ދުނިޔޭގެ ތިން ވަނަ އަށް އެންމެ ގިނަ ފޯނު ވިއްކާ ކުންފުންނީގެ މަގާމު ވާވޭ ހޯދައިފި

މައިކްރޮސޮފްޓް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ މޯބައިލް ފޯނު އުފައްދާ ކުންފުނީގެ މަގާމު، ޗައިނާގެ ކުންފުނި ވާވޭ ހޯދައިފި އެވެ.

މިދިޔަ އަހަރަށް ވުރެ 50 ޕަސެންޓަށް ވުރެ ގިނައިން މި އަހަރު ވާވޭ އިން ފޯނު އުފައްދާފައިވާ އިރު މި އަހަރު ވަނީ 30.6 މިލިއަން ފޯނު ވިއްކައިފަ އެވެ. އެއާ އެކު މޯބައިލް ފޯނު މާކެޓް ޝެއާގައި ތިން ވަނައިގައި ވާވޭ އޮތީ ހަތް ޕަސެންޓާއެކު އެވެ.

މައިކްރޮސޮފްޓް އިން މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 50.3 މިލިއަން ފޯނު ވިއްކާފައިވާ އިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވިއްކާފައި ވަނީ 27.8 މިލިއަން ފޯނެވެ.

މޯބައިލް ފޯނުގެ މާކެޓުގައި އަދި ވެސް އެއްވަނާގައި އޮތީ ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގް އެވެ. މާކެޓް ޝެއާގެ 20.5 ޕަސެންޓް ސެމްސަން އިން ހޯދާފައިވާ އިރު 10 ޕަސެންޓާއެކު ދެވަނައިގައި އޮތީ އެޕަލް ކުންފުންޏެވެ.

ވާވޭ ކުންފުނީގެ މޯބައިލް ފޯނުގެ ޝެއާއަށް އައި ކުރިއެރުމާއެކު މިވަގުތު އެންމެ ބޮޑު ބިރެއް ކުރިމަތި ވެފައިވަނީ އެޕަލް ކުންފުންޏަށެވެ. އެ ދެ ކުންފުނީގެ ދެމެދުގައި އޮތީ އެންމެ ތިން ޕަސެންޓްގެ ފަރަގެކެވެ.

comment ކޮމެންޓް