Sun Online
ހަންބެއްދުމުގެ ހިދުމަތް ފޯރުކޮށްދެނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
ހަންބެއްދުމުގެ ހިދުމަތް ފޯރުކޮށްދެނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުވައްމުލަކުގައި ހަންބެއްދުން: އެވަރެއް ނެތް!

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

ފުވައްމުލަކުން: އަހުމަދު ސާއިލު އަލީ

ރުކެއް ވިޔަސް އެ އިސްތިހާރެވެ. ގޭގޭ ފާރުތަކާއި މަގުމަތީ ހޮޅިދަނޑިތަކުގައި ވެސް އެ ވާހަކަ އެވެ. ފުވައްމުލަކު މަގެއްގެ މައްޗަށް ނުކުމެ ފެންނަ ލިޔުންތައް ކިޔަން ވެއްޖެ ނަމަ ގިނައިން ކިޔަން ޖެހޭ އެއް ޖުމުލައަކީ "ހަން ބައްދައި ދިނުމުގެ ހިދުމަތް" އެއިބާރާތާ އެކު ލިޔެފައިވާ ލިޔުންތަކެވެ. މިއީ ފުވައްމުލަކުގައި އެންމެ ހިނގާ އެންމެ ގަދައަށް ކުރާ ވިޔަފާރި އެވެ.

މިރަށުގެ ކޮންމެ ސަރަހައްދަކުން ކޮންމެ ވަގުތެއްގައި ސައިކަލް ހަންފަޅައިގެން ދިޔަ ނަމަވެސް އެކަމާ ކަންބޮޑުވާކަށް ނުޖެހެ އެވެ. އެންމެ ފޯންކޯލަކާ އެކު ސައިކަލުގެ ހަން ބައްދައިދިނުމުގެ ހިދުމަތް ލިބިގެންދެ އެވެ. ފޯން ކުރުމާ އެކު ރަށުގެ ކޮންމެ ސަރަހައްދަކަށް ވެސް އެހިދުމަތް ފޯރުކޮށްދޭ ފަރާތުން އައިސް ހަން ބައްދައިދެ އެވެ.

ފޯންކޮށްލުމުން ބުނި ކޮންމެ ސަރަހައްދަކަށް ގޮސް ސައިކަލްގެ ހަންބައްދައިދިނުމާއި ހަންބަދަލުކޮށް ދިނުމުގައި ހިދުމަތް ދިނުމަށް މިރަށުގައި ފަސް މީހަކު ހަރަކާތްތެރިވެ އެވެ. އެމީހުން އެގޮތަށް އަންނަ އިރު ހަންބައްދައި ދިނުމާއި ހަންބަދަލުކުރަން ބޭނުންކުރާ ވަސީލަތްތައް ގެނެ އެވެ. އެއާ އެކު 15 ވަރަކަށް މިނެޓު ތެރޭގައި އެސައިކަލެއްގެ ހަމަށް ދިމާވާ މައްސަލައެއް ހައްލުކޮށްދެ އެވެ.

ހަންބެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާތާ އެންމެ ގިނަ ދުވަސްވީ އެކެއް ކަމަށްވާ މުހައްމަދު ރަޝީދު ބުނި ގޮތުގައި ދުވާލެއްގެ މައްޗަށް 30 ވަރަކަށް ސައިކަލުގެ ހަންފަޅައިގެން ގޮސް އޭނާ އަށް މީހުން ގުޅަ އެވެ. ކޮންމެ ދުވަހަކު 24 ގަޑިއިރު ހަންބެއްދުމާއި ހަންބަދަލު ކުރުމުގެ ހިދުމަތް މިރަށުގެ ކޮންމެ ސަރަހައްދަކުން ވެސް އެމީހުން ދަނީ ކޮށްދެމުންނެވެ.

"ގުޅާލާއިރު ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ތެރޭ އެސަރަހައްދަކަށް ގޮސް ހަންބަދަލު ކޮށްދޭނަން." ރަޝީދު ބުންޏެވެ.

ސައިކަލުގެ ކުރީ ފުރޮޅުގެ ހަން، 120 ރުފިޔާ އަށް ބަދަލުކޮށްދޭ އިރު ފަހަތު ފުރޮޅުގެ ހަން ބަދަލުކޮށްދެނީ 150 ރުފިޔާ އަށެވެ. ހަމުގައި ޕެޗްއަޅައި ދެނީ 50 ރުފިޔާ އަށެވެ. ރޭގަނޑު 10 ގެ ފަހުން އޭގެން އެއްވެސް ހިދުމަތެއް ނަގާ ނަމަ އިތުރަށް 50 ރުފިޔާ ނަގަ އެވެ. ހަންބެއްދުމުގެ އެހިދުމަތާ އެކު އެ މަސައްކަތް ކުރާ ފަރާތްތަކަށް ދަނީ ރަނގަޅު ނަފާއެއް ވެސް ލިބެމުންނެވެ.

"ހުންނާނެ ދަރިއެއްވެސް، މިސައިކަލް ވެސް ގަތީ މިލާރިއަށް، އަދި ގޭވެސް ހުންނާނީ ހަދާފައި. އެކަންވެސް ކުރީ މިކަމުން ލިބުނު ފައިސާ އިން." ހަން ބައްދައިދިނުމުގެ ހިދުމަތުން ލިބޭ ނަފާ ހިއްސާ ކުރަމުން ރަޝީދު ބުންޏެވެ.

ސައިކަލް ހަންބައްދައި ދިނުމުގެ ހިދުމަތް މިރަށުގައި ފުޅާދާއިރާއެއްގައި ދޭ އިރު ސައިކަލް ހަން ފަޅައިގެން ދިއުމަކީ މިރަށުގައި އާންމުކޮށް ހިނގާ ކަމެކެވެ. ސައިކަލްތަކުގެ ހަމަށް އެންމެ ބޮޑަށް އަމާޒުވާ ހަތިޔާރަކީ އަންހެންކުދިން ބުރުގާގައި ޖަހާ ޕިން ކަމަށް މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތަކުން ބުނެ އެވެ. މިރަށުގައި ދުއްވާ ސައިކަލްތަކުގެ ހަން ދެން ފަޅައިދާ ސަބަބަކީ ޓައިރު ބާވުން ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.

ފަސް މެއިލް ހާ ދިގު ފުވައްމުލަކުގައި ދަތުރުފަތުރު ކުރުމަށް އެންމެ ގިނައިން ބޭނުންކުރާ ވަސީލަތަކީ ސައިކަލެވެ. ކުރިން މިރަށު މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގަރާޖެއް ނެތް ސަރަހައްދުތަކަށް ސައިކަލް ހުއްޓުމުން ދެން ހަދާނެ ގޮތަކާ މެދު އެވެ. ނަމަވެސް އެއީ މާޒީ އެވެ. ފުވައްމުލަކުގައި މިހާރު ކުރާ އެންމެ ބަރާބަރު ވިޔަފާރިއާ އެކު ސައިކަލް ހަންބައްދައި ދިނުމަށް އެވަނީ އިންގިލާބެއް ގެނެސްފަ އެވެ.

infinity loading...
×
DB released 01.