޮންމެ ރައްޔިތަކު ވެސް ފެންނަ މީހުންނަށް ހިނިތުންވެލަ އެވެ. މާލެއިން ފުވައްމުލަކަށް ޒިޔާރަތްކުރި މީހަކު 'ސަން' އަށް ބުނީ "މިރަށުގެ މީހުންގެ މޫނުމަތިން ފެންނަ ހިނިތުންވުން ވަރަށް ފާހަގަ ކުރެވޭ ކަމަށެވެ.

"މަގުމަތިން ކޮންމެ ތާކުން ފެނުނަސް އެންމެންވެސް ހިނިތުންވެލާން. ހިޔެއްނުވޭ ނުދަންނަ ބައެކޭ. މިރަަށަށް އައިމާ ހޯމް ފީލިންގްއެއް އާދޭ. ހީވަނީ އަމިއްލަ ވަޒަނެއްހެން،"

މިރަށުގެ ދުވަސްވީ މީހުން ބުނާގޮތުން އެ ހިނިތުންވުމަކީ މިރަށު މީހުންގެ ފަނޑުވުމެއް ނެތް ސަގާފަތެކެވެ. އެންމެ ކުރިންފެށިގެން ވެސް ރަށަށް ޒިޔާރަތް ކުރާ މީހުން މަގުމަތިން ފެނިގެން ހީލުމަކީ ކޮށްއުޅޭ ކަމެއް ކަމަށް ދުވަސްވީ ފުވައްމުލަކު މީހުން ބުނެ އެވެ.

ފުވައްމުލަކުގެ ދުވަސްވީ މީހުން އެދައްކާ ވާހަކަ އަކީ " ފޮންޏެއް ނޫންކަން" މިރަށް ޒިޔާރަތްކުރި ސަންގެ ޓީމަށް މިވަނީ ކަށަވަރު ވެފަ އެވެ. ސަން ޓީމުގެ ކޮންމެ މީހަކު މަގުމަތިން ފެނުނަސް މީހުންވާ އެ ހިނިތުންވުމުގެ ވާހަކަ ޓީމުގެ އެންމެހާ ބައިވެރިން ވެސް ދައްކަ އެވެ. ހިތްހެޔޮގޮތެއް ހުއްނަ މިރަށުން އެފެންނަ ހިނިތުންވުން ރާއްޖޭގެ އެހެން ހިސާބުތަކުގައި މިހާރު ވަރަށް ތަދުކަމަށް ވެސް ގިނަ މީހުން ބުނެ އެވެ.

"މިރަށު މީހުން ހީލާނެ ކޮންމެ މީހަކު ފެނުނަސް ހީލާނެ، އެއީ އެންމެ ކުރިންފެށިގެން ވެސް މިރަށުގައި ހަމަ ހިނގާ ކަމެއް، ވަކި ރަށުން ބޭރު މީހުން ފެނުނީމަ އެއް ނޫން، ރަށު މީހުން ރަށު މީހުންނަށް ވެސް ހީލާނެ،" މިރަށުގެ ދުވަސްވީ މީހަކު ބުންޏެވެ.

ހިނިތުންވުމާ އެކު ހީލައި ވާހަކަ ދައްކާލުމަކީ ނުދަންނަ ރަށަކުން ބަޔަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެެވެ. ރާއްޖެ އިން ނެތެމުންދާ އެ ސަގާފަތް ފުވައްމުލަކުން ނެތިގެން ނުދާކަމީ އުފާކުރަން ޖެހޭ ކަމެކެވެ. އޭގެ އިތުރުން ތަނަކަށް ދާން ނޭނގިގެން މަގުން އޮޅުންފިލުވާދިނުމަށް އެދުނަސް ކުރަން ހުރި ކަމެއް ބަހައްޓާފައި ދާންވީ މިސްރާބު ދައްކައި ދިނުމަކީ ފުވައްމުލަކު މީހުންގެ ހިތްހެޔޮކަން ސާބިތުކޮށްދޭ އެއް ދަލީލެވެ.

މިރަށަށް ޒިޔާރަތްކުރާ މީހަކު ދެވަނަ ފަހަރަށް މިރަށުން ފައިބައިގެން ދާނީ އަދި އެއްފަހަރު ރަށަށް އައުމަށް ހިތާހިތުން ވައުދުވެފައިކަން ޔަގީނެވެ. ފުވައްމުލަކުގެ ރައްޔިތުން އެ ސާބިތުކޮށްދެނީ ރަށް ހާއްސަވާން ޖެހޭނީ ހަމައެކަނި ރަށް އޮއްނަ ސިފައަކުން ނޫންކަމެވެ. މީހުންގެ ހިތްހެޔޮކަމާއި ހިނިތުންވުމަކީ ރަށުގެ ހާއްސަ ކަމަށް އިތުރުކޮށްދޭ ބޮޅެއް ކަމަށް ބުނެދެމުންނެވެ.

×
DB released.