Sun Online
ޏ. އަތޮޅު ހޮސްޕިޓަލް: މިއީ ލެވެލް2 ގެ ޓާޝަރީ ހޮސްޕިޓަލެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ
ޏ. އަތޮޅު ހޮސްޕިޓަލް: މިއީ ލެވެލް2 ގެ ޓާޝަރީ ހޮސްޕިޓަލެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުވައްމުލަކު ސިއްހީ ހިދުމަތް، އާބާދީއާ އެއްވަރަށް ނުދެވުމުގެ ޝަކުވާ!

އަހްމަދު އާޒިފް
ލިޔުނީއަހްމަދު އާޒިފް

ފުވައްމުލަކުން: އަހުމަދު އާޒިފު

ފުވައްމުލަކުގައި އަތޮޅު ހޮސްޕިޓަލެއް ވުޖޫދުވެ ޚިދުމަތްދެވެމުން މިދަނީ އެތަކެއް ކަންތައްތަކެއް މިރަށުގެ ކާބަފައިން ތަހަންމަލް ކޮށްފައި ވަނިކޮށެވެ. މީގެ 48 ކުރިން 1967 ވަނަ އަހަރު ހަމައެކަނި ލޮލު ރޯގާއަށް ފަރުވާ ދިނުމުގެ ޚިދުމަތާ އެކު މިރަށުގައި ފެށި ސިއްހީ ޚިދުމަތް 1973 ވަނަ އަހަރު ޒަމާނާ އެއްގޮތަށް ބަދަލުވާން ފެށި އިރު ކޮލެރާ ބަލީގައި ކާބަފައިންގެ އެތައް ބަޔަކު ދުނިޔެ ދޫކުރުމުގެ ހިތާމަވެރި ހާދިސާއާ ކުރިމަތިލާން ޖެހުނު އިރު، ސިއްހީ ހާލަތު އޮތީ ވަރަަށް އާދައިގެ ފެންވަރެއްގަ އެވެ. ނަތީޖާ އަކީ އެކަން ކަމަށް އެކަށީގެންވާ ފަރުވާއެއް ނުދެވި ގިނަ ބަޔަކު މަރުވުމެވެ.

މާބަނޑު އަންހެނަކު ސިޒޭރިއަން ހެދުމަށް ފަހު ދަރިފުޅު ނުނަގައި ބަނޑު ފަހާލި ހާދިސާއަކީ ފުވައްމުލަކުގެ އެތައް ބަޔަކު މިރަށުގެ ސިއްހީ ޚިދުމަތުގެ ފެންވަރާ މެދު ސުވާލު އުފެއްދި ކެމެކެވެ. ލެވަލް 2ގެ ޓާޝަރީ ހޮސްޕިޓަލަކާ ބަލާއިރު އެފަދަ ހޮސްޕިޓަލަކުން ލިބިދެވެން ޖެހޭ ގޮތުގައި ޚިދުމަތް މިރަށުން ބިދޭތޯ ސުވާލު އުފައްދަންފެށި އެވެ. ތޭރަހާހާ ގާތްކުރާ އަދަދެއްގެ އާބާދީއަކަށް އެކަށޭނަ ސިއްހީ ފަރުވާ މިރަށުން ލިބޭތޯ މިއީ ވެސް އުފައްދަން ފެށި ސުވާލެކެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގައި ނަރުހުން ތުއްތު ކުއްޖަކަށް މިއަދު ފަރުވާކޮށްދެނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިރަށުގައި ހުރިހާ ބަލިތަކަށް ޑޮކްޓަރުން ނެތުމުގެ މައްސަލަ އެބަދިމާވޭ. ގިނަ ބޭސްތައް އާސަންދައިން ނުލިބޭ. މިހިރީ ރަނގަޅުކުރަން ޖެހޭ ކަންކަން،" ފުވައްމުލަކު މީހަކު ކިޔައިދިނެވެ.

މި ރަށު މީހުން ބުނާ ގޮތުގައި ކުޑަކުދިންގެ ބަލިތަކާއި އާންމު ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ނެތުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ދައްޗެކެވެ. އެއީ ގިނަ ފަހަރަށް ބޭސްފަރުވާގެ ކަންކަމުގައި މާލެދާން މެދުވެރިވާ އެއް ސަބަބެވެ.

މިހާރު ޚިދުމަތުގައި ތިބި ބައެއް ޑޮކްޓަރުންދޭ ޚިދުމަތާ ދޭތެރޭ ވެސް މި ރަށުގެ ގިނަ ބަޔަކު ތުންފިއްތަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ކޮންމެހެން ސިޒޭރިއަނެއް ހަދަން ނުޖެހޭ ފަދަ ހާލަތްތަކުގައި ވެސް މާބަނޑު އަންހެނުން ސިޒޭރިއަން ހެދުމަކީ ވެސް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމެކެވެ. ޑޮކްޓަރަށް ދެއްކުމުން މައްސަލައެއް ނެތް ކަމަށް ބުނާފަހުން، ބަލިމީހާގެ ހާލަތު ގޯސްވެގެން ދެވަނަ ފަހަރަށް ޑޮކްޓަރަށް ދައްކަންދާންޖެހުން ފަދަ ކަންތައްތައް ހިނގަފައިވާ ކަމަށް މި ރަށު ބައެއް މީހުން ބުންޏެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގައި މީޙަކު މިއަދު ޑޮކްޓަރަށް ދައްކަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުގެ ދަރިފުޅު ހޮޑުލެވެތީ ހޮސްޕިޓަލަށް ގެންދިޔައީ. ޑޮކްޓަރު ބުނީ ބަލާފައި މައްސަލައެއް ނެތޭ. އަޅުގަނޑު ދެންނެވިން ކުއްޖާއަށް ވަމުންދާ ގޮތް ކިޔާފައި ޓެސްޓް ހަދާށޭ. ނަމަވެސް ޓެސްޓް ނަހަދައި ގެއަށް ފޮނުވާލީ. އޭގެ އަނެއް ދުވަހު ހާލު ވަރަށް ބޮޑަށް ގޯސްވެގެން އައިސީޔޫގައި ފަރުވާދޭން ޖެހުނީ. ދަރިފުޅު އެއްކޮށް ރަނގަޅުވީ އިންޑިއާއަށް ގޮސްގެން،" ފުވައްމުލަކު މީހަކު ސަން އަށް ކިޔައިދިނެވެ.

އެންމެ އެކަށޭނަ ޑޮކްޓަރުން ނެތުމުގެ އިތުރުން ބޭސް ލިބުމުގައި ވެސް ދަތިތަކެއް ހުރި ކަމަށް މިރަށު މީހުން ބުނެ އެވެ. ރައްޔިތުންނަށް ހިލޭ ބޭސް ދިނުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ އާސަންދައިގެ ދަށުން ބައެއް ބޭސްތައް ނުލިބޭއިރު ބައެއް ބޭސްތައް އެއްގޮތަކަށް ވެސް ރަށުގައި ނުހުންނަ ކަމުގެ ޝަކުވާ ވެސް މިރަށު މީހުން ކުރެ އެވެ.

ޏ. އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް މިއަދު ގޮސްތިބި ކުޑަކުދިންތަކެއް އެކުދިންގެ މައިންނާ އެކު ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިރަށުން ބައެއް ބޭސްތައް ލިބެން ނުހުންނާތީ ޑޮކްޓަރު ބޭސް ސިޓީ ލިޔެދެނީ މިރަށުގައި ހުންނަ ބޭސްތަކަށް ބެލުމަށް ފަހު. ދެން އާސަންދައިން މުހިންމު ބޭސްތަކެއް ނުލިބޭ. އަޅުގަނޑުމެން ޖެހެނީ ލާރިދީފައި ގަންނަން. އަދި އެފަދަ ބޭސްތަކުގައި ވެސް މިރަށުގައި ހުންނަނީ އެންމެ އަގުބޮޑު ބޭސްކަން ފާހަގަކުރެވޭ،" ފާމަސީއަކުން ބޭސް ގަނެފައިވާ މީހަކު ސަން އަށް ކިޔައިދިނެވެ.

ފުވައްމުލައް ފަދަ އާބަދީ ބޮޑު ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތަކީ އަސާސީ ގޮތުން ލިބިދެވެން ޖެހޭ ޚިދުމަތެކެވެ. ނަމަވެސް އެމްބިއުލާންސްގެ ފެންވަރު ދަށް ކަމުގެ ވާހަކައަކީ މިރަށުގެ ހުރިހާ ރައްޔިތުން ވެސް އިއްތިފާގުވާ ކަމެކެވެ.

"މިރަށުގައި އެބްބިއުލަންސްގެ ޚިދުމަތް ވަރަށް ބަރާބަރަށް ލިބޭ. އެ ޚިދުމަތަކު ނެތް މައްސަލައެއް. ނަމަވެސް ޚިދުމަތްދޭން އޮންނަ އެންބިއުލާންސެކޭ ޕިކަޕެކޭ އެއް ފަދަ. އެމްބިއުލާންސްގައި ބަލި މީހާ ގެންދިޔުމެކޭ ޕިކަޕެއްގައި ގެންދިޔުމެކޭ އެއްފަދަ،" މި ރަށު މީހަކު އެމްބިއުލާންސްގެ ފެންވަރު ސިފަކޮށްދިނެވެ.

މި ރަށުގައި "ނޮން ކޮމިއުނެކަބަލް ޑިސީޒަސް" ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އެފަދަ ބަލިތަކަށް ފުވައްމުލަކު ކަހަލަ ބޮޑު ރަށެއްގައި ތިބެގެން ފަރުވާ ލިބެން ޖެހެ އެވެ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ވަކި ހިސާބަކުން މާލެ ފޮނުވާލަން ޖެހޭ ޖެހުން ނިމުމަކަށް ގެންނަން ޖެހެ އެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު މިއަދު ސަން އަށް އިންޓަވިއުދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"ވަރަށް ގިނައިން ޖެހޭ އިތުރު ފަރުވާއަށް މާލެ ފޮނުވަން. ބައެއް ފަހަރު ވާގޮތަކީ އަޅުގަނޑުމެންގެ ލެވެލަށް ވުރެ، އަޅުގަނޑުމެންނަށް ހޮސްޕިޓަލްގައި މެނޭޖްކުރެވޭ ވަރަށް ވުރެ މީހާ ސީރިއަސްކަމަށްވަންޏާ، ބައެއް ކަހަލަ ސާޖަރީތައް، ކަށީގެ ބައެއް ކަންތައްތަކަކީ ވެސް މިކޮޅުން ކުރެވޭނެ ކަންތައްތަކެއް. [އެކަމަކު] ޑޮކްޓަރުން ތިއްބަސް ބައެއް ކަހަލަ އިންސްޓްރޫމެންޓްސްތައް ނުހުންނާނެ ފުރިހަމައަކަށް ހުރިހާ ހޮސްޕިޓަލެއްގައި. އެހެންވީމާ އެގޮތުން އަޅުގަނޑުމެންނަށް އެބަޖެހޭ [މާލެ] ފޮނުވާލަން،" މި އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވި އެވެ.

ފަރުޒާދު ވިދާޅުވި ގޮތުގައި މި ރަށުގެ ސިއްހީ ދާއިރާ މިހާރަށް ވުރެ މަތީފެންވަރަކަށް ގެންދަން ޖެހެ އެވެ. އެކަމަށް ޓަކައި ހޮސްޕިޓަލް ވަރަށް ބޮޑުތަނުން ތަރައްގީކުރަން ޖެހެ އެވެ. އެހެންކަމުން ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ޕްލޭނެއް މިހާރު ވަނީ އެކުލަވާލައި އެއަށް އަމަލީ ސިފަ ގެނައުމަށް މަސައްކަތް ފަށައިފަ އެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގެ ވޯޑެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެންގެ މިހާރުގެ ޕްލޭނެއް ވެސް އެބައޮތް އަންނަ އަހަރަށް. އިމާރާތާއި އިތުރު ފެސިލިޓީސްތައް ތަރައްގީ ކުރުމުގެ. ލަފާކުރެވޭ ގޮތުގައި އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ވަރަށް ގިނަ ކަންތައްތައް މިހާރު ހޮސްޕިޓަލުން ނުލިބޭ ކަންތައްތައް ލިބިގެންދާނެ. އެގެތެރޭގައި ޕްރައިވެޓް ރޫމްތަކާއި އައިސީޔޫގައި މިހާރު ހުރީ ދެ އެނދު. އެތަންވެސް އެކްސްޓެންޑުކޮށް (ބޮޑުކޮށް) އަށް ވަރަކަށް އެނދަށް ބަދަލުވެގެންދާނެ. މިހާރަކު ނެތް އިމާޖެންސީރޫމެއް. އެފަދަ ރޫމެއް ނެތުމުން ވަރަށް ބޮޑު ދަތިކަމެއް އެބަ ދިމާވޭ. ވޯޑުތަކާ އެއްޗިހި ވެސް އިތުރުވެގެންދާނެ މި ޕްލޭންގެ ދަށުން،" ފަރުޒާދު ވިދާޅުވި އެވެ.

މި ރަށް ފަދަ ތަރައްގީވަމުން އަންނަ އަދި އާބާދީ ބޮޑު ރަށެއްގައި އާބާދީއާ އެއްވަރެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުމަކީ މި އަތޮޅު ނޫނީ މި ރަށު ރައްޔިތުންގެ އުންމީދެވެ. ސިޔާސީ ގޮތުން އައިސްފައިވާ ބަދަލާ އެކު އެ އުންމީދުގައި ކުލަ ޖެހޭނެ ކަމަށް އެމީހުން އުންމީދު ކުރެ އެވެ.
infinity loading...
×
DB released 01.