ހެދުން ފެހުމަށް މަޝްހޫރު ފަރީދާ ފުވައްމުލަކު އެތައް ބަޔަކަށް ފަހަން ދަސްކޮށްދީފި

ފަރީދާ 'ސަން' އަށް އިންޓަވިއުދެއްވަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

ހެދުން ޑިޒައިން ކުރުމާއި ފެހުން އަދި ހެދުމަށް ބޭނުންވާނެ ތަކެތި އަމިއްލައަށް އުފައްދުމުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އައިޝަތު ފަރީދާއަކީ މާލޭގެ ފުންނާބު އުސް ފެހުންތެރި އެވެ. ވެޑިން ޕާޓީތަކުން ފެށިގެން ތުއްތު ކުދިންގެ އުފަންދުވަހުގެ ޕާޓީތަކަށް ހެދުން ފަހަން ވިޔަސް ފަރީދާ ހޯދާ މީހުން މަދެއް ނޫނެވެ. ސާދަ އަހަރު ވަންދެން ފެހުމުގެ ދާއިރާގައި ހަރަކާތްތެރިވި ފަރީދާ މިވަނީ ފުވައްމުލަކުގެ ހީވާގި އަންހެނުންނަށް ފަހަން ދަސްކޮށްދީފަ އެވެ.

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ފަހާ ކޯހުގެތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

މިހާރު ވެސް ފުވައްމުލަކުގައި ހެދުންފެހުމާއި ޑިޒައިން ކުރުމުގެ ކޯހެއް ހިންގަމުންދާ ފަރީދާ 'ސަން' އަށް ބުނީ އޭނާ ވަރަށް ކުޑައިރުއްސުރެ ވެސް ފެހުމަށް ޝައުގުވެރިކަން ހުއްނަ ކަމަށެވެ. އަދި ހެދުން ފެހުމުގެ ފަންނުން ކުރިއަށް ދެވުނީ މައިންބަފައިންގެ އެހީތެރިކަމާ އެކު ކަމަށް ފަރީދާ ބުންޏެވެ. ފަރީދާގެ ދިރިއުޅުން ބިނާކޮށްފައި ވަނީ ފެހުމުން ލިބޭ އާމްދަނީގެ މައްޗަށެވެ.

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ފަހާ ކޯހުގައި މީހުން ތައްޔާރުކޮށްފައި ހުރި ބައެއް މައު -- ސަންފޮޓޯ -- ފަޔާޒު މޫސާ

" މިމަސައްކަތުން ލިބޭ އެއްޗަކުން އަޅުގަނޑު މިއުޅެނީ. ރަނގަޅު އާމްދަނީއެއް ލިބޭ މިކަމުން. އަޅުގަނޑު ބުނާނީ އަންހެންކުއްޖެއް ވިއްޔާ މި މަސައްކަތުން ދިރިއުޅުން ބިނާކޮށްފި ނަމަ ވަރަށްބޮޑު އާމްދަނީއެއް ލިބޭނެ އޭ"
ފަރީދާ

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ފަހާ ކޯހުގެތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ފެހުމުގެ ދާއިރާ އިން ފަރީދާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އޭނާގެ އެ ފަންނުވެރިކަން އެހެންމީހުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އޭނާ ފެހުމުގައި ކުރާ ހުރިހާ މަސައްކަތެއް ވެސް އެެއްވެސް ހިފެހެއްޓުމެއް ނެތި ފަރީދާ ދަނީ މީހުންނަށް ބުނެދެމުންނެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކަނަބަލުންދަނީ ފަރީދާގެ އެ ފަންނުވެރިކަން ލިބިގަންނަމުންނެވެ. އެގޮތުން ފުވައްމުލަކުގައި ފެހުމުގެ ކޯސް މިހާރު ފަރީދާ ހިންގަމުން އެދަނީ ދެވަނަ ފަހަރަށެވެ.

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ފަހާ ކޯހުގެތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ތަފާތު އެކި ޑިޒައިންތަކުގެ މާތަކާއި ކުޑަކުދިންގެ ތަފާތު އެކި ވައްތަރުގެ ހެދުންތައް ފަހާނެ ގޮތް އެ ކޯހުގައި ފަރީދާ ދަނީ ބުނެދެމުންނެވެ. ކޯހުގެ ބައިވެރިން ފަރީދާގެ އިރުޝާދުގެ ދަށުން ހަދާފައި ހުރި މާތަކަކީ ރާއްޖޭން ބޭރުން މީހުން ގަންނަ މާތަކަށް ވުރެ މާބޮޑަށް ވެސް ފުރިހަމަ މާތަކެކެވެ. ހުނަރުވެރި އެ ކޯހުގެ ބައިވެރި ޝިޒުނީ 'ސަން' އާ ވާހަކަދައްކާލަމުން ބުނީ ކޯހުގައި ބައިވެރިވުމުން ނޭނގޭ އެތައްކަމެއް ކޯހުން ދަސްވެއްޖެ ކަމަށެެވެ.

" މިކޯހުގައި ބައިވެރިވި އިރު ހެދުމުގައި ޒިބު ހަރުކުރާކަށް ނޭންގޭ. ގަމީހުގައި ގިރުވާން ލާކަށް ނޭންގޭ. ފިރިހެން ކުދިންގެ އެއްވެސް ވައްތަރެއްގެ ހެދުމެއް ފަހާކަށް ނޭންގޭ. އެކަމަކު މިހާރު ވަރަށް ގިނަ ކަން ކަން ދަސްވެއްޖެ ކޯހުގައި ބައިވެރިވި ފަހުން. ސަގާފީ ހެދުން ފަހަންވެސް މިހާރު އެނގޭ" ޝިޒުނީ

ޝިޒުނީ 'ސަން' އަށް އިންޓަރވިއު ދެއްވަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

ޝިޒުނީ ބުނީ ފަރީދާގެ ސަބަބުން ފެހުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ހަމަ އެދާއިރާ އިން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކަމަށެވެ. ފަހާތަނެއް ހުޅުވައިގެން އާމްދަނީ ހޯދަން މަސައްކަތް ކުރާނެ ކަން ފާހަގަކޮށް ޝިޒުނީ ބުނީ މި ފަންނުގައި އޭނާ ނަމޫނާއަކަށް ބަލާ މީހަކީ ފަރީދާ ކަމަށެވެ.

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ފަހާ ކޯހުގެތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

މީގެ ކުރިންވެސް ފުވައްމުލަކުގައި ފަރީދާ ވަނީ ހޭންޑް ބޭގް ފަހަން ދަސްކޮށްދިނުމުގެ ކޯހެއް ކުރިއަށް ގެންގޮސްފަ އެވެ. އެކޯހުން ފުވައްމުލަކުގެ ގިނަ އަންހެނުން ތަކަކަށް ހޭންޑް ބޭގް ފަހަން ދަސްވި ކަމަށް ކޯސް އިންތިޒާމުކޮށް ހިންގާ ފުނާޑު އަންހެނުން ކޮމެޓީގެ ރައީސާ މަރިޔަމް ހަސީނާ ވިދާޅުވި އެވެ.

" ބާކީ ހުއްނަ ފޮތި ބޭނުންކޮށްގެން ހޭންޑް ބޭގް ފަހަން ވަރަށް ގިނަ ބަޔަކު ދަސްކުރި އޭރު، މީހުން ބޭނުންވޭ އެމީހުންގެ އުފެއްދުންތަށް ބާޒާރަށް ނެރެން" ހަސީނާ

މިރަށުގެ އަންހެނުންގެ އުންމީދަކީ ގޭގައި ތިބެގެން ކުރާނެ މަސައްކަތެއް ދަސްކުރުމެވެ. ފެހުމަކީ ވެސް ގޭގައި ހުރެގެން އަންހެނުންނަށް ކުރެވިދާނެ މަސައްކަތެއްކަން ފަރީދާ މިވަނީ ސާބިތުކޮށްދީފަ އެވެ.

އެހެންކަމުން ދުރު ނޫން މުސްތަގުބަލެއްގައި މިރަށުގެ އަންހެނުން އުފައްދާ ތަކެތީގައި " މޭޑް އިން ފުވައްމުލައް" ޖަހައިގެން ބާޒާރުން ފެނުމަކީ ދުރުކަމެއް ނޫނެވެ.

comment ކޮމެންޓް