ފުވައްމުލައް: އެކަނިވެރިކަން ފިލުވައިދިން ބަނދަރާއި އެއާޕޯޓް!

ފުލައިޓެއްގެ ލޯގަނޑުން ފުވައްމުލައް ފެންނަ ގޮތް--- ފޮޓޯ: ފުލައިމީ

ފުވައްމުލަކުން: އަހުމަދު ސާއިލު އަލީ

ރަށްވަށައިގެން ގޮށް ރާޅެވެ. ވަކި މޫސުމެއް ނޫނެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް ހާލަތެވެ. ރަށަށް ފޭބެނީ ރާޅުތަކާއި ހަނގުރާމަކޮށްގެންނެވެ. އެހަނގުރާމާގެ ތެރޭގައި އެތައް ބައެއް ވަނީ މިދުނިޔެ ދޫކޮށްފަ އެވެ. އެތައް ބަޔަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެތައް ފައިސާއެއްގެ މުދަލަކަށް ވަނީ ގެއްލުންވެފަ އެވެ. މިއީ މީގެ 12 ވަރަކަށް އަހަރު ކުރިން ފުވައްމުލަކުގެ ހާލަތެވެ. މިކަމުގެ ސަބަބުން އެރަށު ރައްޔިތުންވެފައި ވަނީ ޒަމާނުންސުރެ އެކަނިވެރިވެފައިވާ ބަޔަކަށެވެ.

ދެހާސް ދެ ވަނަ އަހަރު ފުވައްމުލަކު ބަނދަރު ހުޅުވުމުގެ ކުރިން ފުވައްމުލަކަށް އަރައިފޭބުމަކީ ވަރަށް ނުރައްކާކަމެކެވެ. ރަށުގެ ބޭރަށް ބޯޓު ފަހަރު އައިސް ޖެހެނީ ކުޑަދޯންޏެއްގައި މީހުންނާއި މުދާ ބާލަންށެވެ. އެދަތުރުގައި ރާޅާޖެހި އެތައް ބަޔަކު މިދުނިޔެ ދޫކޮށްފައިވެ އެވެ. އެގޮތުން 1980 ގައި ދެމީހަކު އަދި 1985 އަހަރާއި 1990 އަހަރާއި 1993 އަހަރު ވެސް ވަނީ އެފަދަ ކުޑަ ދޯނިތައް ބަނޑުން ޖަހާލައިގެން މީހުން މަރުވެފަ އެވެ. އަދި ބައެއް ފަހަރު ބޯޓުތަކުގެ ވާކެނޑިގެން ގޮސް ފަރަށް ލެއްގުމުގެ ސަބަބުން ވަނީ ބޮޑެތި އެތައް މާއްދީ ގެއްލުންތަކެއްވެފަ އެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން.. ސަން ފޮޓޯ: ފަޔާޒު މޫސާ

"ރާޅު ގަދަ ދުވަސްވަރު ދޯނި ބަންޑުން ޖަހާލުމާއި ބައެއް މީހުން މަރުވުމާއި އެކަހަލަ ކަންކަން ހިނގާފައި އެބަހުރި ވަރަށް ބޮޑަށް." ފުވައްމުލަކު ތާރީހު ދިރާސާ ކުރައްވާ މުނީރު ހަސަން ވިދާޅުވި އެވެ.

އެފަދަ ހިތާމަވެރި ހާދިސާތަކުން މިރަށު ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި ފުރަތަމަ އެޅި ފިޔަވަޅަކަށްވީ މިރަށު ބޭރުގައި ނެރުތަކެއް ހެދުމެވެ. އެގޮތުން 1981 ވަނަ އަހަރުގެ މާޗް މަހު އަށް ވަނަ ދުވަހު މި ރަށުގައި ނެރު ހެދުމުގެ މަސައްކަތް ފެށުނެވެ. އެ މަސައްކަތުގެ ދަށުން މިރަށު ހުޅަނގުފަރާތުގައި ތިން ނެރު އަދި އިރުމަތި ފަރާތުގައި ތިން ނެރާއެކު ޖުމުލަ ހަ ނެރު ހެދި އެވެ. ނަމަވެސް އެކަމަށް ހައްލެއްނަ އެވެ. ދޯނި ބަންޑުން ޖެހުމުގެ ހިތާމަވެރި ހާދިސާތައް ހިނގައި މީހުން ނިޔާވަމުން ދިޔަ އެވެ.

އެ ވަރުން އެ މައްސަލަ ހައްލުނުވުމުން ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި މި ރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް 2000 ވަނަ އަހަރު ޖުލައި މަހު ފެއްޓި އެވެ. އެ މަސައްކަތް 2002 ވަނަ އަހަރު ނިންމާލައި 2003 ޖުލައި މަހު ބަނދަރު ހުޅުވި އެވެ. އެއާއެކު އިސްވެ ފާހަގަ ކުރެވުނު ބިރުވެރި ދަތުރުތަކުން މިރަށް ސަލާމަތްވެ ހަމަނޭވައެއް ލުމަށް ފުރުސަތު ލިބިގެންދިޔަ އެވެ.

ފުވައްމުލަކު ބަނދަރު

"ބަނދަރު ހުޅުވުމާ އެކު އެހުރިހާ ކަމަކަށް ހައްލު އައީ، އެއާއެކު ދޯނި ފަހަރުގައި ނުކުންނާކަށް ނުޖެހޭ، ދެން ބޯޓް ފަހަރު އައިސް ބަނދަރަށް ކައިރި ކުރެވޭ." ފުވައްމުލަކު މީހަކު ބުންޏެވެ.

ފުވައްމުލަކުގައި ގާއިމް ކުރި ބަނދަރާ އެކު ކަނޑުދަތުރުތަކަށް ލުއިކަމެއް އައިނަމަވެސް ދަތުރުފަތުރަށް ބޮޑެތި ދަތިތަކެއް ހުއްޓެވެ. ފުވައްމުލަކަކީ މުޅިން ވަކިން އޮންނަ ރަށަކަށް ވުމުން މި ރަށުން އެހެން ރަށަކަށް ދިއުމަށް ކަނޑު މަގުން ދިގު ދަތުރުތަކެއް ކުރަންޖެހެ އެވެ. އެންމެ ކައިރި އޮތް އައްޑު އާއި މިރަށާއި ދޭތެރޭ ވެސް 22 މެއިލް ހުރެ އެވެ.

މި ރަށު މީހުން އަވަސް ދަތުރެއް އެ ސިޓީ އަށް ކުރަންވެއްޖެ ނަމަ މީގެ އަހަރުތަކެއް ކުރިން ޖެހެނީ 22 މެއިލްގެ ކަނޑު ދަތުރެއް ކުރާށެވެ. ފުލައިޓުން ދަތުރުކުރުމަށް ދިގު ކަނޑުދަތުރެއް އައްޑުއަށް ކުރަންޖެހެ އެވެ. އެއީވެސް ފުވައްމުލަކު މީހުން ރަށު ބަންދުގައި ތިބެންޖެހުނު އެއް ސަބަބެވެ.

"ބޭސް ފަރުވާ ކަންކަމުގައި ވެސް އެހެން ކަންކަމުގައި ވެސް ރަށުން ބޭރަށް ދިއުމަކީ އޭރު ވަރަށް އުނދަގޫކަމެއް، އައްޑު އަތޮޅަށް ދޯންޏެއްގައި ނުވަތަ ލޯންޗެއްގައި ދާން ޖެހެނީ،" މި ރަށުގެ މީހަކު އޭރުގެ ހާލަތު ސިފަކޮށްދެމުން ބުންޏެވެ.

ފުވައްމުލަކު ބަނދަރާ އެކު ދެން މިރަށު ރައްޔިތުން އެދެމުން އައީ ވައިމަގުން ހަލުވި ދަތުރުތަކަށެވެ. އަވަސް ހަލުވި ދަތުރެއް ކުރުމަށް ފުވައްމުލަކު ރައްޔިތުން އެދުމުން ދިޔަ ދިއުމަށް ނިމުމެއް ގެނައީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. އެގޮތުން މިރަށުގައި އެއާޕޯޓު ހެދުމުގެ މަސައްކަތް 2008 ޖޫން މަހު 23 ވަނަ ދުވަހު ފެށިގެންދިޔަ އެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުކޮޅު އެއެއާޕޯޓަށް ފުލައިޓް ޖައްސައި މުޅި ފުވައްމުލައް ހުޅުވިގެންދިޔަ އެވެ. މިއަދު ގައުމީ އެއާލައިން މޯލްޑިވިއަންއިން މިރަށަށް ދުވާލަކު ފުލައިޓެއް ބާއްވާއިރު އޭގެ ފައިދާ ވަރަށް ވެސް ބޮޑެވެ.

ފުވައްމުލައް ރަށު ބަންދުގައި އޮތްއޮތުން މިއަދު އެއީ މާޒީއެވެ. ކަނޑުމަގުން އުޅެންޖެހުނު ހާލަށް ބަނދަރެއްގެ އެހީގައި އެވަނީ ހައްލު ހޯދާފަ އެވެ. އަވަސް ހިތަފްސޭހަ ދަތުރެއް ކުރުމަށް އެއާޕޯޓުން އެވަނީ ފުރުސަތު ހުޅުވިގެން ގޮސްފަ އެވެ. އެ ބަނދަރާއި އެއާޕޯޓް ވެފައި މިވަނީ މިރަށު ރައްޔިތުން ރަށު ބަންދުން ސަލާމަތް ކުރި ދެ ވަސީލަތަށެވެ.

comment ކޮމެންޓް