ކައްޓެޅި: ފުވައްމުލަކު ރަސް މަސް!

މީހަކު ކައްޓެޅި ކަނޑަނީ --

ފުވައްމުލަކުން: އަހުމަދު ސާއިލް އަލީ

“ރަށަށް އަރާ މެހެމާނުންނަށް ވެސް ވަރަށް ކަމުދާ އެއްޗެއް މިއީ، ކިތަންމެ އަގު ބޮޑަސް ގަންނާނެ، ކަނޑުމަސް ނުގަންނައިރު ވެސް މިއެއްޗެހި(ކައްޓެޅި) ގަންނާނެ." ކައްޓެޅީގެ ވާހަކަ ކިޔައިދެމުން މިރަށު މަސްވެރިއަކު ބުންޏެވެ.

ރާއްޖޭގެ އެހެން ރަށްތަކާއި ހިލާފަށް ފުވައްމުލަކަށް ލިބިފައިވާ ހާއްސަ ކަންތައްތަކުގެ ތެރެއިން ފުވައްމުލަކުގެ ކައްޓެޅީގެ މަސްވެރިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެއީ މިރަށް ފަހުރުވެރިވާ މަސްވެރި ކަމެކެވެ. މިރަށުގެ ރަސް ކެއުމެވެ. ކައްޓެޅިއަކީ މިރަށުގައި ހާއްސަ ދަރަޖައެއް ދެވިފައިވާ ރާއްޖެ އިން މިރަށަށް ހާއްސަ މަހެކެވެ.

ކައްޓެޅިއަކީ ކޮން ކަހަލަ މަހެއް!

ކައްޓެޅީގެ ސައިންޓިފިކް ނަމަކީ، ޕްރޮމެތިއަސް އެވެ. ކައްޓެޅިއަކީ ތޮޅިއެއް ފާޑު މަހެކެވެ. ނަމަވެސް ތޮޅިއަކަށް ވުރެ ކުރުވެފައި ފަލަ އެވެ. އެ މަސް ހުންނަނީ ތޫނު ދަތްތަކެއް ލައިފަ އެވެ. އެމަހަކީ ކަޑި ކުލައިގެ މަހަކަށްވާ އިރު މީޓަރަކަށް އެ މަސް ބޮޑުވެ އެވެ. ނަމަވެސް ރާއްޖެ އިން އާންމުކޮށް ފެންނަނީ 110 ސެންޓިމީޓަރުގެ ކައްޓެޅި އެވެ.

ދެ ވައްތަރެއްގެ ކައްޓެލި ރާއްޖެއިން ވެސް ފެނެ އެވެ. އެއީ ކައްޓެޅިއާއި ލަށް ކައްޓެޅި އެވެ. ލަށް ކައްޓެޅި އަކީ ވަރަށް މަދުން ފެންނަ ބާވަތެކެވެ. އެކައްޓެޅީގެ ތަފާތަކީ އުރަހާގައި ލަކެއް ހުރުމެވެ. ބިސް އަޅައި އާލާވުމަށް އެހެން މަސްތަކާއި ކައްޓެޅިއާއި ތަފާތެއް ނުހުރެ އެވެ.

ކަނޑުގެ އަޑީގެ 200 މީޓަރާއި 700 މީޓަރާއި ދެމެދުގެ ފުންމިނުގައި އުޅޭ އެމަހަކީ އައިން އައިނަށް ގުރޫޕު ހަދައިގެން އުޅޭ މަސްތަކެކެވެ. އިންޑިއާ ކަނޑުގަޔާއި ދުނިޔޭގެ ވަރަށް ގިނަ ހިސާބުގަ އެ މަސް އުޅެ އެވެ.

"ބޮޓަމް ހުންނަ ހިސާބުތަކުގައި އުޅޭނީ ދެން ރާއްޖޭގައި ފުވައްމުލަކު ސަރަހައްދުގައި އެންމެ ގިނައިން ކައްޓެޅި ބާނަނީ. މަސްވެރިކަމެއްގެ ގޮތުގައި ކައްޓެޅި ބާނަނީ. އަސްލުގައި ޑީޕްވޯޓާއެއްޗެއް އެ އެއްޗަކީ، ރޭގަނޑުގެ ބައެއް ގަޑިތަކުގައި ހިއްލާލާނެ މައްޗަށް." ރާއްޖޭގެ މަސްވެރިކަން ދިރާސާ ކުރުމުގެ އެކިކަންކަން ދިރާސާ ކުރުމުގައި 26 އަހަރު ހޭދަކުރައްވާފައިވާ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހާފިޒް ވިދާޅުވި އެވެ.

ކައްޓެޅި ކީއްވެ ހަމައެކަނި ފުވައްމުލަކުން؟

ފުވައްމުލައް ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުން ކައްޓެޅި ފެނުމަކީ ވަރަށް މަދުން ނޫނީ ވެފައިވާ ކަމެއް ނޫނެވެ. ހާފިޒު ވިދާޅުވާ ގޮތުގައި އެހެން ވަނީ ފުވައްމުލަކާއި ރާއްޖޭގެ އެހެން ރަށްރަށާއި އުފެދިފައިވާ ގޮތް ތަފާތުވުމުންނެވެ.

ރާއްޖޭގެ ގިނަ ރަށްތައް ހުންނަނީ ފަޅަށް ފަހު ކުއްލިއަކަށް ފުންވެފަ އެވެ. ނަމަވެސް ފުވައްމުލަށް އެއާއި ތަފާތެވެ. އެ ރަށާ ދިމާލުން ފުން ވެފައި ވަނީ ފުންވަމުން ފުންވަމުން ގޮސްފަ އެވެ. އެހެން ކަމުން ކައްޓެޅި އުޅޭ ފުންމިން ކަމަށްވާ 200 މީޓަރާއި 700 މީޓަރުގެ ފުންމިން އެރަށުން ލިބެ އެވެ.

"ފުވައްމުލަކަކީ އަޑިން އަރާފައި އިންނަ ރަށެއް، އެސަރަހައްދުގައި އޮވޭ ތިލަ ގަނޑެއް ވަރަށް ބޮޑު، އެތަން އަރާފައި އިންނަ ގޮތުން ކަންޓިނަންޓަލް ޝެލްފުގެ ޑެޕްޓް ލިބެނީ އެހާ ހިސާބަށް." ހާފިޒު ވިދާޅުވިއެވެ.

ކައްޓެޅި ބާނަނީ ކިހިނެއް؟ ކޮން ސަރަހައްދަކުން؟

އާންމުކޮށް ދިވެހިން އެންމެ ފުންމިނުން ވެސް މަސްބާނަނީ 100 މީޓަރު އަޑިން ވިޔަސް ކައްޓެޅި އަކީ ގާތްގަނޑަކަށް އޭގެ ދެ ގުނަ އަޑިން ބާނާ މަހެކެވެ. އެއީ ގާތްގަނޑަކަށް 180 ވަރަކަށް މީޓަރު އަޑި އެވެ. ކައްޓެޅިއަކީ ރާއްޖޭގެ މަސްވެރިކަމަށް ބަލާއިރު އެންމެ އަޑިންބާނާ މަހެވެ. ކައްޓެޅި ބޭނުމަށް 180 މީޓަރުގެ 100 ނަމްބަރު ކަންވާރު ބޭނުންކުރަނީ އަށް ނަމްބަރު ބަރިއަކާ އެކު އެވެ. ތިން ނަމްބަރު ބުޅި ބޭނުންކުރާ އިރު ކައްޓިއަކީ ދަތްތޫނު އެއްޗަކަށްވުމުން ބުޅިންފެށިގެން ގާތްގަނޑަކަށް ހަ އިންޗި މައްޗަށް ނަރު އޮޅެއް ލަ އެވެ. ކަންވާރު ކަނޑާލިޔަ ނުދިނުމަށެވެ.

ކައްޓެޅި ބާނަނަނީ ފުވައްމުލަކުގެ ހޭފަށާ ތަންކޮޅެއް ދުރުންނެވެ. އެރަށް ވަށައިގެން ކައްޓެޅި ބޭނޭ އިރު އެމަހަކީ ރޭގަނޑު ކާ މަހަކަށްވުމާއި ރޭގަނޑު ތަންކޮޅެއް ފެނުންމަތީ (200 މީޓަރު އަޑީ)ގައި އުޅޭ މަހަކަށްވުމުން ބޭނެނީ ރޭގަނޑު އެވެ.

"ގާތްގަނޑަކަށް އިއުރޮއްސި 6:30 އިން ފެށިގެން ގޮސް އަނެއް ދުވަހު ހެނދުނު އަލިވަންދެން ބޭނޭނެ." ކައްޓެޅީގެ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ އަބްދުﷲ އިބްރާހިމް(ކަޅުފެހި)، 55، ބުންޏެވެ.

މިރަށު މީހުން ބުނާ ގޮތުން މިމަސްވެރިކަން ގިނައިން ކުރެވެނީ އިރުވާގައި އެރަށު ހުޅަނގު ފަރާތުނެވެ. އެމަސް ބޭނުމަށް ހަމަ އާންމުކޮށް ބޭނުންކުރާ އެން ބޭނުންކުރާ އިރު އެމަހަކީ ވަރަށް އަޑިން ބާނާ މަހަކަށްވާތީ އެއީ ވަރަށް ބުރަކަމެއް ކަމަށް އަބްދުﷲ ބުންޏެވެ.

މި މަސް ބާނަން ކުރަން ޖެހޭ މަސައްކަތާއި އަޅާބަލާ އިރު އެމަސް ވިއްކާއަގު ވެސް ބޮޑެވެ. އާންމުކޮށް ކައްޓެޅިއެއް ވިއްކަނީ 150 ރުފިޔާ އަށެވެ. ބައެއް ފަހަރު މިމަހުގެ އަގު 300 ރުފިޔާ އިން މައްޗަށް ވެސް އަރައިގެންދެ އެވެ. އެވަރުން ވެސް މިމަހަށް އޮންނަ ޑިމާންޑް ކުޑައެއްނުވެ އެވެ.

ކިހިނެއް ކައްކަނީ؟

ކައްޓެޅިއަކީ ފުވައްމުލަކުގެ ރަސް މަހެވެ. އެމަސް ކެއުމަކީ އެމީހުންގެ އުފަލަކާއި ޝަރަފެކެވެ. އެހެންކަމުން އެމަސް ކެއުމަކީ އާންމު ކަމެކެވެ. ފުވައްމުލަކުގައި އާންމުކޮށް ކައްޓެޅި ކަނީ ގަރުދިޔަ ކައްކައިގެންނެވެ. އެއަށް ފަހު އަލައާއި ބަތާއެކު އެމަސް ކައެވެ. އެއީ ވަރަށް މީރު މަހެއް ކަމަށްވެ އެވެ.

"ރިހަވެސް ކައްކާ. އެކަމަކު އާންމުކޮށް ގަރުދިޔަ ކައްކައިގެން ކައްޓެޅި ކާނީ.. ގަރުދިޔަ ކައްކާއިރު އެހެން މަސްމަހުގައި ގަރުދިޔަ ކެއްކުމާއި ތަފާތެއް ނުވާނެ. އެކަމަކު ބައެއް މީހުން ފިޔާ ވެސް ހިކަދިފަތް ނުލާވެސް ކައްކާ." ކައްޓެޅި ކައްކާ ގޮތް ކިޔައިދެމުން މިރަށު އަންހެނަކު ބުންޏެވެ.

މަސްމަހާއި މެއްސާއި ބެހޭ ދިރާސާ ކުރައްވާ ހާފިޒު ވިދާޅުވި ގޮތުގައި ފުވައްމުލަކު މީހުން ކައްޓެޅީގައި ހަމައެކަނި ގަރުދިޔަ ކެއްކި ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ތަފާތު ރިހަ ކައްކައިގެން އެމަސް ކައެވެ.

comment ކޮމެންޓް