ސީރިއާގެ ވައިގެސިފައިން އެގައުމުގެ ބާޒާރަކަށް ދިން ހަމަލާއެއްގައި 80 މީހުން މަރުވެއްޖެ

ސީރިއާގެ ވައިގެ ސިފައިން ދައުމާއަށް ދިން ހަމަލާގައި ޒަޚަމްވި މީހަކު ކްލިނިކަކުން ފަރުވާހޯދަން އައިސް -- ފޮޓޯ: ބީބީސީ

ސީރިއާގެ ހަނގުރާމަވެރީންގެ ބާރުގެދަށުގައި އޮންނަ އަވަށެއް ކަމަށްވާ ދައުމާގެ ބާޒާރަކަށް އެގައުމުގެ ވައިގެސިފައިން ދިން ހަމަލާއެއްގައި 80 ވަރަކަށް މީހުން މަރުވެއްޖެއެވެ.

އެހަމަލާއާ ގުޅޭގޮތުން ސީރިއާގެ އެކްޓިވިސްޓް ގްރޫޕްތަކާ ހަވާލާދީ ބީބީސީން ބުނީ، ވެރިރަށް ދިމިޝްގުކައިރީގައި އޮންނަ އެ އަވަށުގެ ބާޒާރުމަތީ ސަރަހައްދަކަށް އެގައުމުގެ ވައިގެ ސިފައިން ދިން ހަމަލާތަކުގައި މަދުވެގެން 80 މީހުން މަރުވެފައިވާއިރު، އެ ހަމަލާތަކުގައި 200 އަށްވެރު ގިނަމީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ސީރިއާގެ ސަލާމަތީ ބާރުތަކުން އަންނަނީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މިސައިލާއި ހެލިކޮޕްޓަރ ބެރެލް ބޮމް ބޭނުންކޮށްގެން ދައުމާއާއި އެ އަވަށުގެ ވަށައިގެންވާ ސަރަހައްދުތަކަށް އާންމުގޮތެއްގައި ހަމަލާތައް ދެމުންނެވެ. އެގޮތުން އިދިކޮޅުފަރާތްތަކާއި ސީރިއާ ސަރުކާރާ ދެމެދު ހިނގާފައިވާ ކުރިމަތިލުންތަކުގައި ކުށެއް ނެތް އެތަކެއް ސަތޭކަ އާންމުން ވަނީ މަރުވެފައެވެ.

އެކްޓިވިސްޓް ގްރޫޕްތަކުން ހާމަކޮށްފައިވާ "ޔަގީން ނުކުރެވޭ" ފޮޓޯތަކަކުން ދައްކާގޮތުގައި އާދީއްތަ ދުވަހު ވައިގެ ސިފައިން ދިން އެ ހަމަލާތަކުގައި ދައުމާގެ މާރުކޭޓު ސަރަހައްދު އެއްކޮށް ފުނޑުފުނޑުވެ، އިމާތްތައް ހަލާކުވެ، އެސަރަހައްދުގައިވާ އުޅަދުތައްވެސް ވަނީ އަނދައި ހުލިވެފައެވެ.

ދައުމާގައި ހަރަކާތްތެރިވާ ސަރުކާރާ އިދިކޮޅު އެކްޓިވިސްޓް ގްރޫޕަކުން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާދިން ސަރަހައްދުގައި ރެސްކިއު ޓީމުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެފަރާތްތަކުން ދަނީ ދިރިހުރި މީހަކު ފެނޭތޯ ވެއްޓިފައިވާ އިމާރާތްތަކާއި އެފަދަ އެހެނިހެން ތަންތަން ބަލަމުންނެވެ.

ދައުމާގެ މާރުކޭޓުކަމަށް ބުނެ އެކްޓިވިސްޓް ގްރޫޕަކުން ހާމަކޮށްފައިވާ ޔޫޓިއުބު ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް -- ބީބީސީ

އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އަށް މައުލޫމާތުދެމުން އެ ގްރޫޕުން ބުނީ، ހަމަލާދިން ސަރަހައްދުގެ ހާލަތު ވަރަށް ގޯސް ކަމަށާއި ޒަޚަމްވެފައިވާ މީހުން ފަރުވާހޯދުމަށް ގޮސް އެ ސަރަހައްދުގައިވާ ކްލިނިކްތައް ތޮއްޖެހިފައިވާއިރު، އެމްބިއުލެންސްގެ ހިދުމަތް ހޯދުމަށްވެސް ބުރޫއަރައި، އާންމުންގެ ކާރުތަކުގައި ވެސް މީހުންތައް ސިއްހީ ހިދުމަތްދޭ ތަންތަނަށް އުފުލަމުންދާ ކަމަށެވެ.

ވައިގެ ސިފައިންގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ، އެ ސަރަހައްދުގައި މަޑުކޮށްގެންތިބި ޖައިޝަލް އިސްލާމް ޖަމާއަދުގެ ހަނގުރާމަވެރީންނަށެވެ. އެ ހަމަލާތައް ދީފައި ވަނީ، ދައުމާއާ 11 ކިލޯމީޓަރު (7 މޭލު) ދުރުގައި އޮންނަ ދިމިޝްގަށް ރޮކެޓް ހަމަލާތަކެއް ދިނުމުންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަންގާރަ ދުވަހު ވެސް، ސީރިއާ ވައިގެސިފައިން ދައުމާއަށް ދިން ހަމަލާތަކެއްގައި ހަތަރު ކުޑަކުދީންނާއެކު ޖުމުލަ 34 މީހަކުވަނީ މަރުވެފައެވެ.

އދ.ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީގެ ހަތަރުވަރަކަށް އަހަރުކުރީންފެށިގެން މެދުނުކެނޑި ސީރިއާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 220,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގެދޮރު ގެއްލުމުގެ ސަބަބުން، ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދުތަކަށާއި އަވައްޓެރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަމުންދާ މީހުންގެ އަދަދު ނުވަ މިލިއަނަށްވުރެ މަތިވާނެއެވެ.

ސީރިއާގައި ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އަލްގައިދާގެ ނުސްރާ ފްރަންޓާއި، އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް)އާއި ޖައެޝަލް އިސްލާމް ފަދަ ޖަމާއަތްތައް ހަރަކާތްތެރިވަމުންދާއިރު، އެގައުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ނުރައްކާވަމުންނެވެ.

comment ކޮމެންޓް