ފޭސްބުކް އުފެއްދި މާކް ޒަކަބާގް ބައްޕައަކަށް ވަނީ

ފޭސްބުކްގެ ބާނީ މާކް އަދި އޭނާގެ އަންހެނުން --- ފޮޓޯ ބީބީސީ

ފޭސްބުކްގެ ޗީފް އެގްޒެކެޓިވް މާކަ ޒަކަބާގް ގެ އަންހެނުން ޕްރިސިލާ ޗޭން އަންހެން ކުއްޖަކަށް ބަލިވެ އިންކަން އިއުލާނު ކޮށްފިއެވެ.

އެދެމަފިރިން މިކަން އިއުލާންކުރީ މާކް ގެ ފޭސްބުކް ޕޭޖްގައި ހުކުރު ދުވަހު ލިޔުނު ޕޯސްޓެއްގަ އެވެ.

"ޕްރިސިލާ އާއި އަހަރެން ވަރަށް އުފާވެރި ޚަބަރެއް ހިއްސާކުރަން ބޭނުން، އަހަރެމެންނަށް އަންހެން ކުއްޖެއް ލިބެނީ!" މާކް އޭނާގެ 33 މިލިއަން ފޮލޮވާޒް އާއި ހިއްސާ ކުރި އެވެ.

މާކް ހިއްސާކުރި ގޮތުގައި އެ ދެމަފިރިންނަށް ދަރިއެއް ލިބުން އެއީ އެމީހުން އެތައް އަހަރުތަކެއްވަންދެން ކުރި އުންމީދެކެވެ. މާކް ބުނިގޮތުގައި އޭނާގެ އަންހެނުން ތިން ފަހަރެއްގެ މަތިން ބަނޑުބޮޑު ވިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ދަރިފުޅު ބައިގެންދަނީ އެވެ.

މާކް ބުނިގޮތުގައި މިފަހަރު ދަރިފުޅު ބައިގެންދިއުމުގެ ފުރުސަތު ކުޑައެވެ.

"އަހަރުމެން އުންމީދުކުރަނީ އަހަރުމެންގެ ތަޖުރިބާ ހިއްސާ ކުރުމުގެ ސަބަބުން އަހަރުމެންނަށް މި އާ ވެގެން ދިޔަ އުންމީދު އެހެން މީހުންނަށް ވެސް އިހުސާސް ކުރެވޭނެ ކަމަށް. އަދި ގިނަ މީހުން އެމީހުންގެ ތަޖުރިބާ ހިއްސާ ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް،" މާކް ބުންޔެވެ.

މާކް ބުނިގޮތުގައި ގިމަ މީހުން ދަރިފުޅު ބައިގެންދިޔުން ފަދަ ހިތި ތަޖުރިބާތައް ހިއްސާއެއް ނުކުރެއެވެ. އަދި އެއީ އެމީހެއްގެ ކިބައިގައި ހުރި އުނި ސިފައެއްގެ ސަބަބުން ވީ ކަމެއް ކަމުގައި ދެކެއެވެ.

މާކް އޭނާ އާއި އޭނާގެ އަންހެނުންނަށް ކުރެވުނު ހިތި ތަޖުރިބާ ހިއްސާ ކުރުމުގެ މަގްސަދެއް ކަމުގައި ބުނީ އެ ތަޖުރިބާ ކުރެވިފައިވާ ނުވަތަ ކުރަމުންދާ އެހެން މީހުންނަށް އެހީތެރިވެދިނުމެވެ.

މާކް ގެ އެ ޕޯސްޓަށް 200،000 އަށްވުރެ ގިނަ "ލައިކް" ލިބި 18،000 އައް ވުރެ ގިނަ މީހުން ކޮމެންޓު ކޮށްފައި ވެއެވެ.

comment ކޮމެންޓް