އިންޑިއާގައި 850 އަށް ވުރެ ގިނަ ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރަނީ

އިންޑިއާގައި 850 އަށްވުރެ ގިނަ، ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓުތައް ބްލޮކް ކޮށްދިނުމަށް އެގައުމުގެ ސަރުކާރުން އެދިއްޖެ އެވެ.

އިންޑިއާގައި އެފަދަ ސައިޓުތައް ނުބެލޭ ގޮތަށް ބްލޮކް ކޮށްދިނުމަށް އެދި އެ ގައުމުގެ ސަރުކާރުން ވަނީ މިދިޔަ ހުކުރު ދުވަހު އިންޓަނެޓް ޕްރޮވައިޑަރުންނަށް ލިޔުމެއް ފޮނުވާފަ އެވެ. އަދި ފޮނުވުމާއެކު އިންޓަނެޓް ޕްރޮވައިޑަރުން ވަނީ އެފަދަ ބޮޑެތި ސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތް މިހާރު ފަށާފަ އެވެ.

"މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޓެލެކޮމް ޑިޕާޓްމެންޓުން ދިނީ އޯޑަރެއް 857 ބަރަހަނާ ވެބްސައިޓް ބްލޮކް ކުރުމަށް. އެހެންވެ މިއަދާ ހަމައަށް ބައެއް އައިއެސްޕީސް ވަނީ ބްލޮކް ކޮށްފައި މި ހަފްތާތެރޭގައި،" އިތުބާރު ހުރި ފަރާތަކަށް ހަވާލާދީ ސީއެންއެން އައިބީއެން ނިއުސް އިން ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ކުރިއަށް ސަރުކާރުން ވަނީ "އިންޓަނެޓް އެންޑް މޮބައިލް އެސޯސިއޭޝަން އޮފް އިންޑިއާ" ގައި ބްލޮކް ކޮށްލެވިދާނެ އެފަދަ ސައިޓުތަކުގެ ލިސްޓެއް ދިނުމަށް އެދިފަ އެވެ.

ބައެއް ސައިޓުތައް މިހާރު ބްލޮކް ކޮށްލާފައިވީ ނަމަވެސް އިންޓަނެޓް ޕްރޮވައިޑަރުން ވަނީ ބައެއް ސައިޓުތައް ބްލޮކް ކޮށްލުމާމެދު އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ނުލިބޭނެކަމަށް ބުނެފަ އެވެ. "އިންޑިއާ ސަރުކާރާ އަޅުގަނޑުމެން (އިންޓަނެޓް ޕްރޮވައިޑަރުން) ބޭއްވި ބައްދަލުވުމަށްފަހު އަޅުގަނޑުމެން ވަނީ އިންޓާނަލް މީޓިން އެއް ބާއްވާފައި. އެ މީޓިންގައި މަޝްވަރާކުރެވުނު ސީދާ ސަބަބެއް ބަޔާން ނުކުރަނީސް ބައެއް ސައިޓުތައް ބްލޮކް ނުކުރުމަށް،" އިންޓަނެޓް ކުންފުންޏެއްގެ ވެރިޔަކާ ހަވާލާދީ ދަ އިކޮނޮމިކް ޓައިމްސް އިން ބުންޏެވެ.

އެ ބައްދަލުވުންތަކުގެ ކުރިއަށް އިންޑިއާގެ އައިޓީ އަދި ޓެލެކޮމް މިނިސްޓަރު ވަނީ އައިޓީ އަދި ޓެލެކޮމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވައި، އެކަމުގައި އެހީވުމަށް އެދިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އިންޑިއާ ސުޕްރީމް ކޯޓުގެ ލޯޔަރެއް ބުނެފައިވަނީ އެފަދަ ސައިޓުތައް ބްލޮކް ކުރަންޖެހޭ ކަމަށާއި އެއީ ރޭޕްކުރުން ފަދަ އަމަލުތަކަށް މަގުފަހިކުރުވާ ސައިޓުތަކެއް ކަމަށެވެ.

ސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތް ފަށަފައިވާ އިރު އިންޑިއާގައި މިހާރުވެސް ހާހަކަށްވުރެ ގިނަ ބަރަހަނާ ސައިޓުތައް ހޯސްޓްކޮށް ބޭނުންކުރަމުންދެ އެވެ. އަދި ބައެއް ބޮޑެތި ސައިޓުތައް މިހާރު ބްލޮކް ކޮށްލާފައި ވާތީ ބައެއް މީހުން އަންނަނީ ފާޅުގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކައި ސޯޝަލް މީޑިއާތަކުގައި ވާހަކަތައް ފަތުރަމުންނެވެ.

comment ކޮމެންޓް