ޑިމޮކުރަސީ އޮތީ ޖަލުގައި: ޝާހިދު

ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުވައްމުލަކުން:

ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުއްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައި އައުމަށް އިޝާރާތް ކުރައްވައި ރާއްޖޭގެ "ޑިމޮކަރަސީއަކީ އޮތީ ޖަލުގައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ރޭ މި ރަށުގައި ބޭއްވި އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ޑިމޮކުރަސީ "މި ދަނޑިވަޅުގައި ހޭދަކުރަމުން ދަނީ ވަރަށް ހިތްދަތި ދުވަސްތަކެއް" ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްދަތި ކަމެއް ލިބޭ އެއް ކަމަކީ ޑިމޮކުރަސީ ޖަލުގައި ވާތީ. ހަގީގަތުގައި ޑިމޮކުރަސީ އޮތީ ޖަލުގައި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ޖަލަށްލާފައި ވަނީ "ޑިމޮކުރަސީ ކުރިއެރުވުމަށް ޓަކައި ރައްޔިތުންގެ ހައްގުގައި ބަސް ބުނުއްވަމުންދާތީ" ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޮޑަށް ހިދުމަތް ކުރެއްވި ބޭފުޅަކީ ނަޝީދު ކަމަށާއި ނަމަވެސް "އެންމެ ބޮޑު އިހާނެތި ކަމެއް ކޮށްފައި ވަނީ ރައީސް ނަޝީދަށް" ކަމަށެވެ.

"އަޅުގަނޑުމެންގެ ޖީލު މިއަދު އެކަމަށް ލަދުވެތިވޭ. މި ސަރުކާރުން އެކަމަށް މިއަދު ލަދުވެތިވާންޖެހޭނެ. ރާއްޖޭގެ ރައްޔިތުންގެ ކިބައިން އެބޭފުޅުން މައާފަށް އެދެން ޖެހޭނެ." ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޭފުޅުންގެ ތެރޭގައި އެ ހިތްދަތިކަން ހުއްޓަސް އެ ހިތްދަތިކަން ފަހަނައަޅައި އެމްޑީޕީ ކުރިއަށް ދާނެ ކަމަށެވެ.

"ރައީސް ނަޝީދު ވަނީ އޯގާތެރި ސަރުކާރެއް ގާއިމުކޮށްފައި. އެއީކީ ހަމައެކަނި ބަހުން ހަމައެކަނި ލިޔުމުން އޮތް އެއްޗެއްނޫން. އޯގާތެރި ސަރުކާރެކޭ ބުނީމާ އެ އޯގާތެރިކަން އިހުސާސު ކުރެވިފައިވާ ލައްކަ ގިނަ މީހުން އެބަތިބި. ރާއްޖޭގެ ތާރީހުގައި މިވީހާ ދުވަހު އެކަނިވެރި މައިން ތިބިކަން ހަނދުމަކޮށްދިނީ ރައީސް ނަޝީދު. އޭގެ ކުރިން އެކަން ދަންނަ އެކަކު ވެސް ނެތް. ދޮށީ އުމުރުގެ ރައްޔިތުން އެއީ ވެސް ނަޝީދު އުފެއްދެވި ބަހެއް. އެހެންނަމަވެސް މީގެ ކުރިން އެމީހުންނަށް އެއްޗެއް ދިން ވެރިއެއް ނަޝީދު ނޫނީ ނެތް."

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ދުރުކުރި ކުރުމަށް ވެސް ޝާހިދު ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ވިދާޅުވީ ޕީޕީއެމް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ޖަމީލު ކަމަށެވެ.

"އަޅުގަނޑުމެން ޖަމީލު ވަކިކުރަން ވޯޓު ދިނިން. އެއީ އަޅުގަނޑުމެން ޕާޓީ ބޭފުޅެއް ނޫންވީމަ އޭނާގެ ދިފާއުގައި ނުނިކުތީ. އިސްޖަހާލައިގެން އިނދެ [ބަޓަނަށް] ފިތާލީ."

ޑރ. ޖަމީލު މަގާމުން ދުރުކުރުމަށް ނެގި ވޯޓިގައި އެމްޑީޕީ އިން ވަނީ ފުރިހަމައަށް ބައިވެރިވެފަ އެވެ. އަދި ޖަމީލު މަގާމުން ދުރުކުރުމަށް ހުދު ޝާހިދު ވެސް ވަނީ ވޯޓު ދެއްވައިފަ އެވެ.

comment ކޮމެންޓް