Sun Online
ދެ ލޯބިވެރިޔަކު ތުނޑިމަތީގައި: މެހެމާންދާރީގެ ގުޅުމުން ޒަވާޖީ ހަޔާތް ފެށި އާއިލާތައް ގިނަ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެ ލޯބިވެރިޔަކު ތުނޑިމަތީގައި: މެހެމާންދާރީގެ ގުޅުމުން ޒަވާޖީ ހަޔާތް ފެށި އާއިލާތައް ގިނަ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެހުމާންދާރީގެ ގުޅުމުން ޒަވާޖީ ހަޔާތް ފަށައިދޭ ރަށެއް!

ހުސައިން ހަސަން
ލިޔުނީހުސައިން ހަސަން

ފުވައްމުލަކުން: ޙުސައިން ޙަސަން

ވަށައިގެން ރަށްތަކެއް ނެތި އެކަނިމާ އެކަނި މާކަނޑުން އުފުލިފައި އޮންނަ ފުވައްމުލަކަކީ "އެކަނިވެރި ރަށެކެވެ." ވިހި ވަަނަ ގަރުނުގެ ކުރީކޮޅު މި ރަށަށް ކަނޑުމަގުން ބީރައްޓެހިން އަރަނީ "ހާލަކުން ފަހަރަކު" އެވެ. އެއީ ރަށުތެރެއަށް ވެދެފައި އޮތް ކަނޑިންމަ ބެދުމުގެ ސަބަބުން އޮނޑި ދޯނިފަހަރު ރަށާ ކައިރި ކުރެވޭނެ ފަސޭހަ ގޮތެއް ނެތީމަ އެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި ބޮއްކުރާ ކަނބައިފައި ރަށުގެ ވެލީގައި ފައި ޖައްސާލާ މީހަކީ "ނަސީބުވެރި"އެކެވެ. އެ ނަސީބު ބީރައްޓެއްސަކަށް ލިބިއްޖެ ނަމަ އޭނާ ރަށުގައި އުޅެން ޖެހޭނީ ހާސް އުފަލުގަ އެވެ. އެއީ މެހެމާނުން މަދުން އަރާ ރަށުން، އެފަދަ މީހަކު ފެނުމުންނެވެ. ބީރައްޓެއްސެއް ފެނިއްޖެ ނަމަ، އެ މީހަކަށް މަދަދު ދޭން ފުވައްމުލަކު މީހުންގެ އަބަދުވެސް ތިބެނީ އެދިއެދި އެވެ.

މި ރަށުގައި އެންމެ ފަހުން ބޮޑު ކަތީބުކަން ކުރި މުހައްމަދު ވަހީދު އަހުމަދު ވިދާޅުވި ގޮތުގައި މެހެމާންދާރީ އަދާ ކުރުމުގައި ފުވައްމުލަކަކީ ނަމޫނާ ރަށެކެވެ. ހިތްފުރޭ ވަރަށް ކާންދީ ހިތް އުފާކޮށްދޭނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ރަށު މީހުންނަކީ "މުށް ބާރު" ބައެއް ނޫނެވެ. ބީރައްޓެހިންނަށް ހިދުމަތް ކުރުމުގައި ހަރަދަކަށް ނުބަލާނެ އެވެ. އަބަދުވެސް އަތްތައް ހުންނާނީ ހުޅުވިފަ އެވެ. މޫނުމަތިން ފެންނާނީ ހިނިތުންވުމާއި ނަލަ ކަމެވެ. އެ ހިނިތުންވުމުން ފެނިފައި އަނެއްކާ ވެސް ރަށަށް އަންނަ ހިތްވާނެ އެވެ. މާޒީގައި މި ރަށުގައި މަޑުކުރުމަށް ބޭނުންވާ މުއްދަތު އިތުރުވެގެން ދަނީ ވެސް މީހުންގެ ހިތްހެޔޮކަމާއި ހިތްފަސޭހަ މާހައުލުގައި އުޅެލަން ބޭނުންވުމުންނެވެ.

"މި ރަށަށް އަންނަ މީހަކު، އެ މީހާ ދަންނަ މީހަކު، ރައްޓެއްސަކު ނެތިގެން ބާކީވެފައި ހުންނާކަށް ނުޖެހޭނެ. މިސްކިތުން ދިމާވިޔަސް އަތިރިމަތިން ދިމާވިޔަސް، ރަށު މީހެއް ނޫން ކަމަށް ހީވެއްޖެ ނަމަ އަހާލާނެ. ޚަބަރު ދަބަރު އަހާނެ. ބީރައްޓެއްސެއް ކަމަށް ވަންޏާ، އެ ހިސާބުން އަތުގައި ހިފައިގެން މެހެމާންދާރީ އަދާކުރުމުގެ މަރުހަލާ ދެން އެ ފެށުނީ،" ސަރުކާރަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ ވަހީދު ވިދާޅުވި އެވެ.

ނަމާދަށްފަހު ފުވައްމުލަކު މިސްކިތަކުން ބަޔަކު ފައިބަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަހީދު ވިދާޅުވި ގޮތުގައި ކުރީގައި މި ރަށަށް އަންނަ ދަތުރުވެރިންގެ ޒަވާޖީ ހަޔާތް މި ރަށުގައި ފެށުމުގެ އަސްލަކީ ވެސް މެހެމާންދާރީގެ ފުރިހަމަ ކަމެވެ. އަންހެންވެރިންގެ ހިދުމަތްތެރިކަމެވެ. ރައްޔިތުން މެދުގައި ބީރައްޓެހިންނާ މެދު ގެންގުޅޭ ގާތް ގުޅުމެވެ. އޭނާ ވިދާޅުވި ގޮތުގައި މި ރަށުގައި އެގޮތަށް މީހުންނާ އިނދެގެން، އުފެދިފައިވާ އާއިލާތައް ގިނަ އެވެ.

އެގޮތުން ހުވަދު އަތޮޅުންނާއި އައްޑު އަތޮޅުގެ މީހުންގެ ދަރިފަސްކޮޅު ނިސްބަތުން މި ރަށުގައި ގިނަ އެވެ. އަދި 20 ވަނަ ގަރުނުގެ ކުރީކޮޅު ބޭރު ގައުމުތަކުން ފުވައްމުލަކަށް އަންނަ މީހުންގެ ތެރެއިން، މި ރަށުގައި ދިރިއުޅުން ފެށުމުން، އެ މީހުން ދަރިފަސްކޮޅު ވެސް މި ރަށުގައި އެބަ އޮތެވެ.

ފަހުގެ ތާރީހުގައި އެގޮތައް ފާހަގަކޮށްލެވެނީ ސްޕެއިންގެ ލިޔުންތެރިއެއް ކަމަށްވާ ޒަވިޔާ ރޮމެރޯ ފްރައިސް މި ރަށުގައި މީހަކާ އިނދެގެން ދިރިއުޅުނު ވާހަކަ އެވެ. އިސްލާމްވުމަށް ފަހު އޭނާގެ ނަން ބަދަލުކޮށްފައި ވަނީ އަބްދުﷲ ޝަވީއަށެވެ. އޭނާގެ ތިން ދަރިން މި ރަށުގައި އެބަ އުޅެ އެވެ. އައްޑޫގައި ވެސް މީހަކާ އިނދެގެން އުޅުނު ޒަވީ ވަނީ ދިވެއްސެއްގެ ގޮތުގައި 13 އަހަރު ރާއްޖޭގައި ދިރިއުޅެފަ އެވެ.

މާޒީގައި ފުވައްމުލަކު ރައްޔިތުން ދެއްކި ރީތި މިސާލުން ރަށުގެ ޒުވާން ޖީލު މިއަދު ވެސް އެ ގޮތުގައި ދެމިތިބީ އެވެ. ދިވެހިންގެ ގަބޫލު ކުރުންތަކާއި އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި އެ އާދަތައް އަދިވެސް ހިފަހައްޓަމުން އެބަދެ އެވެ. ބީރައްޓެހިންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމުގައި ސިޔާސީ ތަފާތު ކުރުމެއް މި ރަށުގެ ރައްޔިތުން ނުގެންގުޅެ އެވެ. އަދި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހަކަށް ވީތީ ދިމާކުރުމުގެ އުސޫލެއް ނުގެންގުޅޭނެ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މެހެމާނުންނަށް ހިދުމަތް ކުރުމުގައި ފުވައްމުލަކު ރައްޔިތުންނަކީ "އަރާތިބި" ބައެއް ކަމަށެވެ. އަދި މި ރަށުގެ ރައްޔިތުންނާއި އެހެން ރަށްތަކުގެ ރައްޔިތުންނާ ހުރި ތަފާތަކީ މެހެމާނުންނާމެދު ބަހައްޓާ ގާތް ގުޅުން ކަމަށް ޝިފާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން ވެސް މި ރަށަށް އައިސް އުޅެން. އޭރު ވެސް މި ރަށުގެ ރައްޔިތުނަކީ މެހެމާނުންނަށް ނަމޫނާ ބައެއް. އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް މި ރަށުގެ ރައްޔިތުންނަކީ ނަމޫނާ ބައެއް ކަން. ދިމާ ކުރުމާއި ފުރައްސާރަ ކުރުމުގެ އެއްވެސް ކަމެއް ފެނިގެން ނުދާނެ،" އެމްޑީޕީގެ ނައިބު ރައީސް ވިދާޅުވި އެވެ.

ޏ. ފުވައްމުލައް: އެކަހެރިކޮށް އޮންނަ ރަށަށް މާޒީގައި ބީރައްޓެއްސަކު އަރައިފިނަމަ، ރަށަށް އަންނަނީ އީދެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަށުގެ މެހެމާންދާރީގެ ތެރެއިން ބައެއް ކަންތައްތައް މާޒީއާ އެކު މިހާރު ދަނީ ބަދަލުވަމުންނެވެ. ރާއްޖެ ތަރައްގީވަމުންދާ ދިއުމުގައި މި ރަށަށް އަންނަ ބަދަލާ އެކު ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލާ ގުޅިގެންނެވެ.

"ކުރިން މި ރަށަށް އަންނަ މީހުން މަޑުކޮށްގެން ތިބޭނެ ގެއެއް ހޯދާކަން ނުޖެހޭނެ. ރަށުގެ ފަސްގަނޑުގައި ފައިޖެހޭތަނުން ބޯހިޔާވަހިކަން ހޯދޭނެ ކަމުގެ ދައުވަތު ލިބޭނެ. އެކަންކޮށްދެނީ ހިލޭ ސާބަހަށް. ނަމަވެސް މިހާރު އެކަން ނެތިއްޖެ. ޒަމާނާ އެއްގޮތަށް، ރަށަށް އަރައި ފައިބާ މީހުން ގިނަވުމުން ވާނީ ވެސް އެހެންތާ!،" މި ރަށު ފުނާޑު އަވަށު، ބްލޫ ހައުސް، ޔަޝްފާ އިބްރާހިމް ބުންޏެވެ.

"ސަން" ޓީމު މި ރަށަށް އައުމާ އެކު ވެސް ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން ދަނީ އެފަދަ މެހެމާންދާރީއެކެވެ. ސަން ޓީމުގެ ޒުވާން ނޫސްވެރިން ބޭނުންވާ މައުލޫމާތު ހޯދުމަށް، އެކި ސަރަހައްދުތަކަށް ދިއުމަށް ހިނގައިގަންނަތަކުން ފިނި ބުއިންތަކަށް އިންސާފު ކުރުމަށް ދައުވަތު އެ ދެނީ ލިބެމުންނެވެ.

ތިޔަގޮތުގައި ފުވައްމުލަކު ރައްޔިތުން ދެމިތިބޭށެވެ. ތިޔައީ ރާއްޖޭގެ ނަމޫނާ ރަށެކެވެ. ރަށުގެ ރީތިކަން ފުރިހަމަ ވަނީ ރައްޔިތުންގެ މެހެމާންދާރީންނެވެ.

×
DB released.