ފުވައްމުލަކުގެ ރީތި އަންހެން ކުދިންގެ ވާހަކަ!

ފުވައްމުލަކު ޒުވާން ކުދި ބައެއް: ރީތި ކަމާ އެއްވަރަށް ހިތްވެސް ހެޔޮ --- ސަން ފޮޓޯ / ފަޔާޒު މޫސާ

ފުވައްމުލަކުން: އަހުމަދު ސާއިލް އަލީ

ފުވައްމުލަކުގެ ރީތި ވާހަކަ އާއި މި ރަށުގެ ޗާލު ކަމުގެ ވާހަކަ އަބަދުވެސް އަޑު އަހަމެވެ. މި ރަށަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ރަށެއްކަމަށް އަޑު އަހަމެވެ. އެހެންކަމުން މި ރަށަށް ކޮންމެވެސް ދުވަހަކުން އައުމަކީ އަބަދުވެސް އެދިއެދި ހުރި ކަމެކެވެ.

އަހަރެން ފުވައްމުލަކަށް މިކުރި އަލަތު ދަތުރުގައި އެންމެ ބޮޑަށް ބޭނުންވި ކަމަކީ މިރަށުގެ ގުދުރަތީ ރީތިކަން ބަލާލައި އެކަން ކިޔުންތެރިންނަށް ސިފަކޮށްދިނުމެވެ. ނަމަވެސް މިފަހަރު ރަށުގެ ގުދުރަތީ ރީތިކަމަށް ވުރެ ބޮޑަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ މިރަށު އަންހެނުންގެ ގުދުރަތީ ރީތި ކަމަށެވެ. ކުލަދޮންވެފައި ބަލައިލަން ހިތްގައިމީ ފުވައްމުލަކު ދޮންއަނބު އެކަންޏެއް ނޫނެވެ. މިރަށު އަންހެން ވެރިންގެ ކިބައިގައި ވެސް އެހައިމެ ހިތްގައިމު ކަންތައްތަކެއް އެކުލެވިގެންވެ އެވެ.

ހަ ހާހަށް ވުރެ ގިނަ އަންހެނުން ދިރިއުޅޭ ފުވައްމުލަކު އަންހެނުންނަކީ ވަރަށް ވެސް ރީތި، ދިވެހި ދޮންކުލައެއްގެ ވެރިބައެކެވެ. އިސްކޮޅުން ކުރުކޮށް ތިބޭ ބައެކެވެ. އެވްރެޖު ގޮތެއްގައި ގިނަ އަންހެނުން ފަސްފޫޓު ބަޔަށް ވުރެ ކުރުވާނެ ކަމަށް ބެލެވެ އެވެ. މިރަށު އަންހެންވެރިން ބައްޓަން ރީތިވެފައި ކަޅިރަވާގެ އަސަރު ގަދަ އެވެ. ހަށިގަނޑު ފުރިހަމަވެފައި ނަލަ އެވެ. ހިތްކަތިލާ ފަދަ އެތައް ރީތިކަމެއް އެވެރިންނަށް ލިބިގެންވެ އެވެ. މިރަށުގައި އަންހެނުން އެންމެ ރީތި ކަމަށް ނަން މަޝްހޫރީ ދޫނޑިގަމް އަވަށުގަ އެވެ. ނަމަވެސް ހުރިހާ އަވަށެއްގައި ވެސް އެހާމެ ނަލަ އަންހެންވެރިން އުޅެ އެވެ.

މިރަށު އަންހެން ކުދިންގެ ރީތި ކަމަށް ބަލާ އިރު އެއީ ގުދުރަތީ ރީތި ކަމެކެވެ. ކޮންމެވެސް ވަރަކަށް މޭކަޕު ކުރިއަސް މާކަންތައް ބޮޑެއް ނޫނެވެ. އެވެރިން ރީތިވެފައި ވަނީ އާދައިގެ މޭކަޕަކާއެކު އެވެ. އެއާއެކު އެމީހުންނަކީ ވަރަށް ސާފުތާހިރު ވެސް ބައެކެވެ. އަބަދުހެން ފެންނަނީ ނަލަހެދިފައި ތިއްބައެވެ.

"މިރަށު އަންހެންކުދިން ރީތި ވާކަށް ވަކި ކަމެއް ނުކުރޭ. ރީތިކަމެއް ވިއްޔާ އެ ވަނީ ގުދުރަތީ ރީތިކަމުން." މި ރަށު ފުނާޑު އަވަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ހަސީނާ ވިދާޅުވި އެވެ.

ފުވައްމުލަކު އަންހެންވެރިންގެ ރީތިކަން ފެށިގެން އައީ ކިހާ ހިސާބަކުން ބާވައޭ މިއީ އުފެދޭ ސުވާލެވެ. މިރަށު މީހުން ބުނާ ގޮތުން ފުވައްމުލަކުގައި ރީތި އަންހެންވެރިން ނޫޅޭ ޒަމާނެއް ހަނދާނެއް ނުހުރެ އެވެ. މިރަށުން އެކަން ހާމަވެ އެވެ. މިރަށުގެ ދުވަސްވީ އަންހެންވެރިންނާއި 40 އަހަރުން މަތީގެ އަންހެންވެރިންނަށް ބަލައިލުމުން އެމީހުންގެ ޅަދުވަހު ރީތިވާނެ މިންވަރު ހިތަށް ގެނެވެ އެވެ. މިއަދު މިއުޅެނީ އެވެރިންގެ "މުޑުވައް"ތަކެވެ.

ފުވައްމުލަކު އަންހެން ކުދިން އެހާ ރީތީ ކީއްވެގެންކަން ބުނަން އެނގޭ މީހަކު ނެތެވެ. ނަމަވެސް ބައެއް ސަބަބުތައް އެބަހުއްޓެވެ. ރަށަކީ ހިޔާބޮޑު ރާއްޖޭގެ އެހެންރަށްތަކާއި ތިމާވެށީގައި ތަފާތުތަކެއް ހުރި ރަށެކެވެ. ހަމައެހެންމެ ކެއިން ބުއިމަށް ބަލާއިރު ފަލަމަޑީގެ ބާވަތްތަކާއި ތަރުކާރީގެ ބާވަތްތައް ކެއުމުގައި އާންމުކޮށް މިރަށު މީހުން ބޭނުންކުރެ އެވެ.

"އެވެދާނެ ފުވައްމުލަކުގައި ކެއިން ބުއިމުގެ ކަންކަން ހުންނަ ގޮތުން އަދި ރަށުގެ ވެށި އޮންނަގޮތުން ވާ ކަމެއް ކަމަށް ވެސް." މުނީރު ވިދާޅުވި އެވެ.

ފެންނަފެނުމަށް މިރަށު އަންހެންވެރިންނަކީ ނިކަން "ސްޓައިލް" ބައެކެވެ. އަޅާހެދުމާއި ބޭނުންކުރާ ސާމާނަށް ބަލާއިރު އެންމެ ފަހުގެ ފެޝަނަށް އެވެރިން ހޭލުންތެރިވެފައިވާ މިންވަރު ކިތަންމެހާ ވެސް ރަނގަޅަށް އެނގެ އެވެ. ފަހުގެ ފެޝަންތަކަށް ބަލާއިރު މިރަށު އަންހެނުން ބީރައްޓެހި ފެޝަނެއް ނެތޭ ބުނެވިދާނެ އެވެ. އެކަމުގެ އެއް ހެއްކަކީ އެންމެ ޒަމާނީ ފެޝަނުގެ ތަކެތި ވިއްކާ ބޮޑެތި އެތައް ފިހާރައެއް މިރަށުގައި ހުރި އިރު، އެތަކެއްޗަށް އޮންނަ ޑިމާންޑެވެ.

އަންނައުނު ވިޔަފާރި ކުރާ ޔުނިކް ފެންޑީ ފިހާރާގެ މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެފިހާރައިން އަންހެންވެރިންގެ އެންމެ ފަހުގެ ފެޝަންގެ ތަކެތި ވިކޭ ކަމަށާއި އޭގެ ތެރެއިން 85 ޕަސެންޓް ސޭލްސް އަކީ އަންހެން ކުދިން ގަންނަ ތަކެތި ކަމަށެވެ.

"ވަރަށް ވިކޭ. މިރަށު އަންހެންކުދިންނަކީ ފަހުގެ ފެޝަންތަކަށް ވަރަށް އަހުލުވެރި ބައެއް." މިރަށު އެހެން ވިޔަފާރިވެރިއެއް ކަމަށްވާ ސަފިކް ފިހާރާގެ ވެރިޔާ މުހައްމަދު ޒާހިރު ވިދާޅުވި އެވެ.

މިރަށު އަންހެންކުދީންނަށް ލިބިފައި އެވާ ނަލަ ކަމާއި ޗާލު ކަމާ އެއްވަރަށް ފޮނި ކަމާއި ކިބުރުވެރިކަން ވެސް އެކުދީންގެ ކިބައިގައި ހުންނާނޭ ކަމަށް އަހަރެން ހީކުރީމެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އެކުދީން ވަރަށް ވެސް ހިތް ހެވެވެ. ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކު ހިނިތުންވެލަ އެވެ. އެއީ ދަންނަ މީހެއް ވިޔަސް ނުދަންނަ މީހެއް ވިޔަސް ހެވެވެ. އަހަރެމެންގެ ތެރެއިން ކަޓު ވިސްނުމުގެ ބައެއް މީހުނަށް އެކުދީންގެ އެ "ލޯބިލޯބި" ހިނިތުންވުމުން ނުބައި ނިޔަތެއްގައި މާނަވެސް ނެގިދާނެ އެވެ. އެހެން ނަމަވެސް، އެ ހިނިތުން ވުމުގެ މާނަ އަކީ އެއްވެސް ހާލެއްގައި ތިމާ މިހުރީ "ސެޓް" ވެފައޭ ބުނުމެއް ނޫނެވެ. އެކުދިން ހަމަ ހިތްހެވީ އެވެ. ބީރައްޓެސެއް ނަމަ އެ ބަހައްޓާ ޚާއްސަ އޯގާތެރިކަމާއި ގާތްކޮށް ހިތުމުން އެކުދީންގެ ރީތިކަން އިތުރަށް ސާބިތުވެގެންދެ އެވެ.

"އަހަރެން ހިތަށް މިއަރަނީ އަހަރެން ދަންނަ ބައެކޭ މިއީ، އެއްވެސް ދުރުގޮތެއް ނުހުރޭ. ފެންނަ ކޮންމެ ފަހަރަކު ހިނިތުންވޭ." އަހަރެންނާ އެކު މިރަށަށް އައި ނޫސްވެރިއަކު ބުންޏެވެ.

އަހަރެންނަށް ފެންނަފެނުމަށް މިރަށުގައި 18 އަހަރު ފުރިފައިވާ އަންހެނުންގެ ތެރެއިން ސައިކަލް ދުއްވުމުގެ ލައިސެންސް ނެތް އަންހެނުން މަދެވެ. އުމުރުން 18 އަހަރު ފުރުމާ އެކު ލައިސެންސް ނެގުމަކީ މަޖުބޫރެއް ފަދަ ކަމެކެވެ. ސައިކަލް މަތީގައި އިށީނދެ ހަމަޖެހިލައިގެން އެތިބޭ ގޮތުން އެކުދީންގެ ރީތިކަން އިތުރަށް ފާހަގަވެ އެވެ.

މިއަދު މި ރަށުގައި މިތިބި ޒުވާން ރީތި އަންހެން ޖީލަކީ އަޅުގަނޑަށް މި ފެންނަ މިރަށު އުމުރުން ދުވަސްވީ އަންހެނުންގެ ރީތިކަމުން އުފައްދައިދިން ރީތީ ކުދީންނެވެ. މިއަދު މިރަށުގެ ކުޑަކުދިންނަށް ބަލާއިރު އެކުދިންގެ ކިބައިންވެސް ހަމަ އެ ރީތިކަން އެބަ ފެނެ އެވެ. އެއީ މިހާރު މިތިބި ޒުވާން ރީތި ޖީލުގެ ރީތި ދަރީންނެވެ. ކުޑަކުދީންގެ ކިބައިން ވެސް މި ޗާލު ކަމާއި ރީތިކަން ފެންނާން ހުރުމުން މިކަން އަންނާން އޮތް ޖީލުތަކަށް ވެސް މި ގޮތުގައި ދެމިގެން ދާނޭ ކަމަށް ބެލެވެ އެވެ. އެއީ އުފާވެރި ކަމެކެވެ. އަޅުގަނޑު އެދެނީ މިރަށު އަންހެން ކުދީންގެ މި ރީތި ކަމާއި ހިތްގައިމުކަން އަބަދުވެސް އެގޮތުގައި އޮތުމަށެވެ. އެ ކުދީންގެ ބޭރުފުށުގައި އެ ހުރި ރީތި ކަމާ އެއްވަރަށް އެކުދީންގެ އެތެރެފުށުގައި ހުރި އަޚުލާގީ ރީތި ސިފަތައް ވެސް ހަމަ އެގޮތުގައި ދެމިގެން ދިއުމަށެވެ.

comment ކޮމެންޓް