ދުނިޔޭގެ ފުރަތަމަ "އަލްޓްރާ ލަގްޒަރީ އެޓޯލްސް" ރާއްޖޭގައި ހަދަނީ!

ކްރިސްޓީސް އިން ރާއްޖޭގައި ހަދާ "ފްލޯޓިންސް އައިލެންޑްސް"ގެ ކުރެހުމެއް -- ފޮޓޯ: ޑެެއިލީ މެއިލްސް

ދުނިޔޭގެ އެންމެ ފުރަތަމަ "ފްލޯޓިން އައިލެންޑްސް" ރާއްޖޭގައި ހެދުމަށް ޕްލޭން ކޮށްފައިވާ ކަމަށް، މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި، ކްރިސްޓީސް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް އިން ހާމަކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލްގައި ބުނެފައި ވަނީ، ދުނިޔޭގެ އެންމެ ފުރަތަމަ "އަލްޓްރާ ލަގްޒަރީ އެޓޯލްސް" ރާއްޖެއާއި މިއާމީ އަދި ދުބާއީގައި ހެދުމަށް ހަމަޖެހިފައިވާއިރު "އަމިއްލަރަށް ޕްރައިވެޓް އައިލެންޑްސް"ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއު ފުރަތަމަ ހިންގަނީ ރާއްޖޭގައި ކަމަށެވެ.

މުއްސަނދި މަހުޖަނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗުއްޓީ ހޭދަކޮށްލުމަށް ލާރިތައް އޮއްސަމުންދާއިރު، ރާއްޖޭގައި ހަދާ މަސްނޫއީ އަތޮޅުގެ ރަށްތައް އެފަދަ މީހުންނަށް އަމިއްލަ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވިގެން ދާނޭ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

މި ރަށްތަށް ފަރުމާކޮށްފައި ވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުނަސް އޭގެ ނޭދެވޭ އަސަރު ނުކުރާގޮތަށް ރައްކާތެރި ގޮތަކަށް ކަމަށް ކްރިސްޓީސްއިން ބުނޭ -- ފޮޓޯ: ޑެއިލީމެއިލް

އަމިއްލަރަށް ޕްރައިވެޓް އައިލެންޑްގެ އަގުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ރަށްތަކަކީ، އެންމެ މަތީ ފެންވަރުގެ، ހުރިހާ ޚިދުމަތްތަކެއް އެކުލެވޭ، ތިމާވެއްޓާ ރަހްމަތްތެރި، ރައްކާތެރި ރަށްތަކަކަށް ވާނޭ ކަމަށް ވެސް ކްރިސްޓީސްއިން ބުނެފައި ވެއެވެ. އަދި އެ ރަށްތައް އެކުލެވޭ އަތޮޅު އޮންނާނީ ވެރިރަށް މާލެއާއި އެއާޕޯޓާވެސް މާ ދުރުނޫން ހިސާބެއްގައި ކަމަށް ވެއެވެ.

ކްރިސްޓީސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފްލޯޓިން އައިލެންޑްސް ހެދުމަށް ނިންމާފައިވާ އިރު، ރާއްޖެއަށްފަހު އެ މަޝްރޫއު އެންމެ އަވަހަށް ކުރިއަށް ގެންދާނީ، ދުބާއީ އާއި މިއާމީގައި ކަމަށްވެސް އެކުންފުނީން ހާމަކޮށްފައި ވެއެވެ.

ރާއްޖޭގައި ހަދާ ފްލޯޓިން އެޓޯލްގެ ރަށްތައް ފަރުމާކުރުމަށް ކްރިސްޓީސްއިން ޖީން-މިޝެލް ކިއުސްޓާސް އޯޝަން ފިއުޗާސް ސޮސައިޓީގެ އެހީ ހޯދުމަށް ނިންމާފައި ވާއިރު، ކްރިސްޓީސްގެ ސީއީއޯ ޑޭން ކޮން ވިދާޅުވެފައި ވަނީ، މިއީ ފެނުގައި އިމާރާތްތަށް ހެދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ޑަޗް ޑޮކްލޭންޑްސް މި ޒަމާނުގައި ލިބިގެންދާނޭ އާ ތަޖުރިބާއެއް ކަމަށެވެ. އަދި އެ ރަށްތައް ފަރުމާކުރާނީ ގަންނަ ފަރާތްތައް އެންމެ ގަޔާވާ ގޮތަކަށް ބަދަލުތައް ގެނެސްދޭ ގޮތަށް ކަމަށާއި އެރަށްތަކުގައިވާ ޕްރައިވެޓް ބީޗާ ޖެހިގެން ކިތަންމެ ބައިވަރު ޕޫލްތަކެއްވެސް ހެދޭ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހަދާ ފްލޯޓިން ރަށްތަކަކީ ތިމާވެއްޓާ ރައްޓެހި ރަށްތަކެއް ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކުންފުނިން ބުނޭ -- ފޮޓޯ: ޑެއިލީ މެއިލް

މޫދުގައި އިމާރާތްތައް ހެދުމަށް ޚާއްސަ ކުންފުންޏެއް ކަމަށްވާ ނެދަލޭންޑްގެ ޑަޗް ޑޮކްލޭންޑްސް އާއި ދިވެހި ސަރުކާރާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުން މިހާރުވެސް ރާއްޖޭގައި "އޯޝަން ފްލާވަރ"ގެ ނަމުގައި ރިސޯޓެއް ހަދަމުން ދާކަމަށް ޑެއިލީމެއިލްގައި ވެއެވެ. އެ ރިސޯޓްގައި 185 ވޯޓަރވިލާއާއި ޕްރައިވެޓް ޕޫލްތަކާއި ފިހާރަތަކާއި ރެސްޓޯރަންޓް ހިމެނޭކަމަށްވެއެވެ.

comment ކޮމެންޓް