އެއްމަސްތެރޭ މައްސަލަތައް ނިންމޭތޯ މަސައްކަތް އެބަކުރަން: ހުޅުމާލޭ ކޯޓު

ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް ކޯޓުގައި ނުނިމިހުރި ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބުނެފި އެވެ.

ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ނުނިމި ގިނަ ދުވަސްވީ 54 މައްސަލައެއް އެ ކޯޓުގައި އެބަހުރި ކަމަށާއި އެ މައްސަލަތައް އެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެ 54 މައްސަލަ އެއް މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭ ކޯޓުން ނިންމާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އެއް މަސް ދުވަހުގެތެރޭގައި ނިންމުމަށް ހުރިހާ ކޯޓުތަކަށް ސުޕްރީމް ކޯޓުން އަންގާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެގޮތަށް އަންގާފައި ވަނީ އެ ކޯޓުން ހުރިހާ ކޯޓުތަކަށް ފޮނުވި އާންމު ސިޓީއެއްގަ އެވެ.

comment ކޮމެންޓް