ކޭވައް މިލްކްޝޭކް: 100 ޕަސެންޓް ފުވައްމުލަކު އުފެއްދުމެއް

ފުވައްމުލަކު ރޯޔަލް ރެސްޓޯރަންޓްގައި ތައްޔާރުކުރާ ކޭއްވައް މިލްކުޝޭކް -- ސަން ފޮޓޯ ފަޔާޒު މޫސާ

ފުވައްމުލަކުން: އަހުމަދު މުޖުތަބާ

"ހަމަ ފިސާރި ތެދެއް މިބުނީ، ފުވައްމުލަކަށް ގޮސްފިއްޔާ ކޭވައް މިލްކްޝޭކުގެ ރަހަ ބަލަންވާނެ. އެއީވާ ފައްކާ ބުއިމެއް. ޔަގީން ދެވަނަ ފަހަރަށް ވެސް ބޯން ބޭނުންވާނެކަން،" މިއީ "ސަން ރަށަށް - ފުވައްމުލައް" މި ދަތުރަށް ތައްޔާރުވަމުންއަ އިރު، މިރަށަށް ތަންކޮޅެއްކުރިން ޒިޔާރާތްކުރި ރައްޓެއްސަކު އޭނާ އަށް މާ ކަމުދިޔަ ބުއިމެއްގެ ވާހަކަ ކިޔައިދެމުން ބުނެލި އެއްޗެކެވެ. އޭނާގެ އެ ވާހަކައިން ކޭވައް މިލްކްޝޭކަކީ ކޯއްޗެއްތޯ ބެލުމަށާއި އޭގެ ރަހަ އާއި އޭގައި ހުންނަ އަސަރެއް ބެލުމަށް އަހަރެން ވެސް ޝައުގުވެރިވި އެވެ. އަދި މި ރަށަށް ހަމަ އާދެވުމާ އެކު ފުރަތަމަ ވެސް އެބުނާ އަސަރު ގަދަ ބުއިން ހޯދަން އޭގެ މަންޒިލަށް މިސްރާބު ޖެހީމެވެ.

ކޭވައް މިލްކްޝޭކްގެ "އައިޑިއާ"

ހަވީރަށް އިރު އޮއްސެމުން ހިތްގައިމު ވަގުތު، ބަންޑާރަ ކިޅީގެ އެ ރީތި މާހައުލުގައި، ދޫނިސޫފާ ސޫފީގެ ހިތްގައިމު ގޮވުންތަކުގެ މިއުޒިކީ އަޑާ އެކު ކިޅީގެ ފެންގަނޑުތެރެއަށް "ދޮންވެ ފައްކާވެގެން ވެއްޓިޖެހުނު" ވަސްމީރު ކަށިކެޔޮވަކުގެ ބޭނުން، އެންމެ ފުރިހަމަގޮތުގައި ހިފުމަށް އެ ކިޅީގައި ގާއިމްކޮށްފައިވާ ކެފޭގެ އަހުލުވެރީން ނިންމި އެވެ.

ފުވައްމުލަކު ބަންޑާރަ ކީޅީގައި ރޯޔަލްސް ރެސްޓޯރަންޓުން ހިންގި ލޭކް ހައުސް ރެސްޓޯރަންޓް. މިހާރު އެ ރެސްޓޯރަންޓް ވަނީ ހަލާކުވެ ވީރާނާވާން ކައިރިވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މި ރަށުގައި ކޭވައް މިލްކްޝޭކް ހެދުމަށް އެންމެ މަޝްހޫރީ 2011 ވަނަ އަހަރު ދެކުނުގެ ދެ އަތޮޅު، އައްޑު އާއި ފުވައްމުލަކުގއި، ބޭއްވި ސާކް ސަމިޓަށް، ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން، މި ރަށު ބަންޑާރަ ކިޅީގައި ހަދާފައިވާ "ލޭކް ހައުސް ރެސްޓޯރަންޓް" އެވެ. އެ ރެސްޓޯރަންޓް ކުއްޔަށް ހިންގަނީ މި ރަށުގައި ހުރި އެންމެ މަޝްހޫރު އެއް ރެސްޓޯރަންޓް، ރޯޔަލް ރެސްޓޯރަންޓްގެ ފަރާތުންނެވެ.

ފުވައްމުލަކު އޮޅެއްގެ ތެރޭގައި ހައްދާފައި ހުރި ކަށިކެޔޮ ގަހެއް. މިއީ ފުވައްމުލަކުގައި މިހާރު ވަރަށް މަދުވަމުން އަންނަ މޭވާއެއް ކަމަށް، މި ރަށު މީހުން ބުނޭ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެން ކުންފުންޏެއްގެ ދަށުން ބަންޑާރަ ކިޅީގައި ރެސްޓޯރަންޓް ހެދި ދުވަސްވަރު، އެތާ ކުރިމަތީގައި ހުރި ގަހަކުން ކަށިކެޔޮ ފައިބައިގެން، އޭގެ ވަސް މީރުވެގެން އަޅުގަނޑުމެން ޓްރައިކުރީ[ގޮތް ބެލީ] އޭގެން އެންމެ ރަނގަޅަށް މާކެޓް ކުރެވޭނީ ކޯއްޗެއްތޯ. އެގޮތުން އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް މާކެޓްކުރެވޭ އެއްޗަކަށް މިވީ ހަމަ ކަށިކެޔޮ މިލްކްޝޭކް،" ކަށިކެޔޮ މިލްކްޝޭކްގެ 'އައިޑިއާ' އެންމެ ފުރަތަމަ ލިބުނު ގޮތް ސަންއާ ހިއްސާކުރަމުން އޭރު ލޭކް ހައުސްގައި މަސައްކަތް ކުރި، އަދި މިހާރު ފުވައްމުލަކު ރޯޔަލް ރެސްޓޯރަންޓްގެ ސުޕަވައިޒަރަރު، މުޙައްމަދު ރުޝްދީ ކިޔައިދިނެވެ.

ކޭވައް މިލްކްޝޭކް މަގްބޫލުވުން

ރުޝްދީ ކިޔައިދިން ގޮތުގައި، ކޭވައް މިލްކުޝޭކަކީ އޭރު އަދި މީހުން ދަންނަ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލޭކް ހައުސްގެ ހާއްސަ އުފެއްދުމެއްގެ ގޮތުގައި "ކޭވައް މިލްކްޝޭކް، ހަމަ އެތާނގެ ބްރޭންޑަކަށް ހަދާލައި" މީހުންގެ މެދުގައި އެބުއިމަށް މާކެޓް ހޯދި އެވެ.

ރުޝްދީ ކޭވައް މިލްކުޝޭކް ތައްޔާރުކުރާގޮތް ކިޔައިދެނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުވައްމުލަކަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މީހުންނަށް ވެސް "މީގެ ތާށަ ޓްރައި ކެރަންނެކޭ. މި ބޯފީ ފަހެނާ ހަމަ ޔާގީނެނަސް ދެވަނަ ފަހަރު ބޯހިއް ވެންނެން،" ފުވައްމުލަކު ބަހުން ރުޝްދީ ބުންޏެވެ.

"އެހެން ބުނީމަ ވަރަށް ގިނަ ބޭފުޅުން އެގޮތަށް ޓްރައިކުރާނެ، އަދި ކޮށްފައި ދެވަނަ ފަހަރަށް ބޯހިތުން އެބަ އާދޭ އަދި ހަމަ ޕްލަސް [އެ އާ އެކު] އެބޭފުޅުން ފުރަން ދާންވީމަ އަންނާނެ ގޭގައި ތިބޭ މީހުންނަށް ފުޅިފުޅިއަށް އަޅައިގެން ގެންދާން ވެސް،" ރަށަށް އަރާ ބީރައްޓެހިންނާ ވެސް ރައްޓެހި އަދި އެމީހުންގެ މެދުގައި ކޭވައް މިލްކްޝޭކް މަގުބޫލު ބުއިމަކަށް ހެދުމަށް ކުރި މަސައްކަތް ކިޔައިދެމުން ރުޝަދީ ބުންޏެވެ.

ތަފާތު އުމުރުފުރައިގެ މީހުން ތަފާތު ބުއިންތަކަށް ހިތްކީ ނަމަވެސް ރޯޔަލް ރެސްޓޯރެންޓުން ކޭވައް މިލްކްޝޭކް ބޯން އަންނަނީ ވަކި އުމުރުފުރައެއްގެ ބައެއް ނޫނެވެ. އެ ބުއިން އެންމެންގެ މެދުގައި ވެސް މަގުބޫލެވެ.

"ހަމަ ހުރިހާ އޭޖެއްގެ [އުމުރު] މީހުނަސް އާދޭ. އެންމެ ޒުވާން އުމުރުފުރައެން ފެށީގެން ހަމަ ދުވަސްވީ މީހުނަސް،" ރުޝްދީ ބުންޏެވެ.

ރުޝްދީ ކޭވައް މިލްކުޝޭކް ތައްޔާރުކުރަމުން ދިޔައިރު، އެތަނުގައި ހުރި "ސަންގެ ވޮލަންޓިއާ ރިޝްމާ" އެތާއޮތް ކަށިކެޔޮގަނޑެއް ދައްކާލަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެންނަށް ލިބިފައި ހުރި ކޮމެންޓްތަކަށް ބަލާ އިރު، މީގެ ރަހަބަލާފައިވާ މީހުންގެ ތެރެއިން ހަމަ 91 ޕަސެންޓް މީހުން ބުނޭ މިއަށް ވުރެ ވަކީން މީރު ބުއިމެއް ނުބޮމޭ."

އެހެން ރަށްރަށުގައި ތަފާތު ރަހައެއް

ރޯޔަލް ރެސްޓޯރަންޓުގައި ތައްޔާރުކޮށްފައި ހުރި، ކަށިކެޔޮ މިލްކްޝޭކް ނުވަތަ ކޭވައް މިލްކްޝޭކްގެ ރަހަ ބަލައިފީމެވެ. އެމީހުން ބުނީ ހަމަ ތެދެކެވެ. "މީތި ބުއި މީހަކަށް ދެވަނަ ފަހަރު މި ނުބޮއި ފަރުޖައްސާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ" އެވެ. އެހެން ނަމަވެސް މީގެ ރެސިޕީ ހޯދައިގެން އެނބުރި ރަށަށް ނުވަތަ މާލެގޮސް އެ ހަދަން މަސައްކަތްކުރި ނަމަވެސް އެކަން ތަޖްރިބާކުރާ މީހުން ބުނަނީ ފުވައްމުލަކު ކޭވައް މިލްކުޝޭކުގައި އެހުންނަ ކަހަލަ "ހިތްގައިމު ގޮތެއް" އެމީހުން ތައްޔާރުކުރާ ބުއިމުގައި ނުހުންނަ ކަމަށެވެ.

"ދެން އޭގައި ދިމާވާ މައްސަލައަކީ، މާލެއިން ލިބޭ ކަށިކޭލާއި އަޅުގަނޑުމެން މިހައްދާ ކަށިކޭލުގެ ތަފާތު. އަޅުގަނޑުމެން ކަށިކެޔޮ މި ކަނޑަނީ ގަހުގައި ހުރެ ދޮންވެގެން ކެޔޮވައްތައް ފައިބަން ފެށީމާ. އެގޮތަށް ކެނޑީމަ އޭގެ އަސްލު އަންނަން ޖެހޭ ރަހަ އާދޭ. އެކަމަކު މާލެއަށް ގޮސް މި ރެސިޕީއަށް ކޭވައް މިލްކު ޝޭކް ހަދާފައި ބައެއް މީހުން ގުޅާފައި ބުނާނެ، މިތަނުން ހަދާ މިލްކުޝޭކްގައި އެ ހުންނަ މީރު ރަހައެއް ނުހުރެއޭ،" ރުޝްދީ ބުންޏެވެ.

ކޭވައް މިލްކްޝޭކް ހާދާ ގޮތް

އެއްތަށި މިލްކުޝޭކް ހަދަން ބޭނުންވާނީ:

  • 1 1/2 ސަމްސާ ހަކުރު
  • ބައި ޖޯޑު ފްރެޝް މިލްކް
  • ދެ ސްކޫޕް ވެނީލާ އައިސްކްރީމް
  • ރީއްޗަށް ދޮންވެ ފައްކާވެފައިވާ ހަތަރުވައް ކަށިކެޔޮ
  • ކްރަޝްޑް އައިސް

ތައްޔާރުކުރާނޭގޮތް:

ރުޝްދީ ކޭވައް މިލްކުޝޭކް ތައްޔާރުކުރާގޮތް ކިޔައިދެނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

  • ކަށިކެޔޮ ވައްތައް ތުނިކޮށް ކޮށައިލާށެވެ.
  • އެއަށް ފަހު ކަށިކެޔޮ މަޑުވަންދެން ފެނުގައި ކައްކާނީ އެވެ.
  • ކަށިކެޔޮ ރަނގަޅަށް މަޑުވުމުން، އެއަށް ފްރެޝް މިލްކު އަޅާފައި ރަނގަޅަށް ބްލެންޑްކޮށްލާށެވެ. ބްލެންޑަރު ބަހައްޓާނީ އެންމެ ދަށް ސްޕީޑުގަ އެވެ.
  • ދެން އޭގެ ނަރުތައް ސާފުކުރުމަށް ހަތަރު ވަރަކަށް ފަހަރު ރަނގަޅަށް ފުރާނައިލާށެވެ.
  • އެއަށް ފަހު އެއަށް އައިސް ކޮޅު އެއްކޮށްފައި އަލުން މިނިޓެއްހާއިރުވަންދެން ލޯ ސްޕީޑުގައި އަނެއްކާ ވެސް ބްލެންޑްކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ވެނީލާ އައިސްކްރީމް އެއްކޮށްލާފައި އަދި 30 ވަރަކަށް ސިކުންތުވަންދެން ވަރަށް މަޑުން ބްލެންޑްކޮށްލާނީ އެވެ. އެހެރީ ކޭވައް މިލްކުޝޭކް ރެޑީވެފަ އެވެ.

ނޯޓު: ކޭވައް މިލްކުޝޭކުގެ އިތުރުން، މަތީގައިވާ ރެސިޕީއަށް ހަކުރުގެ ބަދަލުގައި މާމުއި އަދި ޔޯގަޓް ބޭނުންކޮށްގެން ކޭވައް ސްމޫދީ ވެސް ތައްޔާރުކުރާ ކަމަށް ރުޝްދީ ބުންޏެވެ.

ރޯޔަލްސް ރެސްޓޯރަންޓުގައި ތައްޔާރުކޮށްފައި ހުރި ކޭވައް މިލްކް ޝޭކްގެ ރަހަ ބަލައިލަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ސައިޖޯޑެއްގެ ހުންނަހާ ކަށިކެޔޮ، ބޭނުންވާނެ އެއްތަށި މިލްކްޝޭކް ހަދަން. ޖޫސް ހެދިދާނެ އެއަށް ވުރެ މަދުން އަޅައިގެން. އެކަމަކު މިލްކްޝޭކްގެ އަސްލުރަހަ މިއަންނަނީ، އޮލަކޮށް ހެދީމާ. އޭތި އޮލަ މިވަނީ ކަށިކެޔޮ ގިނަވީމާ. އަދި އައިސްއަޅައިގެން ބްލެންޑްވެސް ކުރެވޭ ގޮތަކުން. އޭތި މީރުއެވަނީ،" ކޭވައް މިލްކްޝޭކް ހަދާގޮތް ރުޝްދީ ކިޔައިދިނެވެ.

"ޑެޒަޓެއްގެ ގޮތަށް ތައްޔާރުކޮށްލަން އޯޑަރު ދިނީމަ، ކަށިކެޔޮ ޕިރިނީ ފަދަ ތަކެތި ވެސް ތައްޔާރުކޮށްދެން،" ރުޝްދީ ބުންޏެވެ.

ކޭވައް މިލްކުޝޭކެއްގެ އަގަކީ ހަމަ އެންމެ 55 ރުފިޔާ އެވެ. އަދި ކޭވައް ސްމޫދީއެއްގެ އަގަކީ 70 ރުފިޔާ އެވެ. ސްމޫދީ އަގުބޮޑުވަނީ ޔޯގަޓާއި މާމުއި ބޭނުންކުރާތީ އެވެ.

ސިއްހީގޮތުން ގިނަ ފައިދާތަކެއް ލިއްބައިދޭ ކަށިކޭލަކީ ވެސް މޫސުމީ މޭވާއެކެވެ. އެހެން ނަމަވެސް އަހަރަކު ދެފަހަރު އަންނަ ކަށިކެޔޮ މޫސުން ނިމުނު ކަމުގައިވީ ނަމަވެސް ފުވައްމުލަކުން ކޭވައް މިލްކްޝޭކް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެމީހުންނަށް އޮވެ އެވެ.

ރޯޔަލް ރެސްޓޯރަންޓުގައި ކަށިކެޔޮ ފްރީޒްކުރުމަށް ފަހު ފަހަށް ރައްކާކޮށްފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެން މި ހަދާގޮތަކީ، ކަށިކެޔޮ ކޮށާފައި، މަޑުކުރުމަށް ފަހު، ރަނގަޅަށް ކޮތަޅުގައި ޕެކްކޮށްފައި، ޑިފްރީޒްކުރަނީ. އެގޮތަށް ބެހެއްޓީމާ ވަރަށް ގިނަ ދުވަހު ހަލާކު ނުވެ ހުންނާނެ،" ބައެއްފަހަރު މާލެއިން ލިބޭއަގަށް ވުރެ ވެސް ބޮޑުއަގުގައި ކަށިކެޔޮ ގަނެގެން އެހެން ނަމަވެސް އަގަށް ބަދަލެއް ނުގެނެސް ކަސްޓަމަރުންނަށް ކޭވައް މިލްކުޝޭކް ފޯރުކޮށްދޭކަން ފާހަގަކުރަމުން ރުޝްދީ ބުންޏެވެ.

މިރަށަށް ޒިޔާރަތްކޮށްފި ނަމަ، ކޭވައް މިލްކުޝޭކު ރަހަބަލަން ވާނެ އެވެ. ރަށު މީހުންނާއި ބޭރުން އަރާމީހުންގެ މެދުގައި ވެސް މަގުބޫލުކަން ލިބިފައިވާ މި ބުއިމާ ބެހޭ ގޮތުން ބުނެވެނީ، މިއީ އަނގަޔަށް މީރު، ރަހައާ އަޅައިބަލާ އިރު ޖީބަށް ވެސް ލުއި ހަމަ "ހަބޭސް،" ބުއިމެއް ކަމަށެވެ.

comment ކޮމެންޓް