ފަޒާގެ އުޅަނދުތައް އުފުލާ ބިޔަ ރޮކެޓް ކާމިޔާބުކަމާއެކު ޗައިނާއިން ތަޖުރިބާކޮށްފި

ޗައިނާގެ ލޯންގްމާޗް ރޮކެޓެއް ފަޒާއަށްދަނީ

ބެއިޖިންގް (ޖުލައި 27): ޗައިނާއިން ދާދިފަހުން ތައްޔާރުކުރި ފަޒާގެ އުޅަނދުތައް އުފުލާ ބިޔަ ރޮކެޓް "ލޯންގް މާޗް 5" ކާމިޔާބުކަމާއެކު އެގައުމުން ތަޖުރިބާކޮށްފިއެވެ.

ފަޒާގެ ދިރާސާތަކާބެހޭ ޗައިނާގެ އިދާރާ (ސްޓޭޓް އެޑްމިިނިސްޓްރޭޝަން އޮފް ސައެންސް، އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީ) ބުނާގޮތުގައި މިއީ ފަޒާގެ އެންމެ ފުނަށް ދިރާސާ އުޅަނދުތައް ފޮނުވުމަށްޓަކައި އެގައުމުގެ ސައެންސްވެރިން އީޖާދުކުރި ޓެކްނޮލޮޖީން އުފެއްދި މުޅިން އައު ޖީލެއްގެ ރޮކެޓެކެވެ. މި ރޮކެޓްގެ ތަޖުރިބާ ދަތުރަށްފަހު ހަނދަށާއި ޕްލެނެޓްތަކަށް ޖައްވީ އުޅަނދުތައް ފޮނުވުމަށްޓަކައި އަންނަ އަހަރުން ފެށިގެން ވަރަށް ފުޅާދާއިރާއެއްގައި މިޖީލުގެ ރޮކެޓްތައް ބޭނުންކުރަން ފަށާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

"ލޯންގް މާޗް 5" ރޮކެޓަކީ ޖައްވީ އުޅަނދުތައް ފަޒާގެ އޯބިޓްތަކުގައި ބެހެއްޓުމަށްފަހު އެނބުރި ބިމަށް އައުމުގެ ގާބިލްކަން ލިބިފައިވާ ރޮކެޓެކެވެ. މީގެއިތުރުން ހަނދަށާއި ސްޕޭސް ސްޓޭޝަންތައް ޖައްވުގައި ބިނާ ކުރުމަށާއި އެތަންތަނަށް އެސްޓްރޮނޯޓުންނާއި ތަކެތި ހިފައިގެން ދަތުރުކުރުމަށްވެސް އެ ބާވަތުގެ ރޮކެޓްތައް ބޭނުންކުރުމަށް ޗައިނާ ވަނީ ރާވާފައެވެ.

ޗައިނާއަކީ ރަޝިޔާއާއި އެމެރިކާ ފިޔަވައި ފަޒާގެ އިލްމާއި ދިރާސާތަކުގައި އެންމެ ކުރީގައި އުޅޭ ގައުމެވެ. ޗައިނާގެ އަމާޒަކީ ފަޒާގެ ސައެންސާއި ޓެކްނޮލޮޖީގައި ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ މަގާމު ހޯދުންކަމަށްވާއިރު އެ ދާއިރާގައި ޗައިނާގެ ސައިންސްވެރިން ގެންދަނީ ފުޅާދާއިރާއެއްގައި ދިރާސާތައް ކުރަމުންނެވެ. ފަޒާގެ އުޅަނދުތައް އުފުލާ "ލޯންގް މާޗް" އާއިލާގެ ފުރަތަމަ ޖީލުގެ ރޮކެޓް އުފެއްދުމުގެ އެންމެ ފުރަތަަމަ ދިރާސާތައް ޗައިނާގެ ސައެންސްވެރިން ކުރަންފެށީ 1956 ވަނަ އަހަރުއެވެ. އެއީ މާއޮ ޒެޑޮންގް ގެ ޒައާމަތުގައި ޗައިނާއަށް ކޮމިއުނިސްޓް ރިވޮލިއުޝަން އައިތާ ހައެއްކަ އަހަރު ފަހުންނެވެ. ފާއިތުވި އަހަރުތަކުގައި ޗައިނާއިން ވަނީ ޖައްވަށް ސެޓަލައިޓް ފޮނުވުމަށާއި ދިރާސާ އުޅަނދުތައް ފޮނުވުމުގެ އިތުރުން އެސްޓްރޮނޯޓުން ފޮނުވުމަށް "ލޯންގް މާޗް" އާއިލާއަށް ނިސްބަތްވާ އެކި ފެންވަރުގެ އެކި ޓެކްނޮލޮޖީގެ ޖީލުތަކުގެ ރޮކެޓްތައް ބޭނުންކޮށްފައެވެ.

މީގެތެރޭގައި "ލޯންގް މާޗް 2" "ލޯންގް މާޗް 3" "ލޯންގް މާޗް 4" ހިމެނެއެވެ. އެންމެފަހުން އިއްޔެ ތަޖުރިބާކޮށްފައިމިވަނީ މިއާއިލާގެ އެންމެ ފަހުގެ ޖީލުގެ ރޮކެޓް ކަމަށްވާ "ލޯންގް މާޗް 5" ރޮކެޓެކެވެ. މިއީ މިއާއިލާގެ ކުރީގެ ޖީލުތަކުގެ ރޮކެޓްތަކަށްވުރެ ހުރިހާ ގޮތަކުންވެސް މަތިފެންވަރުގެ ޓެކްނޮލޮޖީއެއްގައި އުފައްދާފައިވާ ރޮކެޓެކެވެ. (ޒިންހުވާ)

comment ކޮމެންޓް