އެޕަލް އާއި ބީއެމްޑަބްލިއު ގުޅިގެން ކާރެއް އުފައްދަނީ؟!

އެޕަލް އާއި ބީއެމްޑަބްލިއުގެ ލޯގޯ: އެޕަލް އާއި ބީއެމްޑަބްލިއު ގުޅިގެން ކާރެއް އުފައްދާނެ ކަމަށް ވާހަކަތައް ފެތުރޭއިރު، ބީއެމްޑަބްލިއު އިން ވަނީ ޓެލެކޮމް ކުންފުންޏެއްގެ އެހީނެތި ފަހުގެ ކާރެއް ނުއުފެއްދޭނެކަމަށް ބުނެފައި. އަދި އެޕަލް އިން އަންނަނީ ކާރެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން.

މޮބައިލް ފޯނުގެ ވިޔަފާރީގައި ކުރިއަރާފައިވާ މަޝްހޫރު އެޕަލް ކުންފުންޏާއި، ކާރު އުފެއްދުމަށް މަޝްހޫރު ބީއެމްޑަބްލިއު ކުންފުނި ގުޅިގެން ކާރެއް އުފައްދައި ބާޒާރަށް ނެރެން އުޅޭ ކަމުގެ އަޑު ފެތުރިއްޖެ އެވެ.

ބޭރުގެ ނޫސްތަކާއި ޓެކްނޮލޮޖީގެ ހަބަރުތައް ފަތުރާ ފަރާތްތައް ބުނާ ގޮތުން އެގޮތައް ވާހަކަ ދެކެވެން ފެށީ އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ޓިމް ކުކް، ބީއެމްޑަބްލިއުގެ އިސް ވެރިންނާއި ބައްދަލުކޮށް ވާހަކަތަކެއް ދެއްކާފައި ވާތީ އެވެ.

ބީއެމްޑަބްލިއުގެ މަސްދަރަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައި ވަނީ އެ ކާރުގައި ހިމެނިދާނެ ކަންތައްތަކާ ބެހޭ ގޮތުން މިހާރު ދެ ކުންފުނީގެ ބޯޑު މެންބަރުން މަޝްވަރާކޮށް ވާހަކަދައްކާފައިވާ ކަމަށެވެ.

"ޕަސެންޖާ ކާ"ގެ ނަމުގައި ކާރެއް އުފެއްދުމުގެ މަސައްކަތް އެ ދެ ކުންފުނި ގުޅިގެން ދާދި އަވަހަށް ފަށާނެ ކަމަށް ބެލެވިފައިވާ އިރު، ބީއެމްޑަބްލިއު އިން މިހާރު ވަނީ ޓެލެކޮމް ދާއިރާގެ ކުންފުންޏެއްގެ އެހީއާ ނުލައި އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނިފައިވާ ކާރެއް އުފައްދަން ދަތިވާ ކަމަށް ބުނެފަ އެވެ.

އެޕަލް އިން ވެސް އަންނަނީ މޮބައިލް ފޯނުގެ އިތުރުން "ސެލްފް ޑްރައިވިން އިލެކްޓްރިކް ކާރު" އެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެހެން މަސްދަރަކާ ހަވާލާދީ ޓެކްނޮލޮޖީގެ ހަބަރު ފަތުރާ ނޫހަކުން ބުނެފައި ވަނީ އެ ދެ ކުންފުނީގެ އިސްވެރިންގެ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ދާދި އަވަހަށް ދެ ކުންފުނީގެ މުއައްޒަފުން ބަދަލުކުރާތަން ފެނިދާނެ ކަމަށެވެ. އެއީ ކުރަންޖެހޭ ބައެއް ޓެކްނިކަލް މަސައްކަތްތައް ކުރުމަށެވެ.

comment ކޮމެންޓް