އުންމީދަކީ ހޮސްޕިޓަލުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތިބުން: އަފީފް

ހުޅުމާލޭގައި އިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބިންގާއަޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ --

ހުޅުމާލޭގައި މިއަދު ބިންގާއެޅި ހޮސްޕިޓަލުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިދުމަތުގައި ތިބޭނެ ދުވަހަކީ އުފާވެރި ދުވަހަކަށް ވާނެ ކަމަށާއި އުންމީދަކީ އެއީ ކަމަށް އެ ހޮސްޕިޓަލް ހަދާ ކުންފުނި، ޓްރީ ޓޮޕްގެ އެއް ޑިރެކްޓަރު ޗަމްޕާ ހުސެއިން އަފީފް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ޓާޝިއަރީ ހޮސްޕިޓަލުގެ ބިންގާއަޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ޓޫރިޒަމް ތައާރަފު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޗަމްޕާ އަފީފް ވިދާޅުވީ ރާއްޖޭގައި ތައުލީމު ހާސިލްކުރާ ނަރުހުންނަށާއި ޑޮކްޓަރުންނަށް އިތުރު ތަމްރީނު ދިނުމަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަން ކުރިއަށް ދާނީ، ހޮސްޕިޓަލް ހިންގާ ކުންފުނި، މެލޭޝިޔާގެ ރަމްސީ ސައިމް ޑާބީއާ ގުޅިގެން ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.

ޖުމްލަ 159 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލު އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ދެ ބްލޮކަކަށެވެ. އެގޮތުން ބަލި މީހުންނާ ގުޅުހުރި ހުރިހާ މަސައްކަތަކަށް އެއް ބްލޮކް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަނަށް އަނެއް ބްލޮކް ހާއްސަކުރެވިގެންދާނެ ކަމަށް ޓްރީޓޮޕް އިންވެސްޓްމެންޓުން ބުންޏެވެ.

އޭގެ އިތުރުން ބަލިމީހާ އެޑްމިޓް ކުރާ ހިސާބުން ފެށިގެން އާއިލާގެ މެންބަރުންނަށް ވެސް އެކޮމަޑޭޝަން ހަމަޖެހޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބިންގާ މިއަދު ރައީސް އަޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ --

އަފީފް ވިދާޅުވީ ހޮސްޕިޓަލް ނިމުމުން ބޭސްފަރުވާއަށް ވިސާ ހޯދަން ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި ހޮސްޕިޓަލުން ބޮޑެތި ބަލިތަކަށް ފަރުވާ ލިބިގެންދާނެ ކަމަށެވެ.

ސަރަހައްދީ ފެންވަރުގައި ވެސް އެންމެ ހިދުމަތް ރަނގަޅު ހޮސްޕިޓަލުތަކުގެ ތެރޭގައި އެ ހޮސްޕިޓަލް ހިމެނިގެން ދާނެ ކަމަށް އަފީފް ވިދާޅުވި އެވެ.

ްއަފީފު ވިދާޅުވީ އެ މަޝްރޫއު އަށް ލޯނު ދިނީ، ދިވެހި ބޭންކް، ބޭންކް އޮފް މޯލްޑިވްސް އާއި އެޗުބީސީ އިން ކަމަށެވެ. އަދި އެއީ 80 މިލިއަން ޑޮލަރު (1233.6 މިލިއަން ރުފިޔާ) ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލޯން ދެއްވުމަށް ޓަކައި ކުރެއްވި އިތުބާރަށް ޓަކައި އެ ބޭންކްތަކުގެ ބޯޑަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އަފީފް ވިދާޅުވި އެވެ.

އެ ހޮސްޕުޓަލް ހިންގަން ހަވާލު ކުރަނީ، އަފީފް ވިދާޅުވި ގޮތުގައި، މެލޭޝިޔާގެ ރަމްސީ ސައިމް ޑާބީއާ އެވެ. އަދި އޭނާ ވިދާޅުވީ ހޮސްޕިޓަލް އިމާރާތް ކުރުމާއި ހިންގުން ބޭރު ބަޔަކާ ހަވާލުކޮށްފައި ވަނީ އެއީ "އަޅުގަނޑުމެންނަށް ކުރަން ނޭނގޭ ކަމަކަށް ވާތީ" ކަމަށެވެ.

މިހާރު ރާއްޖޭން ފަރުވާ ލިބެން ނެތް ބޮޑެތި ބަލިތަކަށް ވެސް ފަރުވާ ލިބޭ ގޮތަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވާ އެ ހޮސްޕިޓަލު އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ 2016 ނޮވެމްބަރުގަ އެވެ. އަދި ހޮސްޕިޓަލު ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީހަކީ 2017 މާޗު އެއް ވަނަ ދުވަހެވެ.

comment ކޮމެންޓް